ކަރާޗީ (އޮގަސްޓް 4) : ޕާކިސްތާނުގެ އެންމެ ބޮޑު ސިޓީ ކަމަށްވާ ކަރާޗީގައި ވާދަވެރި ފަރާތްތަކުގެ މެދުގައި ހިނގަމުންދާ ހަމަނުޖެހުންތަކުގައި 35 މީހަކު މަރުވެ އެތަށްބަޔަކު ޒަޚަމްވެއްޖެއެވެ.

ފާއިތުވެދިޔަ ދެ ދުވަހު ކަރާޗީގައި ހިނގި ހަމަނުޖެހުންތަކަކީ މިދިޔަ ޖުލައި މަހުގެ ކުރީކޮޅުން ފެށިގެން މެދުކެނޑިގެންދާ ގޮތަކަށް އެ ރަށުގައި ކުރިޔަށްދާ ހަމަނުޖެހުންތަކުގެ ބައެއް ކަމަށް ޕާކިސްތާނުގެ އަމްނާބެހޭ ފަރާތްތަކާ ޙަވާލާދީ ރޮއިޓާސް ޚަބަރު ދެއެވެ.

ޕާކިސްތާނުގެ މައި ސަރުކާރުން ވަނީ ބާރުގެ ބޭނުންކޮށްގެން ނަމަވެސް ވާދަވެރި ފަރާތްތަކުގެ ހަމަނުޖެހުންތައް ހުއްޓުވުމަށް އަޅަންޖެހޭ ކޮންމެ ފިޔަވަޅެއް އެޅުމަށް ސަލާމަތީ ބާރުތަކަށް އަމުރުކޮށްފަ އެވެ. ސަލާމަތީ ބާރުތަކުން ކަރާޗީގެ އެކިކަންކޮޅުތަކުގައި ޗެކް ޕޮއިންޓްތައް ބަހައްޓައިގެން އާންމުންނާއި ވެހިކަލްތައް ޗެކްކުރަމުން ގެންދާއިރު ސަލާމަތީ ބާރުތަކުގެ އެހެން ޔުނިޓްތަކުން މުޅި ކަރާޗީގައި ޕެޓްރޯލްކޮށް ހަމަނުޖެހުން ހިންގާކަމަށް ޝައްކު ކުރެވޭ މީހުން ހައްޔަރު ކުރަމުން ގެންދާ ކަމަށް ޚަބަރުފަތުރާ ވަސީލަތްތަކުން ބުނެއެވެ.

ކަރާޗީގައި މިދިޔަ ޖުލައި މަހުން ފެށިގެން ކުރިޔަށްދާ ހަމަނުޖެހުންތަކަކީ ފާއިތުވި ވިއްސަކަށް އަހަރު ތެރޭގައި ވެސް ނުހިނގާ ފަދަ ހަމަނުޖެހުންތަކެއްކަމަށާއި މިހަމަނުޖެހުންތަކުގައި މިހާތަނަށް 300 އަށްވުރެ ގިނަމީހުން މަރުވެފައިވާ ކަމަށް ޕާކިސްތާން ފުހުލުން ބުނެ އެވެ. (ރޮއިޓާސް)