ޗެލްސީގެ ޓެކްނިކަލް ޑިރެކްޓަރުގެ މަގާމުން މައިކަލް އެމެނާލޯ އިސްތިއުފާ ދީފި އެވެ.

ޗެލްސީގެ އެކި މަގާމުތައް 2007 އިން ފެށިގެން ފުރާފައިވާ އެމެނާލޯ އިސްތިއުފާ ދީފައި ވަނީ އެ ކްލަބަށް ބަދަލުތަކެއް ގެންނަން އުޅޭކަމުގެ ވާހަކަތައް ފެތުރިފައިވާ ދަނޑިވަޅެއްގަ އެވެ.

"މި ނިންމުމަކީ އަހަރެންނަށް ވަރަށް އުނދަގޫ ނިންމުމެއް. އެކަމަކު މިއީ އަހަރެންނާއި އަހަރެންގެ އާއިލާ އަދި ކްލަބަށް ވެސް އެންމެ ރަނގަޅު ނިންމުމަށް ވާނެ ކަމަށް އަހަރެން ގަބޫލުކުރަނީ. ފާއިތުވެދިޔަ 10 އަހަރު ދުވަހުގެ ތެރޭގައި ކުޅިވަރުގެ ދުނިޔޭގެ ހުނަރުވެރި ފަރާތްތަކާ އެކު މަސައްކަތް ކުރުމުގެ ފުރުސަތު އަހަރެންނަށް ލިބުނު. އަދި ކްލަބާ އެކު ހޯދުނު ކާމިޔާބީތަކާ މެދު ފަހުރުވެރިވަން. އަހަރެން އެދެނީ ކުރިމަގުގައި ޗެލްސީއަށް ކާމިޔާބު ލިބުމަށް،" އޭނާ ބުންޏެވެ.

އިނގިރޭސި ޕްރިމިއާ ލީގުގައި އިއްޔެ މެންޗެސްޓާ ޔުނައިޓެޑާ ދެކޮޅަށް ކުޅެ، 1-0 ލަނޑުން ޗެލްސީ މޮޅުވި މެޗުގެ ކުރިން އެ ކްލަބުގެ ކޯޗުކަމުން އެންޓޯނިއޯ ކޮންޓޭ ދުރުކޮށް، އެ މަގާމަށް ކާލޯ އެންޗެލޮއްޓީ ހަމަޖައްސަން އުޅޭކަމުގެ ހަބަރުތަކެއް ފެތުރިގެން ގޮސްފައިވެ އެވެ. ޗެލްސީގެ ޓެކްނިކަލް ޑިރެކްޓަރުގެ މަގާމުން އެމެނާލޯ އިސްތިއުފާ ދިނުމާ އެކު، އެ ކްލަބުގެ ވެރިންގެ ލެވެލްގައި މައްސަލަތެކެއް ކުރިމަވާނެ ކަމުގެ ހަބަރުތަކެއް ޗެސް މިހާރު ވަނީ ފެތުރެން ފަށައިފަ އެވެ.

އެމެނާލޯގެ އިސްތިއުފާއާ ގުޅިގެން ޗެލްސީގެ ކޯޗު ކޮންޓޭ ބުނީ، އެމެނާލޯ އިސްތިއުފާ ދިނުމުން ހިތާމަކުރާ ކަމަށާއި މިދިޔަ ސީޒަނުގެ ޕްރިމިއާ ލީގު ކާމިޔާބު ކޮށްދިނުމަށް އެހީތެރިކަން ފޯރިކޮށްދިނުމަށް އެކަމަށް އޭނާއަށް ޝުކުރު އަދާކުރާ ކަމަށެވެ.

"އަހަރެމެން ދޫކޮށް އެމެނާލޯ ދިއުމަކީ ލިބުނު ވަރަށް ބޮޑު ދެރައެއް. އަހަރެން މި ކްލަބާ ހަވާލުވި ފަހުން އެމެނާލޯގެ ފަރާތުން ލިބުނު އެހީތެރިކަމަށް އޭނާއަށް ޝުކުރު އަދާކުރަން. އޭނާއާ އެކު އަހަރެން މަސައްކަތްކުރީ ވަރަށް އުފަލާ އެކު. މިދިޔަ މެއި މަހު އަހަރެމެން އެކުގައި ޕްރިމިއާ ލީގުގެ ކާމިޔާބީ ފާހަގަކުރިން. އަހަރެން އެދެނީ ކުރިމަގުގައި އޭނާއަށް ކާމިޔާބީއަށް،" ޗެލްސީގެ ކޯޗު ބުންޏެވެ.

ޗެލްސީގެ ސްކައުޓިން ޑިޕާޓްމަންޓުގައި އިސްދައުރެއް އަދާކުރި އެމެނާލޯއަށް ވަނީ މިސީޒަނުގައި އެކްލަބުން ޓާގެޓް ކުރި ކުޅުންތެރިންތަކެއް ނުގެނެވިފަ އެވެ. މެންޗެސްޓާ ޔުނައިޓެޑާ ގުޅުމުގެ ކުރިން ރޮމެލޫ ލުކާކޫ ހޯދުމަށް ޗެލްސީން މަސައްކަތްކުރި އިރު، ލިވަޕޫލްއާ ގުޅުމުގެ ކުރިން އެލެކްސް އޮކްސްލޭޑް ޗެމްބަލޭންގެ ސޮއި ހޯދުމަށް ވެސް މަސައްކަތްކުރި އެވެ. އަދި އެލެކްސް ސެންޑްރޯ ގެނައުމަށް ޔުވެންޓަސްއާ އެކު އެއްބަސްވުމަކާ ހަމައަށް ވެސް ދެވިފައެއް ނުވެ އެވެ.

ޗެލްސީގައި އެމެނާލޯ ހޭދަކުރި މުއްދަތުގެ ތެރޭގައި އޭނާ ވަނީ އެ ކްލަބާ އެކު ތިން ފަހަރު އިނގިރޭސި ޕްރިމިއާ ލީގާއި ޗެމްޕިއަންސް ލީގާއި ޔޫރޮޕާ ލީގާއި އެފްއޭ ކަޕް އަދި ލީގު ކަޕް ކާމިޔާބުކޮށްފަ އެވެ.