06 Nov 2017, 15:04
ގައުމީ ޔުނިވާސިޓީގެ އެއްވެސް ފެކަލްޓީއެއް އުވާލަން ނޫޅޭކަމަށް އެ ޔުނިވާސިޓީގެ ވައިސް ޗާންސެލާ ޑރ. އަލީ ފަވާޒު ޝަރީފް ވިދާޅުވެއްޖެއެވެ.
ޔުނިވާސިޓީގެ ފެކަލްޓީ އޮފް ޝަރީއާ އެންޑް ލޯ އުވާލައި، އެ ފެކަލްޓީގައި ހިންގާ ކޯސްތައް އެހެން ފެކަލްޓީ ތަކަށް ބަދަލު ކުރަން އުޅޭ ކަމަށް މީޑިއާގައި ދެކެވޭ ވާހަކައާ ގުޅިގެން ފަވާޒު ސަން އަށް ވިދާޅުވީ "ރީ ސްޓްރަކްޗަރިންގެ މަސައްކަތް އަބަދުވެސް ކުރާ" ކަމަށެވެ. އަދި "އެއްވެސް ފެކަލްޓީއެއް އުވާލާ ވާހަކަ ނުދައްކަން" ކަމަށް ފަވާޒު ވިދާޅުވިއެވެ.
އެމްއެންޔޫގެ ފެކަލްޓީ އޮފް ޝަރީއާ އެންޑް ލޯގައި ކިޔަވައިދޭ ޝަރީއާގެ ކޯސްތައް އެ ޔުނިވާސިޓީގެ އިސްލާމިކް ފެކަލްޓީގެ ދަށަށް އަދި ލޯގެ ކޯސްތައް ބިޒްނަސް ސްކޫލުގެ ދަށަށް ބަދަލު ކުރަން އުޅޭކަމަށް މީޑިއާގައި ވަނީ ވާހަކަ ފެތުރިފައެވެ.
މީގެ އިތުރުން އެ ފެކަލްޓީގައި ކިޔަވާ ބައެއް ދަރިވަރުންވެސް ވަނީ ޝަރީއާ އެންޑް ލޯ އުވާލަން އުޅޭކަމަށް ވާހަކަ ދެކެވޭ ކަމަށް ބުނެފައެވެ. އެގޮތުން ފެކަލްޓީ އޮފް ޝަރީއާ އެންލޯ އުވާލަން ޔުނިވާސިޓީގެ ކައުންސިލުން ނިންމާފައިވާ ކަމަށާ އެ ފެކަލްޓީގެ ދަރިވަރުން ބިޒްނަސް ސްކޫލުގެ ދަށަށް ބަދަލުކޮށް ބިޒްނަސް ސްކޫލުގެ ނަން އެމްއެންޔޫ ސްކޫލް އޮފް ލޯ އެންޑް ބިޒްނަސްގެ ނަމަށް ބަދަލު ކުރަން އުޅޭ ކަމަށް އަޑުފެތުރޭ ކަމަށް އެމްއެންޔޫ ފެކަލްޓީ އޮފް ޝަރީއާ އެންޑް ލޯގެ ބައެއް ދަރިވަރުން ބުނެއެވެ.