އިންޑިއާގެ ލެޖެންޑަރީ ކްރިކެޓް ކެޕްޓަން ކަޕިލް ދޭވްގެ ހަޔާތުގެ މައްޗަށް އުފައްދާ ފިލްމު ރިލީޒް ކުރާނެ ތާރީޚު ހަމަޖައްސައިފި އެވެ.

ކާމިޔާބު ޑައިރެކްޓަރު ކަބީރު ޚާން ޑައިރެކްޓު ކުރާ އެ ފިލްމު ރިލީޒް ކުރުމަށް ހަމަޖެހިފައި ވަނީ 2019 ވަނަ އަހަރުގެ އޭޕްރީލް މަހުގެ ނުވަ ވަނަ ދުވަހު އެވެ.

ރަންވީރު ކަޕޫރު ލީޑު ރޯލުން ފެނިގެންދާ އެ ފިލްމު ރިލީޒް ކުރާނެ ތާރީޚު ކަނޑައަޅައިފައި ވީނަމަވެސް، ފިލްމުގެ ޝޫޓިން ފަށާނެ ތާރީޚު އަދި މުޅިން ހަމަނުޖެހެ އެވެ. ރިޕޯޓުތައް ބުނާގޮތުން ފިލްމުގެ ޝޫޓިން ފަށާނީ އަންނަ އަހަރުގެ މެދު ތެރޭގައެވެ.

ފިލްމުގައި ހިމަނާފައި ވަނީ 1983 ވަނަ އަހަރު ކަޕިލް ދޭވް ގެ ކެޕްޓަން ކަމުގެ ދަށުން އިންޑިއާ އިން ކްރިކެޓް ވޯލްޑް ކަޕް ހޯދި ގޮތެވެ.

އެ އަހަރު ލަންޑަންގައި ކުރިއަށް ދިޔަ ވޯލްޑް ކަޕް އިންޑިއާ އިން ކާމިޔާބު ކުރީ ފައިނަލްގައި ވެސްޓް އިންޑީޒް އާއި ވާދަކޮށްގެންނެވެ. އެއީ އިންޑިއާ އިން ކްރިކެޓް ވޯލްޑް ކަޕް އުފުލައިލި ފުރަތަމަ ފަހަރެވެ.

ރަންވީރު ފިޔަވައި ފިލްމުން ދެން ފެނިގެންދާނެ އިތުރު އެއްވެސް އެކްޓަރެއް އަދި ފައިނަލް ނުކުރެ އެވެ.

ރަންވީރު ދެން އެންމެ އަވަހަށް ފެނިގެން ދާނީ އަންނަ ޑިސެމްބަރު މަހުގެ ފުރަތަމަ ދުވަހު ރިލީޒް ކުރުމަށް ހަމަޖެހިފައިވާ ސަންޖޭ ލީލާ ބަންސާލީގެ ފިލްމު 'ޕަދްމާވަތީ' އިންނެވެ. ފިލްމުގައި ރަންވީރު އަދާކުރާނީ އަލާއުއްދީން ޚިލްޖީގެ ރޯލެވެ.