07 Nov 2017, 08:30
ބައެއް މީހުންނަށް ދިރިއުޅުމުގައި ދިމާވާ ބައެއް ކަންތައްތަކުގެ ސަބަބުން ތިމާ ދެން ކަންތައް ކުރަންވީ ގޮތް ނޭނގި، އުމުރުގެ ކޮންމެވެސް ހިސާބަކުން ދުނިޔެ މަތިން ފޫހިވާފަހަރު އާދޭދޯއެވެ؟
ގޮތް ހުސްވީކަމަށް ބަލައި އަމިއްލަ ހަށިގަނޑަށް ގެއްލުންދޭ ފަހަރު ވެސް އާދޭ ނޫންހެއްޔެވެ؟ ކަމެއް ދިމާވިނަމަވެސް ތިމާގެ މުޅި އުމުރު ނިމުނީކަމަށް ނުބަލާށެވެ. ދިމާވާ ކަންތައްތަކުން އަރައިގަންނަން މަސައްކަތްކޮށް ރަގަޅު ދިރިއުޅުމެއް އުޅެން ޖެހޭނެއެވެ. ހަޔާތުގައި ކާމިޔާބު މީހަކަށް ވެވޭނީ އޭރުންނެވެ.
ތިމާ ގޮތް ހުސްވުމުން ދެން ކަންތައް ކުރަނީ ކިހިނެއް ހެއްޔެވެ؟ ހާސްވެފައި ހުންނަ ވަރުން ވިސްނާނުލާ އެޅޭ ފިޔަވަޅުގެ ސަބަބުން އަނެއްކާވެސް ތިމާއަށް ކުރިމަތިވާނީ އިތުރު ހިތްދަތިކަމެކެވެ.
ގޮތް ހުސްވާހެން ހީވުމުން ފުރަތަމަ ވެސް ތިމާ ވިސްނާ ވިސްނުންތަކުން އެއްކޮށް ދުރުވާށެވެ. ސިކުނޑިއަށް އަރާމެއް ދޭށެވެ. އެހާ ގަދައަށް ނުވިސްނާށެވެ. ސަބަބަކީ އެފަދަ ވަގުތެއްގައި ތިމާ ވިސްނާފައި ކަމަކަށް ގޮތެއް ނިންމުމުން އޭގެން އެންމެ އެދެވޭ ނަތީޖާ ނުނިކުންނާނެތީއެވެ. ފިކުރުތަކާއި ދުރުވުމަށް ނިދާލާށެވެ. ނޫނީ ކޮންމެވެސް އެހެން ކަމަކާ މަޝްޣޫލު ވާށެވެ. ރަގަޅަށް ހަމަޖެހިލައިގެން ދެން ތިމާ އަޅަން ޖެހޭ ފިޔަވަޅާ މެދު ވިސްނާށެވެ. އޭރުން ނަތީޖާ ރަގަޅުވާނެއެވެ.
ތިމާ ހިތް އުފާވާ ކަންތައްތައް ކޮށްލުމަކީ ވަރަށް މުހިއްމު ކަމެކެވެ. ފޮތެއް ކިޔާލައި ފިލްމެއް ބަލާލައި ނޫނީ ދުވަން ގޮސް ހަދާލުމަކި ތިމާ އެންމެ ކުރާ ހިތްވާ ކަންތައްތައް ކަމަށްވާނަމަ އެކަންތައްތައް ކޮށްލާށެވެ. އޭރުން ތިމާ ގޮތް ހުސްވެގެން ހަދާނެ ގޮތެއް ނޭނގިގެން އުޅޭކަށް ނުޖެހޭނެއެވެ.
ތިމާ ހެއްދެވި ފަރާތުގެ މަތީން ގިނަގިނައިން ހަނދާންކޮށް ފަރުޟު ފަސް ނަމާދަށް ފަރުވާތެރިވާށެވެ. ކުރިމަތިވެފައިވާ ކަންތައްތަކުން އަރައިގަތުމަށް މާތް ﷲ ގެ ޙަޟްރަތުން އެހީތެރިކަމަށް އެދި ގިނަގިނައިން ދުއާކުރާށެވެ. އޭރުން ހަމަ ޔަގީނުންވެސް ތިމާ ހުންނާނީ ގޮތް ހުސްވެފައެއް ނޫނެވެ. އެކަމުގެ ސަބަބުން ތިމާގެ ކުރިމަގު ވެސް އަލިވެގެން ދާނެއެވެ.