06 Nov 2017, 15:32
ކާބޯތަކެތީގެ ހިދުމަތް ދިނުމުގައި ހުންނަން ޖެހޭ ސާފުތާހިރުކަމުގެ މިންގަނޑާ ހިލާފުވުމުން މަޖީދީމަގުގައި ހުންނަ މަޝްހޫރު ފަސޭހަ ޕޮއިންޓް 1، ހެލްތު ޕްރޮޓެކްޝަން އޭޖެންސީ އިން މިއަދު ތަޅު އަޅުވައި އެތަން އަނެއްކާ ވެސް ބަންދުކޮށްފި އެވެ.
ހޮޓާ ބަންދު ކުރުމަށް ފަހު އެތަނުގެ ބޭރުގައި ހަރުކޮށްފައިވާ ނޯޓިސްގައި ބުނެފައި ވަނީ، އެ ހޮޓާ ބަންދު ކޮށްފައި ވަނީ "ކާބޯތަކެތީގެ ހިދުމަތް ދިނުމުގައި ހުންނަން ޖެހޭ ސާފުތާހިރު ކަމުގެ މިންގަނޑުތައް ބަޔާންކުރާ ގަވާއިދު"އާ ހިލާފު ވުމުން ކަމަށެވެ.

މަސްބުރި ރިހަ ވިއްކުމުގައި މަޝްހޫރު ފަސޭހަ ޕޮއިންޓް ބަންދުކޮށް އެތަނުގައި އެޗްޕީއޭ އިން ހަރުކޮށްފައިވާ ބަންދު ނޯޓިސް --- ފޮޓޯ/ ޓްވިޓާ
އެ ގަވާއިދަކީ ކާބޯތަކެތީގެ ޒަރިއްޔާ އިން ކުރިމަތިވެދާނެ ސިއްހީ ނުރައްކަލަކުން ހިދުމަތް ލިބިގަންނަ ފަރާތްތައް ރައްކާތެރި ކުރުމަށް އަމަލު ކުރަމުންދާ ގަވާއިދެކެވެ.
ސާފުތާހިރުކަން ނެތުމުގެ ސަބަބުން މަސްބުރި ރިހަ ވިއްކުމުގައި މަޝްހޫރު ފަސޭހަ ޕޮއިންޓް ހޮޓާ ވަނީ މީގެ ކުރިން ވެސް ބަންދު ކޮށްފަ އެވެ.
އެގޮތުން ކުރިން އެ ހޮޓާ ބަންދު ކޮށްފައި ވަނީ ތަނުގެ ތަޅުންގަނޑުގައި ކާއެއްޗެހި ބެހެއްޓުމާއި ކާބޯތަކެތި ތައްޔާރުކުރާ ތަނުގެ ތެރޭ ހުރި ފާހާނާއެއްގެ ތެރޭގައި ދިރޭ ބަކައްޓެއް ބަދެފައި އޮތުމުންނެވެ.
ހޮޓާ ބަންދުކުރުމާ ގުޅޭގޮތުން ފަސޭހަ ޕޮއިންޓް މިހާރު ހިންގަމުން އަންނަ އަހުމަދު ޝާކިރު ބުނި ގޮތުގައި، ހޮޓަލުގެ ހުރި ބައެއް ކަންތައްތައް ރަނގަޅު ކުރުމަށް އެޗްޕީއޭގެ އޮފިޝަލުން އެދުނު ކަމަށެވެ. އަދި ހޮޓާ ބަންދު ކުރީ އެކަންކަން ރަނގަޅު ކުރަމުންދަނިކޮށް ކަމަށް އޭނާ ބުންޏެވެ.
"އެޗްޕީއޭގެ އޮފިޝަލުން އައިސް ހޮޓަލުގެ ރަނގަޅު ކުރަންޖެހޭ ކަންތައްތައް ބުނެފައި 10 ދުވަސް ދެއްވި ރަނގަޅު ކުރަން. އަޅުނގަޑު ދެންނެވި 10 ދުވަހަކުން ނުވާނޭ. އެބޭފުޅުން ދެން ދެއްވީ 20 ދުވަސް. މުއްދަތު ދެއްވި ފަހުން ވަރަށް ގިނަ ކަންތައްތަކެއް އަޅުނގަޑުމެން ހުންނާނެ ހޮޓަލުގައި ރަނގަޅުކޮށްފައި. ހޮޓާ ހިންގަމުންދާއިރު ކަންކަން ރަނގަޅު ކުރުމަކީ އުދަނގޫ ކަމަކަށް ވެސް ވެދާނެ،" ޝާކިރު ބުންޏެވެ.
އޭނާ ބުނީ، ކަންތައްތަކެއް ރަނގަޅު ކުރަމުންދަނިކޮށް އެޗްޕީއޭގެ އޮފިޝަލުން އައިސް މިއަދު އެ ހޮޓާ ބަންދު ކުރީ ބަދިގޭގެ އުނދުން ކައިރީގައި އެއްޗެހި ތަކެއް ހުރެގެން ކަމަށް ބުނެ ކަމަށެވެ. އަދި ކުއްލިއަކަށް އައިސް ހޮޓާ ބަންދު ކުރުމަކީ މާލީ ގޮތުން ދެވޭ އަނިޔާއެއް ކަމަށް އޭނާ ބުންޏެވެ.
"ހޮޓާ ބަންދު ކުރިއިރު މެންދުރަށް ހުރީ ކައްކާފަ. އަޅުނގަޑުމެން ހޮޓަލަކީ ބޮޑު ބުރަ ހޮޓަލެއް. ހޮޓާ ބަންދު ކުރުމުގެ ސަބަބުން ގާތްގަނޑަކަށް 10 ނޫނީ 15 ހާސް ރުފިޔާގެ ގެއްލުން ވެގެންދާނެ. މުއައްސަސާއަކުން ބަލަންވާނެ ދެއްތޯ ކަމެއް ކުރާއިރު ވިޔަފާރިއަށް ގެއްލުން ނުވާނެ ގޮތަކަށް ކަންތައް ކުރަން،" ހޮޓާ ބަންދު ކުރުމުން ކަންބޮޑުވުން ފާޅުކޮށް ޝާކިރު ބުންޏެވެ.