ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތަކުގައި ކިތަންމެ ވަރަކަށް އުނދަގޫކޮށް ޖެއްސުން ކުރިޔަސް މަސައްކަތް ކުރުމުގެ ގާބިލުކަން އެބަހުރި ކަމަށް މަޖިލީހުގެ މެޖޯރިޓޯ ލީޑަރު އަދި ވިލިމާލެ ދާއިރާގެ މެމްބަރު އަހުމަދު ނިހާން ހުސައިން މަނިކު ވިދާޅުވެއްޖެ އެވެ.

މިއަދު މަޖިލީހުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ނިހާން ވިދާޅުވީ ޖެއްސުން ކުރިއަސް މަސައްކަތްތައް ކުރިއަށް ގެންދިއުމުގެ ގާބިލުކަން ޕީޕީއެމްގެ ޕީޖީ މެމްބަރުންގެ ކިބާގައި އެބަހުރި ކަމަށެވެ. އަދި އެ ގާބިލުކަން މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު މުހައްމަދުގެ ހުރި ކަމާ މެދު ޝައްކު ނުކުރާ ކަމަށް ނިހާން ވިދާޅުވި އެވެ.

"އަޅުގަނޑު ހާއްސަ ޝުކުރެއް މަނިކުފާނަށް [މަޖިލީހުގެ ރައީސް މަސީހު] އަށް ދަންނަވާލަން ބޭނުންވޭ ވަރަށް ބޮޑަށް އުނދަގޫކޮށް ޖެއްސުންކޮށް އެއްވެސް ސާބިތު ހެއްކެއް ގަރީނާއެއް ނެތި މަނިކުފާނަށް އުނދަގޫކޮށް މަޖިލިސް ބޭއްވިޔަ ނުދީ ބަޔަކު އުނދަގޫ ކުރަމުން ދާތީ،" ނިހާން ވިދާޅުވި އެވެ.

"ކިގާލީ އެމެންޑްމެންޑް ޓު ދަ މޮންޓޮރިއަލް ޕްރޮޓޮކޯލް" ރާއްޖެއިން ތަސްދީގު ކުރުމާ މެދު މަޖިލީހުން ރުހުން ހޯދުމަށް މިއަދު ޖަލްސާއަށް ހުށަހެޅުވަމުން ނިހާން ވަނީ އެމްޑީޕީގެ މެމްބަރުންނަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފަ އެވެ.

ނިހާން ވިދާޅުވީ ތިމާވެއްޓަށް އެންމެ ބޮޑަށް ސަމާލުވާ، ތިމާވެއްޓާ ބެހޭ ގޮތުން އެންމެ ގިނަައިން ވާހަކަ ދައްކާ ކަމަަށް ވިދާޅުވާ އެމްޑީޕީގެ މެމްބަރުން އިސްވެ ތިބެ އެފަދަ ވޯޓެއް މަޖިލީހުގައި ކުރިއަށް ދާއިރު ޖެއްސުންކުރާ ކުރުން ކުށްވެރި ކުރާ ކަމަށެވެ.

"ތިމާވެއްޓަށް ހިދުމަތް ކުރުމުގެ ނަމުގައި ކެބިނެޓް ގޮވައިގެން ކަނޑު އަޑިއަށް ދިޔުން ފިޔަވައި އިތުރު އެއްވެސް ކަމެއް ނުކުރާކަން މީގެން މި ފެނިގެން ދަނީ." ނިހާން ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެމްޑީޕީގެ މެމްބަރުން އެކުރާ ޖެއްސުމުގެ މަންޒަރާއި ފޮޓޯއަކީ ބައިނަލްއަގްވާމީ ދުނިޔެއަށް ފޮނުވަން ރަނގަޅު މަންޒަރެއް ކަމަށެވެ.

މިއަދު މަޖިލީހުގައި "ކިގާލީ އެމެންޑްމެންޑް ޓު ދަ މޮންޓޮރިއަލް ޕްރޮޓޮކޯލް" ރާއްޖޭގައި ތަސްދީގު ކުރުމާ މެދު ވަނީ ވޯޓަށް އަހައިފަ އެވެ. ތަސްދީގު ކުރަން ފެންނަ ކަމަށް 28 މެމްބަރުން ވަނީ ވޯޓު ދީފަ އެވެ.