އަތޮޅު ކައުންސިލްތަކާއި ސިޓީ ކައުންސިލްތައް އަދި ރަށު ކައުންސިލްތަކުގެ އޮޑިޓްތަކުން ބޮޑެތި މައްސަލަތަކެއް ފެންމަތި ނުވާ ކަމަށާއި ބޮޑަށް ފާހަގަ ކުރެވެނީ ގާނޫނުތަކަށް އަހުލުވެރިވުން ކުޑަކަން ކަމަށް އޮޑިޓަރު ޖެނެރަލް ހަސަން ޒިޔަތު ވިދާޅުވެއްޖެ އެވެ.

ކައުންސިލްތައް އޮޑިޓް ކުރުމަށް އަމިއްލަ ފާމްތަކާ ހަވާލު ކުރުމާ ގުޅޭ ގޮތުން އިއްޔެ ބެއްވި ހާއްސަ ރަސްމިއްޔާތަށް ފަހު މީޑިއާތަކާ ވާހަކަފުޅު ދައްކަވަމުން ޒިޔަތު ވިދާޅުވީ އޮޑިޓާ ޖެނެރަލް އޮފީހުގައި ހުރި ވަސީލަތްތަކުގެ މަދުކަމުންނާއި އަދި މުވައްޒަފުންގެ ދަތިކަމުގެ ސަބަބުން އެންމެ ބޭނުންވާ މިންވަރަށް ކައުންސިލްތަކުގެ އޮޑިޓްތައް ކުރިއަށް ނުގެންދެވޭ ކަމަށެވެ. އެމަނިކުފާނު ވިދާޅުވީ މިހާތަނަށް 183 ކައުންސިލުގެ އޮޑިޓް ރިޕޯޓް އާންމުކޮށްފައިވާ އިރު އެ ކައުންސިލްތަކުން މާބޮޑެތި މައްސަލަތަކެއް ފާހަގަ ކުރެވިފައި ނުވާ ކަމަށެވެ.

ޒިޔަތު ވިދާޅުވީ ކައުންސިލްތަކުގެ އޮޑިޓް ރިޕޯޓްތަކުގައި މައިގަނޑު ގޮތެއްގައި ފާހަގަވެފައި ހުންނަނީ މާލިއްޔަތު ގާނޫނަށް ކައުންސިލްގެ މުވައްޒަފުން އަދި ކައުންސިލަރުން ވެސް އަހުލުވެރި ނުވުން ކަމަށާއި އަދި މާލީ ކަންކަމާ ގުޅޭ އިތުރު ގާނޫނުތަކަށް ވެސް އަހުލުވެރި ނޫންކަން ފާހަގަ ކުރެވޭ ކަމަށެވެ. އަދި ފިނޭންސް މިނިސްޓްރީން ވެސް މިހާރަށް ވުރެ ބޮޑަށް ރަށްރަށުގެ ކައުންސިލްތައް ގާނޫނުތަކަށް އަހުލުވެރި ކުރުވުމަށް މަސައްކަތް ކުރެއްވުމަށް އެދިވަޑައިގަންނަވާ ކަމަށް ވިދާޅުވި އެވެ.

މީގެ އިތުރުން ޒިޔަތު ފާހަގަކުރެއްވީ ކައުންސިލްތަކުން މާލީ ބަޔާން ހުށައެޅުމަށް ދިމާވެފައިވާ ގޮންޖެހުމުގެ ވާހަކަ އެވެ. އޭނާ ވިދާޅުވީ ކައުންސިލްތަކަށް ހުރި ބައެއް ގޮންޖެހުންތަކުގެ ސަބަބުން މާލީ ބަޔާންތައް ގަވާއިދުން އޮޑިޓާ ޖެނަލްގެ އޮފީހަށް ލިބެމުން ނުދާ ކަމަށެވެ. ނަމަވެސް ބައެއް ކައުންސިލްތަކުން ވަރަށް ފުރިހަމަ އަށް އަބަދުވެސް މާލީ ބަޔާންތައް ފޮނުވަމުންދާ ކަމަށް ވިދާޅުވި އެވެ.

ކައުންސިލްތަކުގެ އޮޑިޓް ހަލުވި މިނެއްގައި ނިންމުމަށް އޮޑިޓާ ޖެނެރަލްގެ އޮފީހުން އިއްޔެ ވަނީ 129 ކައުންސިލެއް އޮޑިޓް ކުރުމަށް ދިވެހި ބައެއް އޮޑިޓް ފާމްތަކާ ހަވާލުކޮށްފަ އެވެ.