ވެސްޓް ހާމް ޔުނައިޓެޑްގެ ކޯޗުކަމުގެ މަގާމުން ސްލެވަން ބިލިޗް ދުރުކޮށްފި އެވެ.

އިނގިރޭސި ޕްރިމިއާ ލީގުގައި އެންމެ ފަހުން ވެސްޓް ހާމް ކުޅުނު މެޗުގައި ލިވަޕޫލް އަތުން 4-1 ލަނޑުގެ ނަތީޖާއަކުން ބަލިވެ، ވެސްޓް ހާމް ވަނީ ލީގު ތާވަލުގެ 18 ވަނައަށް ވެއްޓިފަ އެވެ. ލީގުގައި ވެސްޓް ހާމް ކުޅުނު 11 މެޗުގެ ތެރެއިން މޮޅުވެފައި ވަނީ އެންމެ ދެ މެޗުންނެވެ.

ވެސްޓް ހާމްގެ ކޯޗުކަމުން ބިލިޗް ދުރުކުރުމާ ގުޅިގެން އެ ކްލަބުގެ ކޯޗުކަމުގެ މަގާމާ ދެން ހަވާލުވުން އެންމެ ގާތީ މެންޗެސްޓާ ޔުނައިޓެޑް އަދި އެވަޓަންގެ ކުރީގެ ކޯޗު ޑޭވިޑް މޮއިސް އެވެ.

"ވެސްޓް ހާމްގެ ކޯޗުކަމުގެ މަގާމުން ސްލެވަން ބިލިޗް ދުރުކުރިކަން ކްލަބުން ކަށަވަރުކޮށްދެން. ފާއިތުވެދިޔަ ދެ އަހަރާއި ބައިގެ މުއްދަތުގެ ތެރޭގައި ކްލަބަށް ބިލިޗް ކޮށްދިން ހިދުމަތްތަކަށް ޗެއާމަން އަދި ކްލަބުގެ ބޯޑުގެ ފަރާތުން ޝުކުރު އަދާކުރަން. ކްލަބު ކުރިއަށް ދިއުމަށް މިހާރު ބޭނުންވަނީ ބަދަލެއް. ބިލިޗްގެ އެސިސްޓަންޓުންގެ ގޮތުގައި މަސައްކަތްކުރި ނިކޯލާ ޔުންސެވިޗް، އެޑިން ޓާޒިޗް، ޖޫލިއަން ޑިކްސް އަދި މިލްޔެންކޯ ރެކް ވެސް ވަނީ މަގާމުތައް ދޫކޮށްލާފައި،" ވެސްޓް ހާމް އިން ނެރުނު ބަޔާނުގައި ބުނެފައިވެ އެވެ.

ބިލިޗްގެ ބަދަލުގައި ހަވާލުވާނެ ކޯޗެއް ވަރަށް އަވަހަށް އިއުލާން ކުރާނެ ކަމަށް ވެސްޓް ހާމް އިން ބުނެފައިވާ އިރު، އެ ކްލަބަށް ގެނައުމަށް މަސައްކަތްކުރާ މޮއިސްއަށް މަގާމު ހަވާލުކުރާނީ މިސީޒަންގެ ނިޔަލަށް ކަމަށް ހަބަރުތައް ބުނެ އެވެ.