04 Aug 2011, 10:34
ލަންޑަން (އޮގަސްޓް 4) : އިނގިރޭސިވިލާތުގެ ދިފާއީ ކަންތައްތައް ފުރިހަމަ ނުކުރެވޭ މިންވަރަށް، އިނގިރޭސި ދިފާޢީ ޚަރަދުތައް ކުޑަކޮށްފި ކަމަށާއި މިކަމުގެ ސަބަބުން ފަހުގެ ތާރީޚުގައި އިނގިރޭސި ހަތިޔާރުއެޅި ލަޝްކަރުތައް ބަލިކަށިނުވާ މިންވަރަށް އެލަޝްކަރުތައް ބަލިކަށިވެއްޖެ ކަމަށް އިނގިރޭސި ޕާލަމެންޓްގެ ދިފާޢީ ކަންތައްތަކާ ބެހޭ ކޮމިޓީން ތުހުމަތުކޮށްފި އެވެ.
މިކޮމިޓިން ބުނި ގޮތުގައި ޤައުމުގެ ދިފާޢީ ބޭނުންތަކަށް ވުރެ ސަރުކާރުން އިސްކަންދެނީ ސިފައިންގެ ޚަރަދު ކުޑަކުރުމަށެވެ. މިކަމުގެ ސަބަބުން އިނގިރޭސި ލަޝްކަރުތަކުގެ ބެލެންސް ގެއްލި އަފްޣާނިސްތާނާއި ލީބިޔާގައި އިނގިރޭސި ސިފައިން މިހާރު އަދާކުރާ ޢަސްކަރީ ދައުރު ފުރިހަމަކުރުމުގެ ޤާބިލްކަން ވަރަށް ބޮޑަށް ކުޑަވެގެން ގޮސްފައިވާ ކަމަށް މިކޮމިޓީން ބުނެ އެވެ.
އިނގިރޭސިވިލާތުގައި މިހާރު ވެރިކަންކުރާ ކޮންޒަވޭޓިވް ޕާޓީ އާއި ލިބަރަލް ޑިމޮކްރެޓިކް ޕާޓީ ގުޅިގެން އުފައްދާފައިވާ ކޯލިޝަން ސަރުކާރުން ވަނީ ދައުލަތުގެ ދިފާޢީ ޚަރަދުތައް ވަރަށް ބޮޑަށް ކުޑަކޮށް ސްޓްރެޓީޖިކް ހަތިޔާރުގެ ސްޓޮކްވެސް ކުޑަކުރުމަށް ނިންމައިފަ އެވެ.
އިނގިރޭސިވިލާތުގެ ދިފާޢީ ޚަރަދުތައް ހަރުކަށި ގޮތެއްގައި ކުޑަކުރަން ޖެހުނީ ދިފާޢީ ބަޖެޓްގެ ޑެފިސިޓް 62 ބިލިޔަން ޑޮލަރަށް އެރުމާ އެކު އިޤްތިސާދަށް އަރަންފަށާފައިވާ ލޮޅުންތައް ކުޑަކޮށް އިޤްތިސާދު ހަމަމަގަށް އެޅުވުމުގެ ގޮތުން ކަމަށާ ދިފާޢީ ޚރަދުތަކާ އެކު ދައުލަތުގެ އެހެން ޚަރަދުތައް ވެސް ކުޑަކޮށްފައިވާނެ ކަމަށް ބޮޑުވަޒީރު ޑޭވިޑް ކެމެރޮންގެ ސަރުކާރުން ބުނެ އެވެ. (ރޮއިޓާސް)