ދިވެހިރާއްޖޭގެ ގައުމީ ޔުނިވާސިޓީގެ ދަރިވަރުންގެ މައްޗަށް އެކުލެވިފައިވާ މޯލްޑިވްސް ނޭޝަނަލް ޔުނިވާސިޓީ ސްޓޫޑަންޓް ޔޫނިއަން (އެމްއެންޔޫއެސްޔޫ)ގެ އައު ރައީސް ކަމަށް އަރުޝަދު އަޝްރަފް އިންތިހާބުކޮށް ކުރިއަށް އޮތް އަހަރަށް އެ ޖަމިއްޔާގެ ހިންގާ ކޮމެޓީ އެކުލަވާލައިފިއެވެ.

ގައުމީ ޔުނިވާސިޓީގެ ދަރިވަރުންގެ ގުޅުމުގެ އައު ހިންގާ ކޮމެޓީ އިފްތިތާހް ކުރުމަށް ރޭ ފެކަލްޓީ އޮފް އެޑިއުކޭޝަންގެ އޮޑިޓޯރިއަމްގައި ބޭއްވި ހަފްލާގައި ހިންގާ ކޮމެޓީއަށް އަލަށް އިންތިހާބުވި އަށް މެމްބަރުންނަށް އެކަމުގެ ލިޔުން ހަވާލު ކޮށްދެއްވީ ހަފްލާގެ ޝަރަފްވެރި މެހްމާން ސިވިލް ސާވިސް ކޮމިޝަންގެ ރައީސް ޑރ. އަލީ ޝަމީމެވެ.

ގައުމީ ޔުނިވާސިޓީގެ ދަރިވަރުންގެ ގުޅުމުގެ އައު ހިންގާ ކޮމެޓީގެ ރައީސް އަރުޝަދަށް ރޭގެ ހަފްލާގެ ޝަރަފްވެރި މެހްމާން ސިވިލް ސާވިސް ކޮމިޝަންގެ ރައީސް ޑރ. އަލީ ޝަމީމް ލިޔުން ހަވާލު ކޮށްދެއްވަނީ --- ސަން ފޮޓޯ/ އަފްރާހް

ދިވެހިރާއްޖޭގެ ގައުމީ ޔުނިވާސިޓީގެ ދަރިވަރުންގެ ޔޫނިއަންގެ ހިންގާ ކޮމެޓީ ކޮންމެ އަހަރަކު އެއް ފަހަރު އެކުލަވާލަން ޖެހެއެވެ. އާއްމު މެމްބަރުންގެ މެދުގައި ބާއްވާ އިންތިހާބަކުން ހިންގާ ކޮމެޓީގެއަށް މެމްބަރުން ހޮވާއިރު، ހިންގާ ކޮމެޓީގެ ދައުރަކީ ވެސް އެއް އަހަރު ދުވަހެވެ.

އެމްއެންޔޫއެސްޔޫގެ އައު ހިންގާ ކޮމެޓީ:

  • ޕްރެސިޑެންޓް: އަރުޝަދު އަޝްރަފް
  • އެކެޑެމިކް ވައިސް ޕްރެސިޑެންޓް: އާދަމް ރުޝްދީ
  • ވިންގްސް ވައިސް ޕްރެސިޑެންޓް: އަލީ ޝަމޫން
  • އެކްޓިވިޓީ ވައިސް ޕްރެސިޑެންޓް: ހަސަން ޝާހް
  • ސެކްރެޓަރީ: އަނާ އަހުމަދު
  • އެސިސްޓަންޓް ސެކްރެޓަރީ: ހައްވާ ނައުޝާ
  • ޓްރެޝަރީ: އަބްދުﷲ ޝަހުނީޒު
  • މީޑިއާ ކޯޑިނޭޓަރު: މުހައްމަދު ޝާން އާމިރު

