ރިޔާޒު (6 ނޮވެމްބަރު 2017) -- ޔަމަނުގެ ބޯޑަރު ކައިރިން ދަތުރުކުރި ހެލިކޮޕްޓަރެއް ވެއްޓި އޭގެން ދަތުރު ކުރެއްވި ސައުދީ އަރައްބިއްޔާގެ ޕްރިންސް މަންސޫރު ބިން މުގްރިން އަވަހާރަވެއްޖެ އެވެ.

ސައުދީގެ ހަބަރިއްޔާ ޗެނަލް އިން ބުނި ގޮތުގައި މުގްރިން ދަތުރުކުރެއްވި ހެލިކޮޕްޓަރުގައި ސައުދީގެ އެހެން އޮފިޝަލުން ވެސް ދަތުރުކުރެއްވި އެވެ.

އެ ހާދިސީ ހިނގީ ކިހިނެއް ކަމެއް ސައުދީން މިހާތަނަށް ހާމަކޮށްފައެއް ނުވެ އެވެ. އަދި އެ ހާދިސާގައި ހެލިކޮޕްޓަރުން ދަތުރުކުރި އެހެން ބޭފުޅުންނަށްވީ ގޮތެއް ވެސް ސައުދީން ހާމަކޮށްފައެއް ނުވެ އެވެ.

އަވަހާރަވި ޕްރިންސަކީ ސައުދީގެ ކުރީގެ ވަލީއަހުދު މުގްރިން ބިން އަބްދުލް އަޒީޒުގެ ދަރިކަލުންނެވެ. ވަލީއަހުދުގެ މަގާމުން މުގްރިން ވަނީ 2015 ދުރުކުކޮށްފަ އެވެ. އަވަހާރަވި އިރުު ޕްރިންސް މަންސޫރު ދިޔައީ ސައުދީގެ އާސިރު ޕްރޮވިންސްގެ ޑެޕިއުޓީ ގަވަރުނަރުގެ މަގާމު ފުރުއްވަމުންނެވެ.

ޕްރިންސް އަވާހަރަވި އިރު ސައުދީގެ މިހާރުގެ ވަލީއަހުދު މުހައްމަދު ސަލްމާން ބިން އަލް ސައުދު ވަނީ ކޮރަޕްޝަނުގެ ތުހުމަތުގައި އެގާރަ ޕްރިންސަކާ އެކު ހަތަރު މިނިސްޓަރުން ހައްޔަރުކޮށްފަ އެވެ.

ހައްޔަރު ކުރި ބޭފުޅުންގެ ތެރޭގައި ސައުދީގެ ބިލިއަނަރު ވަލީދު ބިން ތަލާލް ވެސް ހިމެނިވަޑައިގަންނަވަ އެވެ.

ގިނަ މުރާސިލުން ބުނާ ގޮތުގައި ބިން ސަލްމާންގެ މި އަމަލަކީ ވަރިކަމުގެ ބާރުތައް މުށުތެރެއަށް ލުމަށް ޓަކައި އެޅުއްވި ފިޔަވަޅެކެވެ.

ބީބީސީ