06 Nov 2017, 10:02
ޕާކިސްތާނުގެ އެކްޓަރު ފަވާދު ޚާން ބޮލީވުޑަށް ކުރި ދަތުރު ނިންމާލުމަށް ފަހު ފިލްމް ކުޅެން ހޮލީވުޑަށް ކަޅި ހުއްޓިއްޖެ އެވެ.
ފަވާދު ބުނީ ބޮލީވުޑްގައި ވެސް އޭނާ އަށް މާ ބޮޑު ކާމިޔާބުތަކެއް ލިބިފައި ނުވާ ކަމަށާއި އެކަމުގެ ސަބަބުން ހޮލީވުޑަށް ދިޔުމަށް ވިސްނާ ކަމަށެވެ.
"ބޮލީވުޑްގައި ވެސް ޕާކިސްތާނުގައި ވެސް ފިލްމް އިންޑަސްޓްރީ އިން ކުރިއަށް ދެވޭނެ ގޮތެއް ނެތް. އެހެންވެ ހޮލީވުޑަށް ދާން ވިސްނަނީ މި. އެކަމަކު އަހަރެންނަށް އެހާ ކަމަކު ނުދޭ ހޮލީވުޑް ފިލްމްތަކެއް. މާ ގާގޯޅި މަންޒަރުތަކެއް ކުޅެން ޖެހޭނީ،" އޭނާ ބުންޏެވެ.
ހޮލީވުޑް ފުރުސަތުތައް ބަލަމުން އަންނަ އިރު މިހާރު ފަވާދު ތައްޔާރުވަނީ އޭނާ އެންމެ ފަހުން ކުޅުނު ޕާކިސްތާނު ފިލްމު "މައުލާ" ރިލީޒްކުރުމަށެވެ. ބިލާލް ލަޝާރީ ޑައިރެކްޓްކޮށްފައިވާ މި ފިލްމުގެ ބަތަލާ އަކީ މާހިރާ ޚާން އެވެ.
"މައުލާ"ގައި ފަވާދުގެ އިތުރުން ހަމްޒާ އަލީ އައްބާސީ، އަދުނާން ޖައްފާރު، ޝައްމޫން އައްބާސީ އަދި ހުމައިމާ ފެންނާނެ އެވެ.
ފަވާދަކީ މުޅި ޕާކިސްތާނުގައި ވެސް މަޝްހޫރު އަދި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ވެސް މީހުންގެ ލޯތްބާއި މަގްބޫލްކަން ހޯދާފައިވާ އެކްޓަރެކެވެ.