06 Nov 2017, 18:28
އެމެރިކާގެ މަޔާމީގައި ބޮންގޮއްވައި ކިއުބާގެ ކުރީގެ ރައީސް ފިޑެލް ކާސްޓްރޯގެ ސަޕޯޓަރުންގެ ބޮލުގައި އެޅުމަށް އެމެރިކާގެ ޖާސޫސީ އިދާރާ ސީއައޭއިން ރޭވި ކަން، އެމެރިކާގެ ކުރީގެ ރައީސް ޖޯން އޮފް ކެނެޑީގެ މަރާ ގުޅޭ ތަހުގީގީ ލިޔުންތަކުން ހާމަވެއްޖެއެވެ.
ކިއުބާގައި އޮތް ކޮމިޔުނިސްޓް ވެރިކަން ވައްޓާލުމަށް އެމެރިކާއިން "އޮޕަރޭޝަން މޮންގޫސް" ހިންގި ދުވަސްވަރު ކިއުބާ ސަރުކާރާ ދެކޮޅަށް އެމެރިކާގެ ރައްޔިތުންގެ ހިތްތަކުގައި ނަފްރަތު އުފެެއްދުމަށްޓަކައި ސީއައިއޭއިން ރޭވީ އެމެރިކާގެ މަޔާމީގައި ބޮން ގޮއްވައި ކާސްޓްރޯގެ ސަޕޯޓަރުންގެ ބޮލުގައި އެކަން އެޅުވުމަށެވެ.
ސީއައިއޭއިން ރާވައިފައިވާ ޕްލޭންގައި އެމެރިކާއަށް ކިއުބާމީހުން ދަތުރުކުރާ ކުދިކުދި ބޯޓުތައް ފައްތާލުމުގެ އިތުރުން އެމެރިކާގެ ދިރިއުޅޭ ކިއުބާ ރެފިއުޖީން ހަމަލާތައް ދިނުންވެސް ހިމެނެއެވެ.
ނަމަވެސް އެ ޕްލޭން ދިރާސާކުރުމަށް ފަހު އެއީ އެންމެ ރަނގަޅު ޕްލޭންއެއް ކަމަށް ސީއައިއޭއަށް ނުފެނުމުން އޭގެ ހިޔާލުވަނީ ދޫކޮށްލައިފައެވެ. ކިއުބާއަކީ ކުޑަކުޑަ ގައުމަކަށްވެފައި އެގައުމުން އެމެރިކާއާ ދިމާކޮށްލައިފިނަމަ އެމެރިކާއިން ވަރުގަދައަށް ރައްދުދޭނެކަމާއި އެހެން ކަމުން ކިއުބާއިން އެމެރިކާއަށް ހަމަލާދިނުމަކީ ނާދިރުކަމެއްކަން އެމެރިކާ ރައްޔިތުންނަށް ވެސް އެނގެއެވެ.
އަލަށް ހާމަކުރި ލިޔުންތަކުގައިވާ ގޮތުން ކެނެޑީގެ ސަރުކާރު ފުރަތަމަ ދުވަސްވަރު ސީއައިއޭއިން ކިއުބާގެ ކުރީގެ ރައީސް ފިޑެލް ކާސްޓްރޯ އަވަހާރަކޮށްލުމަށް މާފިއާގެ މީހަކަށް ލާރި ދިނެވެ.