ގެސްޓް ހައުސް އަދި ޓުއަރިސްޓް ހޮޓާ އެޅުމަށް ބިން ކުއްޔަށްދޭނެ އުސޫލެއް ކަނޑައަޅައިފި އެވެ.

ޓޫރިޒަމް މިނިސްޓްރީން އެކުލަވާލާ ގެޒެޓްކޮށްފައިވާ "މީހުން ދިރިއުޅޭ ރަށްރަށުގައި ޓުއަރިސްޓް ހޮޓަލާއި ޓުއަރިސްޓް ގެސްޓް ހައުސް ތަރައްގީ ކުރުމަށް ކައުންސިލް މެދުވެރިކޮށް ބިން ކުއްޔަށް ދިނުމަށް ބިން ކަނޑައެޅުމާ ބެހޭ އުސޫލު"ގައި ބުނެފައި ވަނީ އެ އުސޫލުގެ ދަށުން ބިން ކުއްޔަށް ދެވޭނީ އެ ސަރަހައްދަކީ ޓޫރިޒަމް ތަރައްގީ ކުރާނެ ސަރަހައްދެއްގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ކަނޑައެޅުމުން ކަމަށެވެ.

އެގޮތަށް ކަނޑައަޅާ ސަރަހައްދުތަކަކީ "ލޭންޑް ޔޫސް އެސެސްމެންޓް"އެއް ހަދާފައިވާ، ރާއްޖޭގެ ބިނާވެށި ޕްލޭން ކުރުމާއި ހިންގުމުގެ ގަވާއިދާ އެއްގޮތަށް އީޕީޒެޑެއް ހަދާފައިވާ ސަރަހައްދަކަށް ވާން ޖެހޭނެ ކަމަށް އެ އުސޫލުގައިވެ އެވެ.

މީގެ އިތުރުން ޓޫރިސްޓް ގެސްޓް ހައުސް އަޅާ ބިމެއް 5000 އަކަފޫޓަށް ވުރެ ބޮޑުވެގެން ނުވާނެ ކަމަށާއި ޓޫރިސްޓް ހޮޓާ އަލާ ބިން 10000 އަކަފޫޓަށް ވުރެ ބޮޑުވެގެން ނުވާނެ ކަމަށް އުސޫލުގައި ބުނެފައިވެ އެވެ.

ގެސްޓްހައުސް އެޅުމަށް ބިން ކުއްޔަށް ދޭންވާނީ އާންމުކޮށް އިއުލާނު ކުރުމަށް ފަހު ކަމަށް އުސޫލުގައިވެ އެވެ.

އުސޫލުގައި އިތުރަށް ބުނެފައި ވަނީ ޓޫރިސްޓް ހޮޓާ ނުވަތަ ގެސްޓް ހައުސް އެޅުމަށް ބިމެއް ކުއްޔަށް ދޭންވާނީ ޓޫރިޒަމް މިނިސްޓްރީ އިން އެކުލަވައިލާ ބިޑު ފޮތުގައި ކަނޑައަޅާފައިވާ ޝަރުޠުތަކާ އެއްގޮތްވާ ގޮތުގެ މަތިން ކަމަށާއި، ބިން ކުއްޔަށް ދޫކުރާ ސަރަހައްދަކީ ރާއްޖޭގެ ޓޫރިޒަމާ ބެހޭ ގާނޫނުގެ 4 ވަނަ މާއްދާގެ ދަށުން ޓޫރިޒަމް ތަރައްގީ ކުރާނެ ސަރަހައްދެއްގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ކަނޑައެޅުމަށް ފަހު، އެ ރަށެއްގެ ކައުންސިލާއި މިނިސްޓްރީއާ އެކު، ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅާފައިވާ ސަރަހައްދުގައި ޓޫރިސްޓް ހޮޓަލެއް ނުވަތަ ޓޫރިސްޓް ގެސްޓްހައުސްއެއް ތަރައްގީ ކުރުމަށް ބިން ކުއްޔަށްދިނުމާ ގުޅޭ ކަންކަން ކުރިއަށް ގެންދިޔުމާ ގުޅޭ ގޮތުންވެވޭ އެއްބަސްވުމެއްގައި ސޮއިކުރުމަށް ފަހު ކަމަށެވެ.