06 Nov 2017, 15:01
މަޓާޓޯ މޯލްޑިވްސް ޓްރެވަލް އެވޯޑްސްގެ މާކެޓިންގ ހަރަކާތްތައް މުޅިން އާ ހަރުފަތަކަށްގެންގޮސް ލަންޑަންގެ މަގުތަކުގައި ޓްރެވަލް އެވޯޑްސްގެ މާކެޓިން ކެންޕޭނެއް ފަށައިފިއެވެ.
މިއަދު ލަންޑަނުގައި ފެށި ވޯލްޑް ޓްރެވަލް މާކެޓާ ދިމާކޮށް މަޓާޓޯއިން ޓްރެވަލް އެވޯޑް މާކެޓް ކުރުމަށްޓަކައި ލަންޑަންގެ ކަޅު ޓެކްސީތައް ވަނީ ޓްރެވަލް އެވޯޑްސްގެ އިސްޓިހާރުތަކާއި ރާއްޖޭގެ މަންޒިލްތަކުގެ އިސްތިހާރުތަކުން ފަޅުފިލުވާފައެވެ.
ލަންޑަންގައި ކުރިއަށްގެންދާ އެ ކެންޕޭނަކީ މަޓާޓޯއިން ޓްރެވަލް އެވޯޑު މާކެޓް ކުރުމަށްޓަކައި ރާއްޖެއިން ބޭރުގައި އެފަދަ ގޮތަކަށް ކުރިއަށްގެންދާ ފުރަތަމަ ހަރަކާތްކަމަށް މަޓާޓޯއިން ބުންޏެވެ.

ލަންޑަންގެ ޓްކްސީ އެއްގެ ފަހަތުގައި މަޓާޓޯ ޓްރެވަލް އެވޯޑުގެ އިސްތިހާރުތަށް ތަތް ކޮށްފައި -- ފޮޓޯ/ މަޓާޓޯ
މަޓާޓޯއިން ބުނީ، ބޭރުގެ މާކެޓްގައި ޓްރެވަލް އެވޯޑު މާކެޓް ކުރުމަށް ނިންމީ، އެ އެވޯޑަށް ކޮންމެ އަހަރަކުވެސް ލިބެމުން އަންނަ ކުރިއެރުން އިތުރުވުމާއި މި އަހަރަކީ ޓްރެވަލް އެވޯޑްގައި ފާހަގަ ކޮށްލެވޭ ވަރަށް ކުރިއެރުން ލިބި ތިން އެޑިޝަނަކުން އެވޯޑު ދެވިގެންދާ އަހަރަކަށް ވުމުން ކަމަށެވެ.
މަޓާޓޯގެ ރައީސް އަބްދުﷲ ގިޔާސް ވިދާޅުވީ، މަޓާޓޯ ޓްރެވަލް އެވޯޑު ބޭރުގެ ޕްލެޓްފޯމްތަކުގައި މާކެޓް ކުރުން ވެގެންދާނީ ޓްރެވަލް އެވޯޑުގެ ބައިވެރިންނާއި ސްޕޮންސަރުންވެސް ހީނުކުރާ ކަމަކަށް ކަމަށެވެ. އަދި މަޓާޓޯއިން އަބަދުވެސް ބަލަނީ ޓްރެވަލް އެވޯޑާއި އެ އެވޯޑުގެ ބައިވެރިން ދުނިޔޭގެ އެހެން ޕްލެޓްފޯމްތަކުގައިވެސް މާކެޓްކޮށް އިސްތިހާރުކޮށްދިނުން ކަމަށް ގިޔާސް ވިދާލުވިއެވެ.
މަޓާޓޯގެ ރައީސް އަބްދުﷲ ގިޔާޒް -- ސަން ފޮޓޯ/ މުހައްމަދު އަފްރާހު
މަޓާޓޯއިބުނީ މިއަހަރަކީ ޓްރެވަލް އެވޯޑުގެ ބައިވެރިން އިތުރުވެ އަދި އެ އެވޯޑު މާކެޓް ކުރުމުގައިވެސް ކުރިއެރުންތަކެއް ލިބިގެންދިޔަ އަހަރެއް ކަމަށެވެ. އެގޮތުން ސޯޝަލް މީޑިއާއި އޮންލައިން އަދި ޓީވީ ނޫސްތަކުގެ ޒަރިއްޔާއިންވެސް ޓްރެވަލް އެވޯޑު މާކެޓް ކުރުމަށް އެހެން އަހަރުތަކަށްވުރެ ބޮޑަން މަސައްކަތްކޮށްފައި ވާނެ ކަމަށް މަޓާޓޯއިން ބުންޏެވެ.
ލަންޑަންގައި ކުރިއަށްގެންދާ ޓްރެވަލް އެވޯޑު މާކެޓިން ކެންޕޭން އެއްމަސްދުވަހުގެ މުއްދަތަށް ކުރިއަށްދާނެކަމަށް މަޓާޓޯއިން ބުންޏެވެ.

ލަންޑަންގެ ޓްކްސީތަކުގައި މަޓާޓޯ ޓްރެވަލް އެވޯޑުގެ އިސްތިހާރުތަށް ޕްރިންޓް ކޮށްފައި -- ފޮޓޯ/ މަޓާޓޯ
މިއަހަރު މަޓާޓޯ ޓްރެވަލް އެވޯޑްސް ދެނީ ތިން އެޑިޝަނަކަށް ބަހާލައިގެންނެވެ. ފަތުރުވެރިކަމުގެ ދާއިރާގައި ފާހަގަކުރެވޭ ޝަޚުސިއްޔަތުތަކުގެ އަގު ވަޒަންކޮށް، ޖުލައި މަހުގެ ތެރޭގައި "ޕީޕަލްސް އެޑިޝަން" އެވޯޑްސް ބާއްވާފައިވާ އިރު، ގެސްޓްހައުސް ފަތުރުވެރިކަމަށް ޚާއްސަ "ގެސްޓްހައުސް އެޑިޝަން"، މިދިޔަ މަހުގެ 30 ވަނަ ދުވަހު މާފުށީގައި ވަނީ ބާއްވާފައެވެ. އެއަށްފަހު މިމަހުގެ 23 ވަނަ ދުވަހު އަދާރަން ހުދުރަން ފުށީގައި ގާލާ އެޑިޝަން އޮންނާނެ އެވެ. ޓްރެވަލް އެވޯޑުގެ ތިން އެޑިޝަނަށް 450 އަށްވުރެ ގިނަ ނޮމިނޭޝަން މި އަހަރު ލިބިފައިވެއެވެ.