މިހާރު އެންމެ ބާރަށް ދެކެވޭ ވާހަކައަކީ އެޕަލްގެ އައިފޯން އެކްސްގެ ވާހަކައެވެ. މި ފޯނު ބާޒާރަށް ނެރުނުތާ ދެތިން ދުވަސް ވެފައިވާއިރު ފޯނުގެ ސޭލްސްވެސް ވަރަށް ރަނގަޅެވެ. އެޕަލްގެ ފޭނުން މިހާރު ތިބޭނީ އައިފޯން އެކްސްގައި އަތް ޖައްސާލަން ބޭނުން ވެފައެވެ.

އިންޑިއާގެ ބާޒާރަށް އައިފޯން އެކްސް ނެރުނީ ހުކުރުދުވަހުއެވެ. ފޯނު ވިއްކާ ފިހާރަތައް ކުރިމަތީ ބޮޑެތި ކިއުތައް ދާމާލާފައި އޮތެވެ. އައިފޯން އެކްސް އާ މެދު އެންމެ އެކްސައިޓްވެފައި ހުރި އެކަކަށް ހަމަ ގައިމުވެސް އިންޑިއާއަށް ނިސްބަތްވާ މި މީހާ ވާނެއެވެ. އިންޑިއާގެ ތާނޭގައި ދިރިއުޅޭ މަހޭޝް ޕަލިވާލް އަކީ އެންމެ ސްޓައިލްގައި އައިފޯން ގަތް މީހާއަށް ނުވެއެއް ނުދާނެއެވެ.

އޭނާ އޯޑަރު ކުރި ފޯނު ބަލައި ދިޔައީ އަސް މަތީގަ "ބާރާތް" އާއެކުއެވެ. މިއީ އާންމުކޮށް ކައިވެނިތަކުގައި ފިރިހެން ކުއްޖާ ކައިވެނީގެ މަޖިލީހަށް ދާ ސްޓައިލެވެ. އޭނާގެ އަތުގައި "އައި ލަވް އައިފޯން އެކްސް" ޖަހާފައިވާ ބެނާ އެއްވެސް އޮތެވެ. މަހޭޝް އަށް ފޯނު ލިބުނީވެސް އޭނާ އަސް މަތީ އިންދައެވެ. ފޯނު ނަގަން ތިރިއަށް ފައިބަންވެސް އޭނާ އަކަށް ނުޖެހުނެވެ. މަހޭޝް ހުރީ ވަރަށް އުފަލުންނެވެ. އޭނާއަށް ލިބުނު ސަމާލުކަމާ އެކު އައިފޯން އެކްސް އަތަށް ލިބުމުންނެވެ.

އިންޑިއާގައި އައިފޯން އެކްސްގެ އަގު އުޅެނީ 64 ޖީބީގެ ފޯނު 84 ހާސް ރުޕީސް އަށް އަދި 256 ޖީބީގެ ފޯނު 102000 ރުޕީސް އަށެވެ. ސިލްވާ އަދި ސިލްވާ ގްރޭ ކުލައިން އިންޑިއާގައި އައިފޯން އެކްސް ވިއްކާނެއެވެ.

މަސްދަރު: އެންޑީޓީވީ