ވޭތުވެދިޔަ 11 އަހަރު މެދު ކެނޑުމެއް ނެތި ރާއްޖޭގައި ބާއްވަމުން އަންނަ "ދިރާގު މޯލްޑިވްސް ރޯޑް ރޭސް"ގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލިތާ 48 ގަޑިއިރު ނުވަނީސް 1،500 އަށް ވުރެ ގިނަ މީހުން ބައިވެރިވެފައިވާ ކަމަށް ދިރާގުން ބުނެފި އެވެ.

މި މަހުގެ 24 ވާ ހުކުރު ދުވަހު ބާއްވަން ނިންމާފައިވާ އެ ދުވުމުގައި ދިރާގުމޯލްޑިވްސް ރޯޑް ރޭސްގެ ވެބްސައިޓްމެދުވެރިކޮށް އޮންލައިންކޮށްރަޖިސްޓާކުރެވޭ އިރު، ބައިވެރިވުމުގެ އެންމެ ފަހު މުއްދަތަކީ މި މަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށެވެ.

އެންމެ ފުރަތަމަ ރެޖިސްޓާ ކުރާ 3000 މީހުންނަށް ބައިވެރިވެވޭ މި އިވެންޓު އެހެން އަހަރުތަކެކޭ އެއްގޮތަށް މިއަހަރު ވެސް ރޯޑް ރޭސް ކުރިއަށް ގެންދާނީ ދެ ޑިސްޓެންސްއަކަށް ބަހާލައިގެންނެވެ. އެއީ ފަސް ކިލޯ މީޓަރާއި 10 ކިލޯ މީޓަރުގެ ކެޓެގަރީ އެވެ. މި އަހަރުގެ ރޭސް ވެސް ކުރިއަށް ގެންދިއުމަށް ނިންމާފައި ވަނީ ހުޅުމާލޭ ގައެވެ.

ރޯޑް ރޭސްގައި ދުވާ ހުރިހާ ދުވުންތެރިން ވެސް، އެ މީހެއްގެ ދުވުން ހާއްސަކުރާނީ ކޮން ޖަމިއްޔާއަކަށްކަން ކަނޑައަޅާނެ ކަމަށާއި އެންމެ ގިނަ ދުވުންތެރިން ހިޔާރުކުރާ ފަސް ޖަމިއްޔާއަކަށް ޖުމްލަ 200،000 ރުފިޔާ ހަދިޔާ ކުރާނެ ކަމަށް ދިރާގުން ބުނެ އެވެ.

މި ފަހަރު ރޭހުގެ ޝިއާރަކީ ވެސް ކުޑަކުދިންގެ ހައްގުތައް ހިމާޔަތްކޮށް ރައްކާތެރި ކުރުމުވެ. މި ރޭސް މެދުވެރިކޮށް ރާއްޖޭގެ ފަސް ޖަމިއްޔާއަކަށް ދިރާގުން އެހީދެ އެވެ. ރޭހުގައި ބައިވެރިވާ ދުވުންތެރިން އެއިން ކޮންމެވެސް އެއް ޖަމިއްޔާއެއް ތަމްސީލްކުރަން ޖެހެ އެވެ.