ގދ. ތިނަދޫގައި މޯބައިލް ވިއްކާ ފިހާރައެއް ފަޅާލިތާ ހަފްތާއެއް ނުވަނީސް އަނެއްކާ ވެސް އިތުރު ފިހާރައެއް ފަޅާލައި ފައިސާ އާއި މޯބައިލް ފޯނެއް ވަގަށް ނަގައިފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލު ވިދާޅުވީ ރޭ އިރާކޮޅު ހިނގި އެ ހާދިސާގައި ވަގަށް ގެންގޮސްފައި ވަނީ 1000ރ. އާއި މޯބައިލް ފޯނެއް ކަމަށެވެ. ނަމަވެސް އެއްވެސް މީހަކު ހައްޔަރު ކޮށްފައެއްނުވެ އެވެ.

ފުލުހުންގެ އޮފިޝަލު ވިދާޅުވީ އެކަން އިތުރަށް ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.

ތިނަދޫން ވާހަކަ ދެއްކި މީހަކު ބުނީ ރޭ ފަޅާލާފައި ވަނީ އެ ރަށުގައި ދަޅުކާނާގެ ބާވަތްތަކާއި އެކިކަހަލަ ކާބޯތަކެތި ވިއްކާ "ޓާޓަން" ފިހާރަ ކަމަށެވެ. އަދި ފައިސާ އާއި މޯބައިލް ފޯނުގެ އިތުރުން ފިހާރައިގެ ބައެއް ސާމާނު ވެސް ގެއްލިފައިވާ ކަމަށް ބެލެވޭ ކަމަށް ފިހާރައިގެ ވެރި ފަރާތާ ހަވާލާދީ އޭނާ ބުންޏެވެ.

ތިނަދޫގައި ހުރި މޮބައިލް ފިހާރައެއް މީގެ ފަސް ދުވަސް ކުރިން ފަޅާލައި ގާތްގަނޑަކަށް 30 ހާސް ރުފިޔާގެ އަގުހުރި 15 ފޯނު ވަނީ ވަގަށް ގެންގޮސްފަ އެވެ.