އިސްލާމްއާބާދު (ނޮވެމްބަރު 6):އިންޑިއާގެ ނުފޫޒުގެ ސަބަބުން އަފްޣާނިސްތާނުގެ ހާލަތު ދަނީ ވަރަށް ބޮޑަށް ގޯސް ވަމުން ކަމަށް ޕާކިސްތާނުގެ ފޮރިން މިނިސްޓަރު ހަވާޖާ އާސިފް ވިދާޅުވެއްޖެ އެވެ.

ޕާކިސްތާނާއި އެމެރިކާ އިން އިސްލާމްއާބަދުގައި ބޭއްވި ޑިޕްލޮމެޓިކް ވާހަކަތަކުގެ ހަތަރު ވަނަ ބުރާ ބެހޭ ގޮތުން މީޑިއާއަށް މައުލޫމާތު ދެމުން ހަވާޖާ ވިދާޅުވީ އިންޑިއާ އިން އަފްޣާނިސްތާނުގެ ދާހިލީ ކަންތައްތަކަށް އިންޑިއާ އިން ވަނުމަށް ޕާކިސްތާނުން ދެކޮޅު ހަދާ ކަމަށެވެ.

ހަވާޖާ ވަނީ އަފްޣާނިސްތާނުގައި ގާއިމްވެގެން ތިބި ޓެރެރިސްޓް ހާލިތައް ވަގުތުން ވަގުތަށް ނައްތާލަން ޖެހޭ ކަމަށް ވެސް ވިދާޅުވެފަ އެވެ. އަދި ހަނގުރާމައިގެ ސަބަބުން އަފްޣާނިސްތާނު ވަނީ ވަރަށް ބޮޑަށް ވީރާނާވެފައި ކަމަށާއި އެހެންނަމަވެސް އެގައުމުގައި ވަކި ބަޔަކު އެމީހުންގެ އަމިއްލަ ފައިދާއަށް ހަނގުރާމަ ކުރިއަށް ގެންދަން ބޭނުންވާ ކަމަށް ހަވާޖާ ވިދާޅުވި އެވެ.

ޕާކިސްތާނުގެ އިންޓެލިޖެންސް ޑައިރެކްޓަރު ޖެނެރަލް އަފްތާބް ސުލްތާން ވެސް މިދިޔަ މަހު ވަނީ އިންޑިއާއަށް ބަހުގެ ހަމަލާތަކެއް ދީފަ އެވެ. އަފްތާބް ވިދާޅުވީ ޕާކިސްތާނުގައި ހައްޔަރުކުރި ގިނަ ޓެރެރިސްޓުންނާ އިންޑިއާއާއި އަފްޣާނިސްތާނުގެ ޖާސޫސީ އިދާރާތަކާ ގުޅުން އޮންނަ ކަމަށެވެ.

ަ

އިންޑިއާގެ ޖާސޫސީ އޭޖެންޓެއް ކަމަށްވާ ކުލްބުޝާން ޖާދޭވް ވަނީ މިއަހަރު މާޗްމަހު ޕާކިސްތާނުން ހައްޔަރުކޮށްފަ އެވެ. ޕާކިސްތާނުން ބުނީ ކުލްބުޝާން މަސައްކަތްކޮށްފައި ވަނީ އެގައުމުގެ ގްވަދާ ސަރަަހައްދަށް ޓެރެރިސްޓް ހަމަލާތައް ދިނުމަށް ކަމަށެވެ. ކުލްބުޝާން އޭނާގެ ކުށަށް އިއުތިރާފްވިކަމުގެ ވީޑިއޯއެއް ވެސް ޕާކިސްތާނުން ވަނީ ނެރެފަ އެވެ.

ޕާކިސްތާނުން ޗައިނާއާ ގުޅިގެން ކުރިއަށް ގެންދާ "ޕާކިސްތާން ޗައިނާ އިކޮނުމިކް ކޮރިޑޯ"ގެ އިގްތިސާދީ ބިޔަ މަޝްރޫއުގައި ބައިވެރިވާން ވެސް އަފްޣާނިސްތާނުން ވަނީ ދެކޮޅު ހަދައިފަ އެވެ. އަފްގާނިސްތާނުން ވަނީ ޕާކިސްތާނުން އިންޑިއާއާއި އަފްގާނިސްތާނު އެ މަޝްރޫއުގެ ދަށުން ގުޅުވައިނުދޭ ނަމަ އެ މަޝްރޫއުގައި ބައިވެރިނުވާނެ ކަމަށެވެ.

އެކްސްޕްރެސް ޓްރިބިއުން ޕާކިސްތާން