06 Nov 2017, 17:59
ރާއްޖެއަށް ޕްރޮފެޝަނަލް އެކައުންޓިން އަދި ފައިނޭންޝިއަލް އިންސްޓިއުޝަނެއް ވަރަށް މުހިއްމު ކަމަށް ރާއްޖޭގެ މަރުކަޒީ ބޭންކްގެ ގަވަރުނަރު އަހުމަދު ނަސީރު ވިދާޅުވެއްޖެއެވެ.
ޤައުމީ ފެންވަރުގައި ބާއްވާ އެކައުންޓެންޓް ފޯރަމް ހުޅުވުމަށް ހޮޓެލް ޖެންގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ނަސީރު ވިދާޅުވީ، އެކައުންޓިންގެ ދާއިރާގައި ގިނަ ގޮންޖެހުންތަށް ދިމާވާ ކަމަށާއި އެކައުންޓިން އަދި އޮޑިޓިން ކިޔަވައިގެން ތިބި ފަންނީ މީހުން ރާއްޖެއަށް ބޭނުންވާ ކަމަށެވެ.
ދިވެހި ރާއްޖޭގެ މަރުކަޒީ ބޭންކުގެ ހައިސިއްޔަތުން ހުރިހާ ބޭންކުތަކުން ވެސް ދުނިޔޭގެ ފެންވަރުގައި ޤަބޫލުކުރާ އެކައުންޓިން ސްޓޭންޑަޑްތަކަށް އަމަލުކުރޭތޯ ބަލަން ޖެހޭ ކަމަށާއި، މި ގޮތަށް އަމަލު ކުރެވޭނީ އެކައުންޓިން ދާއިރާއިން ފުރިހަމަ ތަމްރީނު ލިބިފައިތިބި އެކައުންޓެންޓުން އަދި އޮޑިޓަރުން މި ދާއިރާގެ ވަޒީފާތަކަށް ލިބިގެން ކަމަށް ވެސް ނަސީރު ވިދާޅުވި އެވެ.

ހޮޓެލް ޖެންގައި ކުރިއަށްދާ ފުރަތަމަ އެކައުންޓެންޓްސް ފޯރަމުގެ ތެރެއިން -- ސަން ފޮޓޯ/ ފަޔާޒު މޫސާ
ނަސީރު ވިދާޅުވީ، މާލީ އިދާރާތަކަކީ ޤައުމެއްގެ އިޤްތިޞާދެއް ބިނާކުރުމުގެ މައިގަނޑު އަސާސްތަކަށްވުމުން ބޭންކުތަކާ އިންޝުރެންސް ކުންފުނިތަކުގެ މާލީ ކަންކަމުގައި މަސަކަތްކުރާ މުވައްޒަފުންނަކީ މި ދާއިރާގައި ފުންނާނބު އުސްބަޔަކަށް ވާންޖެހޭ ކަމަށެވެ.
ދިވެހިރާއްޖެ ތަރައްޤީވެ ވިޔަފާރިތައް ފުޅާވަމުންދާ ދިއުމުގައި މާލީ ކަންކަމުގެ މަޢުލޫމާތު ދީ އެފަދަ ވިޔަފާރިތައް ޙިމާޔަތްކޮށް ރައްކާތެރި ކަމާއެކު ހިންގުމުގެ ބޭނުމަށާއި، އަދި ޕަބްލިކް ފައިނޭންސް މެނޭޖުކޮށް ހިންގައި ބެލެހެއްޓުމަށް ވެސް އެފަދަ އިންސްޓިއުޝަނެއް ބޭނުންވާ ކަމަށް ވެސް ނަސީރު ވިދާޅުވިއެވެ.

ހޮޓެލް ޖެންގައި ކުރިއަށްދާ ފުރަތަމަ އެކައުންޓެންޓްސް ފޯރަމުގައި އޮޑިޓާރ ޖެނަރަލް ހަސަން ޒިޔަތު -- ސަން ފޮޓޯ/ ފަޔާޒު މޫސާ
މިއަދުގެ ފޯރަމުގައި އޮޑިޓާ ޖެނަރަލް ދެއްކެވި ވާހަކަފުޅުގައި ވެސް އެފަދަ ބޮޑީއެއްގެ މުހިންމުކަން ފާހަގަ ކުރައްވައި ވިދާޅުވީ އެކަމަށް މަސައްކަތްތަކެއްކޮށް އެކަމަށް ބޭނުންވާ ޤާނޫނު ފަރުމާކުރުމަށް ޑްރާފްޓް ބިލެއް އެކުލަވާލައި އެޓާނީ ޖެނަރަލްގެ ލަފާފުޅަށް ފޮނުވާފައި ވާނެ ކަމަށެވެ.