އޮސްޓިން (ނޮވެމްބަރު 6): އެމެރިކާގެ ޓެކްސަސްގެ ޗާޗަކަށް ހަތިޔާރު އަޅައިގެން ހުރި މީހަކު ވަދެ، ބަޑިން ހަމަލާދީ 26 މީހަކު މަރާލައިފި ކަމަށް އެސްޓޭޓުގެ އޮފިޝަލުން ބުނެފި އެވެ.

ޓެކްސަސްގެ ވިލްސަން ކައުންޓީގައި ހުންނަ ފަސްޓް ބެޕްޓިސްޓް ޗާޗަށް އިއްޔެ މެންދުރު ގަޑީގައި ދިން އެހަމަލާގައި 26 މީހަކު މަރުވެފައިވާ ކަން އެސްޓޭޓުގެ ގަވަރުނަރު ގްރެގް އެބޮޓް ވަނީ ޔަގީންކޮށްދެއްވާފަ އެވެ. އަދި އެއީ ޓެކްސަސްގެ ތާރީހުގައި ދިން އެންމެ ނުރައްކާތެރި ބަޑީގެ ހަމަލާ ކަމަށް ވެސް އެބޮޓް ވިދާޅުވި އެވެ.

ޓެކްސަސް ޑިޕާޓްމެންޓް އޮފް ޕަބްލިކް ސޭފްޓީގެ ރީޖަނަލް ޑިރެކްޓަރު ފްރީމޭން މާޓީން ވިދާޅުވި ގޮތުގައި އެހާދިސާގައި މަރުވި މީހުންގެ ތެރޭގައި އުމުރުން ފަސް އަހަރާއި 72 އަހަރާ ދެމެދުގެ މީހުން ހިމެނެ އެވެ. އަދި އިތުރު 20 މީހަކު ޒަހަމްވުމުގެ ސަބަބުން ފަރުވާ ދޭން ހޮސްޕިޓަލަށް ގެންދިޔަ ކަމަށް ވެސް މާޓިން ވިދާޅުވި އެވެ.

ޓެކްސަސްގެ ޗާޗަކަށް ދިން ހަމަލާއާ ގުޅިގެން ގިނަ އަދަދެއްގެ މީހުން ވަނީ ހިތާމަ ފާޅުކޮށްފައި -- ފޮޓޯ: އޭޕީ

އެހަމަލާ ދިން މީހާގެ މައުލޫމާތު ފުލުހުން ހާމަ ނުކުރި ނަމަވެސް އެމެރިކާގެ މީޑިއާތަކުން ބުނާ ގޮތުގައި އެހަމަލާ ދިނީ އުމުރުން 26 އަހަރު ޑެވިން ޕެޓްރިކް ކެލީ ކިޔާ މީހެކެވެ. އަދި އޭނާ ވަނީ 2010 އިން 2014 އަށް އެމެރިކާގެ އެއާ ފޯސްގައި މަސައްކަތްކޮށްފައި ކަމަށް ސީބީއެސް އިން ބުނެ އެވެ.

ފުލުހުން ބުނި ގޮތުގައި އެ ހަމަލާ ދިން މީހާ ވަނީ ކާރަކަށް އަރައިގެން ފިލަން މަސައްކަތްކޮށްފަ އެވެ. ނަމަވެސް އާއްމުންގެ ތެރެއިން މީހަކު ވަނީ އޭނާގެ ބަޑި އަތުލައި، އޭނާގެ ގަޔަށް ބަޑި ޖަހާފައި ކަމަށް ފުލުހުން ބުންޏެވެ. އޭގެ ފަހުން ފުލުހުންނަށް ފެނުނީ ހަމަލާ ދިން މީހާ މަރުވެފައި އޮއްވައި ކަމަށާއި، އޭނާ މަރުވީ އަމިއްލައަށް ކަމަށް ނުވަތަ އެހެން މީހަކު ދިން ހަމަލާއެއްގެ ސަބަބުން ކަމަށް އަދި ޔަގީންވެފައި ނުވެ އެވެ.

އެފްބީއައި އިން ވަނީ އޭނާ އެހަމަލާ ދިން ސަބަބު އަދި ޔަގީންވެފައި ނުވާ ކަމަށް ބުނެފަ އެވެ. އަދި އޭނާއާ އެއްވެސް ޓެރަރިސްޓު ޖަމާއަތަކާ ގުޅުން އޮތް ކަމަށް އެނގިފައި ނުވާ ކަމަށް އޮފިޝަލުން ބުންޏެވެ.

ޓެކްސަސްގައި އެހަމަލާ ދީފައި ވަނީ ލަސް ވޭގަސްގައި އޮތް ކޮންސެޓެއް ތެރެއަށް ބަޑި ޖަހައި 58 މީހަކު މަރާލިތަ އެއް މަސް ފަހުންނެވެ. އެހަމަލާއަކީ އެމެރިކާގެ ފަހުގެ ތާރީހުގައި ދިން އެންމެ ނުރައްކާތެރި ބަޑީގެ ހަމަލާ ކަމަށް ކަމާ ބެހޭ ފަރާތްތަކުން ވަނީ ބުނެފަ އެވެ. (ބީބީސީ)