ދިވެހިރާއްޖޭގެ ގައުމީ ޔުނިވާސިޓީ (އެމްއެންޔޫ) އާއި އިސްލާމިކް ޔުނިވާސިޓީ (އައިޔޫއެމް) ގުޅިގެން އެއްބާރުލުން ދިނުމުގެ އެއްބަސްވުމެއްގައި މިއަދު ސޮއިކޮށްފި އެވެ.

އިސްލާމިކް ޔުނިވާސިޓީގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި އެ އެއްބަސްވުމުގައި އައިޔޫއެމްގެ ފަރާތުން ސޮއި ކުރެއްވީ ޗާންސެލަރު ޑރ. މުހައްމަދު ޝަހީމު އަލީ ސައީދެވެ. ގައުމީ ޔުނިވާސިޓީން އެ އެއްބަސްވުމުގައި ސޮއި ކުރެއްވީ އެ ޔުނިވާސިޓީގެ ވައިސް ޗާންސެލަރު އަލީ ފަވާޒެވެ.

ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އައިޔޫއެމްގެ ޗާންސެލަރު ވިދާޅުވީ އެއްބަސްވުމުގެ ސަބަބުން ދަރިވަރުންނާއި މުވައްޒަފުންގެ ކުރިމަގު އުޖާލާވާނެ ކަމަށާއި އެކަމަކުގެ ސަބަބުން ގިނަ ފައިދާތަކެއް ކުރާނެ ކަމަށެވެ. މި އެއްބަސްވުމުގެ ސަބަބުން ދެ ފަރާތުން ގުޅިގެން ގިނަ ކަންތައްތަކެއް ކުރިއަށް ގެންދާނެ ކަމަށެވެ.

އެއް ބަޔަކު އަނެއް ބަޔަކުގެ ވަސީލަތްތަށް ބޭނުން ކުރުމުގެ މަގު އެ އެއްބަސްވުމުގެ ސަބަބުން ފަހިވެގެން ދިޔަ ކަމަށް ވެސް ޗާންސެލަރު ވިދާޅުވިއެވެ.

ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އެމްއެންޔޫގެ ވައިސް ޗާންސެލަރު ވިދާޅުވީ އެކަމުގެ ސަބަބުން އެއްކޮށް އެއް މިސްރާބަށް ދިޔުމަށް ފަސޭހަވެގެން ދާނެކަމަށެވެ.

"މިކަމުގެ ސަބަބުން ދިވެހިރާއްޖޭގެ މަތީ ތައުލީމަށް ވަރަށް ބޮޑެތި ކުރިއެރުން ތަކެއް ލިބިގެންދާނެ. އިންޓާ ލައިބްރަރީގެ ހިދުމަތް ދިނުމަކީ އަލަށް ފަށާ މަސައްކަތެއް. ދަރިވަރުންނަށް ވެސް ފަސޭހަވެގެންދާނެ،" އޭނާ ވިދާޅުވިއެވެ.

ފަސް އަހަރުގެ މުއްދަތަކަށް އެއްބަސްވުމުގައި ސޮއިކުރި ނަމަވެސް ފަސް އަހަރު ނިމުމުންވެސް ކުރިއަށް އޮތްތާގައި ވެސް އެ މަސައްކަތް ކުރެވިގެންދާނެ ކަމަށް ޝަހީމް ވިދާޅުވިއެވެ.

މިއަދު ދެ ޔުނިވާސިޓީގެ ދެމެދުގައި ސޮއިކުރި އެއްބަސްވުމުގައި ހިމެނޭ ކަންތައްތަކުގެ ތެރޭގައި ދެ ޔުނިވާސިޓީގެ ދެމެދުގައި މުވައްޒަފުން ތަމްރީނު ކުރުމުގެ ޕްރޮގްރާމްތައް ރާވާ ހިންގައި ދެ ޔުނިވާސިޓީގެ މުވައްޒަފުންނާއި ދަރިވަރުންނަށް ލައިބްރަރީގެ ހިދުމަތް ބޭނުންކުރެވޭނެ އެވެ. ރިސާޗް ކުރުމާއި، ކޮންފަރެންސްތަކާއި، ވޯކްޝޮޕްތައް ދެ ޔުނިވާސިޓީ ގުޅިގެން ހިންގައި ޕްރޮފެޝަނަލް ޑިވެލޮޕްމަންޓުގެ މަސައްކަތް ވެސް ދެ ޔުނިވާސިޓީ ގުޅިގެން ކުރާނެ އެވެ.

އެ ރަސްމިއްޔާތުގައި އައިޔޫއެމް އިން ވަނީ ގައުމީ ޔުނިވާސިޓީއަށް ހަނދާނީ ޝީލްޑެއް ވެސް ހަދިޔާކޮށްފަ އެވެ. އެ ޝީލްޑު ހަވާލުކޮށްދެއްވީ ޝަހީމެވެ. އަދި ޝީލްޑާ ހަވާލުވެވަޑައިގެންނެވީ ފަވާޒެވެ.