07 Nov 2017, 16:03
ލިވަޕޫލްގެ ސެނަގޯލް ފޯވަޑް ސާޑިއޯ މާނޭ އަކީ ކަންތައްތައް ހާސިލްކުރާ ކުޅުންތެރިއެއް ކަމަށް ބުނެ، އޭނާއަށް އެ ކްލަބުގެ ލެޖެންޑް ސްޓީވަން ޖެރާޑް ތައުރީފް ކޮށްފި އެވެ.
އުމުރުން 25 އަހަރުގެ މާނޭ ވަނީ ފަޔަށް ލިބުނު އަނިޔާއަށްފަހު އެނބުރި ކުޅުމުގެ ތެރެއަށް ނުކުމެ، ލިވަޕޫލްގެ ފުރަތަމަ 11 އިން ޖާގަ ހޯދަން ފަށައިފައެވެ.
އިނގިރޭސި ޕްރިމިއާ ލީގުގައި މިދިޔަ ހޮނިހިރު ދުވަހު 4-1 ލަނޑުގެ ނަތީޖާއަކުން ވެސްޓް ހާމްގެ މައްޗަށް ލިވަޕޫލް ކުރި ހޯދި މެޗުގައި އޭނާގެ ކުޅުން ފާހަގަކޮށްލެވެ އެވެ. އެ މެޗުގައި މުހައްމަދު ސަލާހު ދެ ލަނޑު ކާމިޔާބުކޮށްފައި ވަނީ މާނޭ ތަނަވަސްކޮށްދިން ދެ ފުރުސަތުންނެވެ.
"މާނޭ އަކީ ވަރަށް ޝައުގުވެރި ކުޅުމެއް ދައްކާ ކުޅުންތެރިއެއް. މާނޭ ދައްކަމުންދާ ކުޅުމުގެ ސަބަބުން ބޮޑު އަގު ދީފައި ވެސް މީހުން އޭނާގެ ކުޅުން ބަލަން ދާނެ. އޭނާ އަކީ ވަރަށް ހަލުވި، ކަންތައްތައް ހާސިލްކުރާ ކުޅުންތެރިއެއް،" މާނޭއާ ބެހޭގޮތުން ޖެރާޑް ބުންޏެވެ.
ޖެރާޑް ބުނީ، ހަލުވި ކުޅުމުގެ އިތުރުން މާނޭގެ ގޯލުތަކާއި އެސިސްޓްތައް ވެސް ފާހަގަކޮށްލެވޭ ކަމަށާއި މާނޭ އަކީ ވޯލްޑް ކްލާސް ކުޅުންތެރިއެއް ކަމަށެވެ.