ގައުމީ ޔުނިވާސިޓީގެ ދަރިވަރުންގެ ގުޅުމުގެ ކުރިއަށް އޮތް އަހަރަށް އިންތިހާބުވި ހިންގާ ކޮމެޓީގެ މެމްބަރުން ---

ރޭގެ ހަފްލާގައި އަލަށް އިންތިހާބުވި ހިންގާ ކޮމެޓީއަށް ދަރިވަރުންގެ ގުޅުމުގެ ލޯގޯ ހިމެނޭ ރަމްޒީ ދަންމަރެއް ވެސް ވަނީ އަރުވައިފައެވެ. އެ ދަންމަރު އަލަށް ހަވާލުވި ހިންގާ ކޮމެޓީގެ ރައީސް އަރުޝަދަށް އަރުވައިފައިވަނީ، ވޭތުވެދިޔަ ތިން ދައުރުގައި ވެސް އެ ޖަމިއްޔާގެ ރައީސްކަން ކުރައްވައި ގިނަ ހިދުމަތްތަކެއް ކުރެއްވި އަލީ ރަޝީދެވެ.

ގައުމީ ޔުނިވާސިޓީގެ ދަރިވަރުންގެ ގުޅުމުގެ އައު ހިންގާ ކޮމެޓީއަށް އިންތިހާބުވި މެމްބަރަކަށް ރޭގެ ހަފްލާގެ ޝަރަފްވެރި މެހްމާން ސިވިލް ސާވިސް ކޮމިޝަންގެ ރައީސް ޑރ. އަލީ ޝަމީމް ލިޔުން ހަވާލު ކޮށްދެއްވަނީ --- ސަން ފޮޓޯ/ އަފްރާހް

އަލަށް އިންތިހާބުވި ހިންގާ ކޮމެޓީގެ ރައީސް އަރުޝަދު 'ސަން' އަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ، ކުރިއަށް އޮތް އަހަރު ދުވަހު ހިންގާ ކޮމެޓީގެ މުހިއްމު އަމާޒުތަކެއް އެބަހުރި ކަމަށެވެ.

އެގޮތުން، ގައުމީ ޔުނިވާސިޓީ ކުރިއެރުވުމަށް ދަރިވަރުންގެ ފަރާތުން ކުރެވިދާނެ ތައުލީމީ އަދި އިތުރު ހަރަކާތްތައް ކުރުވުމާއި މާލެ އާއި އަތޮޅުތެރޭގެ ކެމްޕަސްތަކާއި ސެންޓަރުތަކުގެ ދެމެދު އޮންނަ ތަފާތު ކުރުންތައް ނައްތާލައި އަތޮޅުތަކުގެ ކެމްޕަސްތައް ހިންގުމަށްޓަކައި އެ ކެމްޕަސްތަކާ ދަރިވަރުންނާއި ގުޅިގެން ހަރަކާތްތަކެއް ހިންގުމަކީ ބޮޑު އަމާޒެއް ކަމަށް ވިދާޅުވިއެވެ.

ގައުމީ ޔުނިވާސިޓީގެ ދަރިވަރުންގެ ގުޅުމުގެ އައު ހިންގާ ކޮމެޓީ އިފްތިތާހް ކުރުމަށް ރޭ ފެކަލްޓީ އޮފް އެޑިއުކޭޝަންގެ އޮޑިޓޯރިއަމްގައި ބޭއްވި ހަފްލާގެ ތެރެއިން --- ސަން ފޮޓޯ/ އަފްރާހް

ނަމަވެސް އައު ހިންގާ ކޮމެޓީގެ އެންމެ ބޮޑު އަމާޒަކަށް މިފަހަރު ހަދާފައިވަނީ ގައުމީ ފަންތީގެ އިތުރުން ޖަމިއްޔާގެ ބައިވެރިވުން ބައިނަލްއަގްވާމީ މައިދާނުގައި އިތުރު ކުރުން ކަމަށް އަރުޝަދު ވިދާޅުވިއެވެ.

