06 Nov 2017, 13:41
ކުރިއެރުމާއި ތަރައްގީގެ އަނެއްފަރާތުގައި ވަނީ ހަމަތަކާއި އުޞޫލުތައް ހިފެހެއްޓުމަށް ދިމާވާ ގޮންޖެހުންތައް ކަމުގައި އޮޑިޓާ ޖެނަރަލް ޙަސަން ޒިޔަތު ވިދާޅު ވެއްޖެ އެވެ.
މިއަދު ހޮޓެލް ޖެންގައި ފެއްޓި، ރާއްޖޭގައި ގައުމީ ފެންވަރުގައި ބާއްވާ ފުރަތަމަ އެކައުންޓެންޓްސް ފޯރަމުގައި ވާހަކަފުޅު ދައްކަވަމުން އޮޑިޓާ ޖެނަރަލް ހަސަން ޒިޔަތު ވިދާޅުވީ ރާއްޖޭގެ އިގްތިޞާދީ ކުރިއެރުމާއި ގުޅިގެން، ދައުލަތުގެ އާމްދަނީ އިތުރު ވުމުގެ އިތުރުން، ދައުލަތް ހިންގުމަށާއި އިޖުތިމާއީ ޚިދުމަތްތައް ދިނުމަށާއި އިގްތިޞާދު ހިފެހެއްޓުމަށް ކުރަން ޖެހޭ ޚަރަދުތައް ވެސް އިތުރުވެގެން ގޮސްފައިވާ ކަމަށެވެ.
ހަމަ އެއާ އެކު، މާލީ ބާޒާރާއި ރިއަލް އިކޮނަމީ ވެސް ކުރިއަރަމުން އަންނަ ކަމަށް އޮޑިޓާ ޖެނަރަލް ފާހަގަ ކުރެއްވި އެވެ. އެފަދަ ކުރިއެރުންތަކުގެ އަނެއް ފުށުގައި ވަނީ، ހަމަތަކާއި އުޞޫލުތައް ހިފެހެއްޓުމަށް ދިމާވާ ގޮންޖެހުންތައް ކަމަށާއި މިގޮތުން، ހަމަތަކާއި އުޞޫލުތައް ހިފަހައްޓައި ކަންކަން ބޮއްސުން ލައިގެން ދިޔަ ނުދިނުމަށް، ގާބިލު ފަންނުވެރިން އުފައްދައި، ޚިދުމަތަށް ނެރުމުގެ މުހިންމުކަން އޮޑިޓާ ޖެނަރަލް ފާހަގަ ކުރެއްވި އެވެ.

ހޮޓެލް ޖެންގައި ކުރިއަށްދާ ފުރަތަމަ އެކައުންޓެންޓްސް ފޯރަމުގެ ތެރެއިން -- ސަން ފޮޓޯ/ ފަޔާޒު މޫސާ
މިއަދު ފެއްޓި ފޯރަމްގެ ސަބަބުން އެދާއިރާގައި މަސައްކަތް ކުރާ ބޭފުޅުންނަށް މަސައްކަތުގެ މާހައުލުގައި ބާރުވެރި ކުރުވައި ބޭނުންތެރި މައުލޫމާތުތަކެއް ހިއްސާކުރެވިގެންދާނެ ކަމަށް ޒިޔަތު ވިދާޅުވި އެވެ.
މިއަދުގެ ފޯރަމް ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން އެމްއެމްއޭގެ ގަވަރުނަރު އަހުމަދު ނަސީރު ވިދާޅުވީ، އެކައުންޓިން އަދި އޮޑިޓިންގެ ދާއިރާގައި މަސައްކަތްކުރާ ބޭފުޅުންނަކީ ގައުމުގެ އިގްތިސާދު ދަމަހައްޓައި ކުރިއަށްދާގޮތް ބެލުމަށް ވަރަށް މުހިއްމު ބައެއް ކަމަށެވެ.

އެކައުންޓެންޓްސް ފޯރަމުގައި އެމްއެމްއޭގެ ގަވަރުނަރު އަހުމަދު ނަސީރު ވާހަކަފުޅު ދައްކަވަނީ -- ސަން ފޮޓޯ/ ފަޔާޒު މޫސާ
ނަސީރު ވިދާޅުވީ، އެ ފޯރަމްގެ ތެރެއިން އެ ދާއިރާގައި ދިމާވާ ދަތިތަކާއި ގޮންޖެހުންތަކާ ބެހޭ ގޮތުން މަޝްވަރާކޮށް އެކަން ކަމުގެ ހައްލު ހޯދިގެން ދާނެކަމަށެވެ.
މިއަދު ފެށި އެ ފޯރަމް އަކީ އޮޑިޓާ ޖެނަރަލްގެ އޮފީހުން އިސް ނަންގަވައިގެން ޕަބްލިކު ކުންފުނިތަކެއްގެ އެހީތެރިކަމާ އެކު، އޮޑިޓިންގް ޕްރޮފެޝަނުގައި މަސައްކަތްކުރާ ދިވެހީންނަށް އަމާޒުކޮށްގެން ތިން ދުވަހުގެ މުއްދަތަށް ކުރިޔަށް ގެންދާ ފޯރަމެކެވެ.