07 Nov 2017, 00:58
ކުރިން ލިބެމުން ނުދާ ހަދިޔާތަކެއް މަތީ މަޤާމަކަށް އައުމުން، ލިބެން ފެށުމުން، އެ ހަދިޔާތަކުގައި ހިފުމަކީ ހުއްދަ ކަމެއް ނޫން ކަމަށް ޝެއިހް އަހުމަދު ސަމީރު ވިދާޅުވެއްޖެ އެވެ.
ސަން ޓީވީގެ "އިލްމީ ހަޒާނާ" ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަމުން ސަމީރު ރޭ ވިދާޅުވީ ރިޝަވްތު ހިފުމާއި ދިނުމަކީ ވެސް އިސްލާމް ދީނުގައި ކަނޑައެޅިގެން ހަރާމް ކަމެއް ކަމަށާއި އަދި އެހެނިހެން ނަންނަމުގައި ވެސް ރިޝްވަތައް މަގުފަހިވާ ގޮތަށް ހަދިޔާ ބަދަލުކުރުމަކީ ހުއްދަ ކެމެއް ނޫން ކަމަށެވެ.
"ކުރިން ނުދެވޭ އެއްޗެއް ވަކި މަގާމަކަށް އަޔަތީވެ ލިބޭ ކަމަށްވެއްޖެއްޔާ އެ ހާލަތުގައި އެ ނުވާނެ ހުއްދައެއް. އެ ދާން ޖެހޭނީ ދައުލަތުގެ ބައިތުލް މާލަށް،" ސަމީރު ވިދާޅުވިއެވެ.
މިސާލެއްގެ ގޮތުގައި ޝެއިހް ސަމީރު ވިދާޅުވީ ރަސޫލު ޒަމާނުގައި ހަނގުރާމަތަކުން އިސްލާމުންނަށް ފަތަހަ ލިބުމުން ހަނގުރާމަމެވިރިންނަށް ހަދިޔާގެ ގޮތުގައި އެކި ފަރާތްތަކުން ތަކެތި ދެމުންދާ ކަމަށާއި ނަމަވެސް އެތަކެތި ހަނގުރާމަވެރިން ދެމުންދަނީ ދައުލަތުގެ ހަޒާނާއަށް ކަމަށެވެ.
ރިޝްވަތުގެ ނުބައިކަމުގެ މައްޗަށް އަލިއަޅުއްވާލައްވައި ވާހަކަފުޅު ދައްކަވަމުން ޝެއިހް ސަމީރު ވިދާޅުވީ އިންސާނެއްގެ ކަރާމާތް އެންމެ ބޮޑަށް ދަށްވެގެން ދާ އެއްކަމަކީ ރިޝްވަތުގެ މުއާމަލާތް ކަމަށެވެ.
"ރިޝްވަތުގައި ހިފާ މީހާގެ ކަރާމާތް ވެސް އެހާ ބޮޑަށް ވެއްޓިގެން ދާނެ. އަދި ރިޝްވަތު ދޭ މީހާގެ ކަރާމާތް ވެސް ވެއްޓިގެން ދާނެ. އެއީ އެކަކު އަނަކަކަށް އެނގި ކަށަވަރުވަނީ ދޭ މީހާއަށް ވެސް އެބަ ކަށަވަރުވޭ ހިފާ މީހާގެ އެއްވެސް ކަހަލަ އިންސާނީ ކަރާމާތެއް ގަބޫލުކުރާ ހަމައެއް އުސޫލެއް އަމިއްލަވަންތް ކަމެއް އޮންނަ މީހެއް ނޫން ކަން،" ޝައިހް ވިދާޅުވިއެވެ.
ޝެއިހު ވިދާޅުވީ އެ މީހެއްގެ މިލްކިއްޔާތުގައި ހުރި މުދަލަކާއި ފައިސާއެއް ލިބުނު ގޮތާމެދު ގިޔާމަތް ދުވަހުން ސުވާލު ކުރެވޭނެ ކަމަށާއި އެހެންކަމުން ގޮތް ނޭނގޭ ގޮތް ގޮތަށް ލިބޭ ފައިސާ އާއި މުދާ ގަބޫލު ކުރުމަކީ އެދެވިގެންވާ ކަމެއް ނޫން ކަމަށެވެ.
ސަމީރު ވިދާޅުވީ އިސްމާލީ ދައުލަތެއްގެ ވެރިއެއްގެ މަގާމުގައި ހުރި މީހަކު ރިޝްވަތު ހިފިކަން ސާބިތުވީ ނަމަވެސް އޭނާ ދީނުން ބޭރު ނުވާހާ ހިނދަކު ވެރިމީހާއާ ދެކޮޅަށް ރައްޔިތުން ނުނިކުމުވޭނެ ކަމަށާއި ނަމަވެސް ރިޝްވަތު ހިފުމަކީ ދީނުގައި ހަރާމް ކަމެއް ނޫން ކަމަށް ވިދާޅުވެއްޖެނަމަ އެ މީހަކު ދީނުން ބޭރުވެގެން ދާނެ ކަމަށެވެ.