07 Nov 2017, 08:40
މިހާތަނަށް ކުޅެފައިވާ ހުރިހާ ފިލްމަކުން ވެސް ދައްކުވައިދެނީ އޭނާ ބޭނުންވަނީ ރަނގަޅު ކޮންޓެންޓު ކަމަށާއި، ފައިސާ ނޫން ކަމަށް ސިދާރްތު މަލޯތުރާ ބުނެފި އެވެ.
ސިދާރްތު ފިލްމީ ދާއިރާއަށް ނުކުތީ މީގެ ފަސް އަހަރު ކުރިންނެވެ. މިހާތަނަށް އޭނާގެ އަށް ފިލްމެއް ބެލުންތެރިންނާ ހަމައަށް ވަނީ އައިސްފައެވެ. އަދި ކޮންމެ ފިލްމެއްގައި ވެސް ސިދާރްތު ފެނިގެން ގޮސްފައި ވަނީ ތަފާތު ރޯލަކުންނެވެ.
ޕީޓީއައިއަށް ދިން އިންޓަވިއު އެއްގައި ސިދާރްތު ބުނީ އޭނާ ބޭނުން ވަނީ އާ ކަންކަން ތަޖުރިބާ ކުރަން ކަމަށާއި ފިލްމު ވިކުމާއި ނުވިކުމަކީ އޭނާ ބަލާ ކަންކަން ނޫން ކަމަށެވެ.
"ދުވަހަކު ވެސް ފައިސާއަށް ފިލްމެއް ނުކުޅެން. ފިލްމު ކުޅެފައި ހުންނާނީ އެ ފިލްމެއްގައި މަސައްކަތް ކުރަން ވަރަށް ބޮޑަށް ބޭނުން ވުމުން. އެކްޓަރެއްގެ ގޮތުން ލިބޭ އާމްދަނީ އާމެދު ދުވަހަކު ވެސް މައްސަލައެއް ނުޖައްސަން،" ސިދާރްތު ބުންޏެވެ.
ސިދާރްތުގެ އެންމެ ފަހުގެ ފިލްމު 'އިއްތިފާގް' އަށް ރަނގަޅު ތަރުހީބެއް އަންނަނީ ލިބެމުންނެވެ. އެހެން ނަމަވެސް ފިލްމަށް 100 ކުރޯރު ނުލިބޭނެކަން އެނގޭ ކަމަށާއި، ފިލްމު އުފެއްދީ ވެސް ކުޑަ ބަޖެޓަކުން ކަމަށް ސިދާރްތު ބުންޏެވެ.
ސިދާރްތަށް ފުރަތަމަ ފިލްމު ހުށަހެޅީ 2014 ވަނަ އަހަރު އެވެ. އެހެން ނަމަވެސް 'އެކް ވިލަން' އަށް ފަހު އަނެއްކާ ވެސް އިތުރު މިސްޓްރީ ފިލްމެއްގެ މަސައްކަތް ކުރަން ބޭނުން ނުވުމުން ފިލްމު ދޫކޮށްލީ އެވެ.
ނަމަވެސް އަނެއްކާވެސް ޑައިރެކްޓަރު އަބޭ ޗޯޕްރާ އަދި ޕްރޮޑިއުސަރު ޖޫނޯ ޗޯޕްރާ ވަނީ ފަހުން ސިދާރްތު އަށް ފިލްމު ހުށަހަޅައިފައެވެ.
ސިދާރްތުގެ އިތުރުން ސޮނާކްޝީ ސިންހާ އަދި އަކްޝޭ ޚަންނާ ވެސް މުހިންމު ރޯލަކުން ފެނިގެންދާ އެ ފިލްމަކީ 1969 ވަނަ އަހަރު ނުކުތް 'އިއްތިފާގް'ގެ ރީމޭކް އެކެވެ.