06 Nov 2017, 10:23
އިނގިރޭސި ޕްރިމިއަރ ލީގުގައި ރޭ އާސެނަލް އާއި މެންޗެސްޓާ ސިޓީ ބައްދަލު ކުރި މެޗުގައި ސިޓީން ޖެހި ތިން ލަނޑުގެ ތެރެއިން ދެ ލަނޑަކީ ރެފްރީގެ ގޯސް ނިންމުމުގެ ސަބަބުން ވަން ދެ ލަނޑު ކަމަށް ބުނެ އާސެނަލްގެ ކޯޗު އާސެން ވެންގާ ރެފްރީންނަށް ފާޑު ކިޔައިފިއެވެ.
މެޗުގައި ސިޓީއަށް ދިން ޕެނަލްޓީއާ ގުޅޭގޮތުން ވާހަކަދައްކަމުން ވެންގާ ބުނީ ސިޓީގެ ފޯވާޑް ރަހީމް ސްޓާލިން އަށް ޑައިވް ކުރަން ވަރަށް ރަނގަޅަށް އެނގޭ ކަމަށާއި ޕެނަލްޓީ އަކީ ސިޓީއަށް ލިބިގެން ނުވާނެ ޕެނަލްޓީއެއް ކަމަށެވެ.
މީގެއިތުރުން ސިޓީން ކާމިޔާބުކުރި ތިންވަނަ ގޯލަކީ އޮފްސައިޑް ގޯލެއް ކަމަށާއި މިއީ ސިޓީގެ ދަނޑުގައި ކުޅެ މިފަދަ ގޮތަކަށް ކަންތައްތައް ދިމާވި ދެވަނަ އަހަރު ކަމަށްވެސް ވެންގާ ބުންޏެވެ.
"ސިޓީގެ ފެންވަރާ މެދު އަހަރެން އެއްވެސް ސުވާލެއް ނުއުފައްދަން. އެކަމަކު އެމީހުން ތިންވަނަ ގޯލު ކާމިޔާބުކުރުމުގެ ކުރިން ނަތީޖާ އޮތީ 1-2 ގަ. އޭރުވެސް އަހަރުމެން އޮތީ މެޗުގެ ތެރޭގައި. އެމީހުންގެ ތިންވަނަ ގޯލަކީ އޮފްސައިޑް ގޯލެއް. އެ ގޯލާއެކު މެޗު އަހަރުމެންނަށް ނިމިއްޖެ." ވެންގާ ބުންޏެވެ.
ވެންގާ ބުނީ ރެފްރީން އެކަށީގެންވާ ވަރަށް މަސައްކަތް ނުކުރާ ކަމަށާއި ރެފްރީންގެ ފެންވަރު ވެސް ކޮންމެ ސީޒަނެއްގައި ދަށަށްދާ ކަމަށް ފާހަގަ ކުރެވޭ ކަމަށެވެ.
ރޭގެ މެޗުން ބަލިވިމުން އާސެނަލް އޮތީ 19 ޕޮއިންޓާއެކު ލީގުގެ ހަވަނައިގައެވެ. ލީގުގެ އެއްވަނައިގައި އޮތް މެންޗެސްޓަރ ސިޓީއަށް ލިބިފައިވަނީ 31 ޕޮއިންޓެވެ.