މޯލްޑިވްސް ސްޕޯޓްސް ކޯޕަރޭޝަނުން "މައިލްސް ފޯ ސްމައިލްސް"ގެ ނަމުގައި 24 ގަޑިއިރުގެ ފަންޑް ރެއިސިން ދުވުމެއް ބާއްވަން ނިންމައިފިއެވެ.

"މައިލްސް ފޯ ސްމައިލްސް" އަކީ ހާއްސަ އެހީއަށް ބޭނުންވާ ކުދިންނާއި އެނޫނަސް މުޖުތަމައުއާ އެކަހެރި ކުދިންނަށް ހަމަހަމަ ފުރުސަތުތަކެއް ހޯދައި ދިނުމަށް ހާއްސަ ކޮށްގެން ސްޕޯޓްސް ކޯޕަރޭޝަނުން އުފެއްދި "ލެޓްސް ޕްލޭ" ކެމްޕޭނަށް ފަންޑް ހޯދުމަށް ބާއްވާ ދުވުމެކެވެ.

ސްޕޯޓްސް ކޯޕަރޭޝަންގެ ސީނިއާ ޕީއާރު އޮފިސަރު މުހައްމަދު އިޒްކީލް ވިދާޅުވީ މި ދުވުން ފެށުމަށް ހަމަޖެހިފައި ވަނީ އަންނަ މަހުގެ 31 ވަނަ ދުވަހުގެ ހަވީރު 4:00 ގައި މާފަންނު އެކުވެރި ޓްރެކުގައި ކަމަށެވެ. އަދި އެ ދުވުން ނިމޭނީ އަަންނަ އަހަރު ގެ ޖެނުއަރީ އެއް ވަނަ ދުވަހުގެ ހަވީރު 4:00ގައި ކަމަށް އޭނާ ވިދާޅުވިއެވެ.

"މި ދުވުމުގައި ބައިވެރިވުމުގެ ފުރުސަތު އާންމު އެންމެންނަށް ވެސް ވަނީ ހުޅުވާލެވިފައި. އެގޮތުން ބައިވެރިވާ ކޮންމެ ކުޑަ ކުއްޖެއްގެ އަތުން 20 ރުފިޔާ އަދި ބޮޑު މީހެއް އަތުން 60 ރުފިޔާގެ ފީއެއް ނެގޭނެ. މީގެ އިތުރުން 24 ގަޑި އިރުވަންދެން އެކްޓިވް ކޮށް މި ރަން ގެންދިއުމަށް ސްޓޯތަކާއި މައުލޫމާތު ދިނުމުގެ ހަރަކާތްތަކެއް ކުރިއަށް ދާނެ. ބޮޑަށް ކާނިވަލެއް ގޮތަށް ކުރިއަށް ދާނީ މި ދުވުން،" އިޒްކީލް ވިދާޅުވިއެވެ.

މި ހަރާތުގެ ޓައިޓަލް ސްޕޮންސަރަކާއި ބެވަރެޖް ސްޕޮންސަރަށް ވުމުގެ ފުރުސަތު ހުޅުވާލެވިފައިވާއިރު، މި ދުވުމުގައި ވޮލަންޓިއަރެއްގެގޮތުން ދުވާނީ އިބްރާހިމް ސާއިދު އެވެ. މީގެ އިތުރުން ދުވުމުގެ ތެރެއިން "މޭޑް ރަނާސް"ގެ އިވެންޓެއް ވެސް ކުރިއަށްދާނެއެވެ. ހާފް މެރެތަންގެ ގޮތުގައި ކުރިއަށް ދާ މި ދުވުމަކީ ކޮންމެ އަހަރަކު ވެސް އެތްލެޓިކްސް އެސޯސިއޭޝަނާ ގުޅިގެން އޮންނަ ދުވުމެކެވެ.

އިޒްކީލް ވިދާޅުވީ މި ހާފް މެރެތަންގައި ފަސް ކިލޯ މީޓަރާއި 10 ކިލޯ މީޓަރުގެ ދުވުން ހިމެނޭނެ ކަމަށެވެ. އަދި ކުޑަ ކުދިންނަށް ތިން ކިލޯ މީޓަރުގެ ދުވުމެއް އޮންނާނެއެވެ. ޖެނުއަރީ އެއްވަނަ ދުވަހު އޮންނަ މި ދުވުމުން އެއްވަނަ އަށް ދާ މީހަކަށް 10،000 ރުފިޔާގެ އިނާމެއް ދިނުމަށް ނިންމާފައިވާ ކަމަށެވެ.

"ލެޓްސް ޕްލޭ" ކެމްޕޭންގެ ދަށުން، އަޑުއިވުމުން މަހުރޫމު ވެފައިވާ ކުދިންގެ ފުޓްބޯޅަ ޓީމެއް އެކުލަވަލައި މިހާރު ދަނީ ފަރިތަކުރުންތައް ބާއްވަމުންނެވެ. މީގެ އިތުރުން ޖެންޑާ މިނިސްޓްރީއާ ގުޅިގެން ކުޑަކުދިންގެ ހިޔާ އާއި ފިޔަވަތީގައި ތިބި ކުދިންނަށް ހަމަހަމަ ގޮތެއްގައި ކުޅިވަރު ކުޅެވޭނެ ގޮތްތައް ބަލައި ޕްލޭނެއް އެކުލަވާލުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.