06 Nov 2017, 12:21
ބަޖެޓު ނެތިގެން ލ. އިސްދޫ ކައުންސިލް އިދާރާ އާއި އެރަށު ތިން މިސްކިތުގެ މުވައްޒަފުންނަށް މިދިޔަ މަހުގެ މުސާރަ އަދި ވެސް ނުދެވޭ ކަމަށް އެރަށު ކައުންސިލުން ބުނެފި އެވެ.
އިސްދޫ ކައުންސިލްގެ ރައީސް އިބްރާހިމް ޚަލީލް މިއަދު "ސަން" އަށް ވިދާޅުވީ ކައުންސިލް އިދާރާ އާއި އެރަށު ތިން މިސްކިތުގެ މުވައްޒަފުން ހިމެނޭގޮތަށް ކައުންސިލުން މުސާރަދޭންޖެހޭ 19 މީހުން ތިބޭ ކަމަށެވެ. ނަމަވެސް އެކަށީގެންވާ ވަރަށް ބަޖެޓު ނެތުމުން މުސާރަ ދެވެން ނެތް ކަމަށް އޭނާ ވިދާޅުވި އެވެ.
ޚަލީލު ވިދާޅުވީ މުސާރަ ފައިސާގެ ގޮތުގައި އަހަރު ދުވަހަށް ޖަމާކޮށްފައި ވަނީ ގާތްގަނޑަކަށް 1.5 މިލިއަން ރުފިޔާ ކަމަށާއި އެއީ ހުރިހާ މުވައްޒަފުންނަށް މުސާރަ ދިނުމަށް އެކަށީގެންވާ އަދަދެއް ނޫން ކަމަށެވެ.
"އަޅުގަނޑުމެންނަށް މުސާރަ ދެވެން އޮތީ އިތުރަށް ހަތަރު ލައްކަ ރުފިޔާ ލިބިގެން. ފިނޭންސް މިނިސްޓްރީގައި ދެންނެވުމުން ދިން ޖަވާބަކީ އިތުރަށް ބަޖެޓް ދެވެން ނެތް ކަމަށް،" ޚަލީލް ވިދާޅުވި އެވެ.
އިތުރަށް ފައިސާ ނުލިބި މި މަހާއި އަންނަ މަހުގެ މުސާރަ ވެސް ނުދެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
އިސްދޫގެ އާބާދީއަކީ 1،600 މީހުންނެވެ. ކައުންސިލްގެ ރައީސް ވިދާޅުވީ ރަށަށް ލިބިފައިވާ ބަޖެޓަކީ ރަށުގެ އާބާދީއާ އެކަށޭނެ ބަޖެޓެއް ނޫން ކަމަށެވެ. ނަމަވެސް އެއަށް ވުރެ އާބާދީ ކުޑަ ރަށްތަކަށް ނިސްބަތުން ބޮޑު އަދަދެއްގެ ބަޖެޓް ހަމަޖައްސާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
"ނިކަން ބައްލަވާ ޖެހިގެން އޮތް ކަލައިދޫގެ އާބާދީ އަކީ 1000 މީހުން. އެރަށަށް ހަމަޖައްސާފައި އޮންނަނީ 2.5 މިލިއަން ރުފިޔާގެ ބަޖެޓެއް. މި އަތޮޅު މުންޑޫ އަކީ 170 މީހުންގެ އާބާދީއެއް އޮންނަ ރަށެއް. އެރަށަށް ހަމަޖައްސާފައި ވަނީ 1.8 މިލިއަން ރުފުޔާގެ ބަޖެޓެއް،" ޚަލީލް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ކައުންސިލްތަކުގެ ބެލެނިވެރި ފަރާތް ކަމަށްވާ ލޯކަލް ގަވާމެންޓް އޮތޯރިޓީ (އެލްޖީއޭ)ގެ ސަމާލުކަމަށް ގެނެސްގެން ވެސް އެކަން ހައްލުކުރެވޭނެ ގޮތެއް ނުވި ކަމަށެވެ.
އެކަމާ ގުޅޭ ގޮތުން ފިނޭންސް މިނިސްޓްރީ އާއި އެލްޖީއޭގެ ބަހެއް އަދި ވަނީ ލިބޭގޮތް ނުވެފަ އެވެ.