އޭނާ ވިދާޅުވި ގޮތުގައި، މީގެ ކުރިން ޖަމިއްޔާއަށް ލިބުނު ބައެއް ދައުވަތުތަކުގައި ރާއްޖޭން ބޭރުގައި ޖަމިއްޔާ ތަމްސީލު ކުރި ނަމަވެސް ބައިނަލްއަގްވާމީ މައިދާނުގައި ޖަމިއްޔާ ތަމްސީލު ކުރުމަށް މަސައްކަތްތަކެއް ކުރެވިފައި ނެތް ކަމަށެވެ.

ގައުމީ ޔުނިވާސިޓީގެ ދަރިވަރުންގެ ގުޅުމުގެ އައު ހިންގާ ކޮމެޓީ އިފްތިތާހް ކުރުމަށް ރޭ ފެކަލްޓީ އޮފް އެޑިއުކޭޝަންގެ އޮޑިޓޯރިއަމްގައި ބޭއްވި ހަފްލާގެ ތެރެއިން --- ސަން ފޮޓޯ/ އަފްރާހް

އައު ހިންގާ ކޮމެޓީ އިފްތިތާހް ކުރުމަށް ރޭ ބޭއްވި ހަފްލާގައި ގައުމީ ފެންވަރުގައި ގައުމީ ޔުނިވާސިޓީގެ ދަރިވަރުންގެ ގުޅުން ތަމްސީލުކޮށް ޖަމިއްޔާއަށް ރީތި ނަން ހޯދައިދިން 57 މީހެއްގެ އަގު ވަޒަންކޮށް ހަނދާނީ ފިލާ ދީފައިވެއެވެ.

އަދި ގައުމީ ޔުނިވާސިޓީގެ ކޮންމެ ފެކަލްޓީއެއްގައި އޮންނަ އެ ޔުނިވާސިޓީގެ ދަރިވަރުން ގުޅުމުގެ ގޮފިތަކުގެ ތެރެއިން އެންމެ ރަނގަޅަށް މަސައްކަތްކުރާ ގޮތްޕަކަށް ދޭ "ބެސްޓް ވިންގް އެވޯޑް" ވަނީ ރޭގެ ހަފްލާގައި ދީފައެވެ.

މިއަހަރު އެ އެވޯޑް ހާސިލްކުރީ މިދިޔަ އަހަރު ވެސް އެ އެވޯޑް ހާސިލް ކުރި ގައުމީ ޔުނިވާސިޓީގެ ފެކަލްޓީ އޮފް ހެލްތު ސައިންސްގެ "ހީލާސް" އިންނެވެ.

ގައުމީ ޔުނިވާސިޓީގެ ދަރިވަރުންގެ ގުޅުމަށް އެކި ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދީފައިވާތީ ސަން މީޑިއާ ގްރޫޕަށް އެ ޖަމިއްޔާގެ ކުރީގެ ރައީސް އަލީ ރަޝީދު ހަނދާނީ ފިލައެއް އަރުވަނީ: ސަން މީޑިއާ ފަރާތުން ފިލައާ ހަވާލުވީ ސަން މީޑިއާ ގްރޫޕުގެ ސީއޯއޯ މިންހާ ފާއިޒް --- ސަން ފޮޓޯ/ އަފްރާހް

އޭގެ އިތުރުން ރޭގެ ހަފްލާގައި ގައުމީ ޔުނިވާސިޓީގެ ދަރިވަރުންގެ ގުޅުމަށް އެކި ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދިން ދެ ފަރާތަކަށް އެކަން ފާހަގަކޮށް ހަނދާނީ ފިލާ ދީފައިވެއެވެ. އެ އެވޯޑް ދީފައިވަނީ، ސަން މީޑިއާ ގްރޫޕަށާއި މާފަންނު މަދަރުސާ އަށެވެ.