އެންމެ ފަހުން ކުޅުނު ދެ މެޗުން ވެސް ބަލިވުމަށް ސްޕެނިޝް ލީގުގައި ރޭ ލަސްޕާމަސް ބަލިކޮށް، ރެއާލް މެޑްރިޑް އިން މޮޅެއް ހޯދައިފި އެވެ.

ރެއާލްގެ ދަޑނުގައި ލަސްޕާމަސްއާ ވާދަކޮށް ރެއާލް އިން މެޗު ކާމިޔާބު ކުރީ 0-3ގެ ނަތީޖާއަކުންނެވެ. އެ މޮޅާ އެކު ރެއާލް މިހާރު އޮތީ 23 ޕޮއިންޓާ އެކު ލީގުގެ ތިންވަނައިގަ އެވެ. ދެވަނާގައި 27 ޕޮއިންޓާ އެކު ވެލެންސިޔާ އޮތްއިރު އެއްވަނާގައި 31 ޕޮއިންޓާ އެކު އޮތީ ބާސެލޯނާ އެވެ.

އެމެޗު ފެށިގެން ބޯޅަ ކޮންޓްރޯލް ކޮށްގެން ރަނގަޅަށް ކުޅެމުންދިޔައީ އެޓީމުންނެވެ. އެގޮތުން އެޓީމުން ވަނީ ލަސްޕާމަސްގެ ހާފަށް ބާރުބޮޑުކޮށް، ގިނަ ހަމަލާތަކެއް ފޮނުވާލައިފަ އެވެ.

ރެއާލް އިން މެޗުގެ ލީޑު ނެގީ 41 ވަނަ މިނެޓުގަ އެވެ. މި ލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ ޑިފެންޑަރު ކަސަމީރޯ އެވެ. މި ލަނޑާ އެކު ފުރަތަމަ ހާފް ނިމުނީ 0-1ގެ ނަތީޖާއިން ލަސްޕާމަސްގެ މައްޗަށް ރެއާލް ކުރީގައިއޮވެގެންނެވެ.

ދެވަނަ ހާފް ފެށިގެން ވެސް ރަނގަޅަށް ކުޅެމުން ދިޔައީ ރެއާލް އިންނެވެ. އެގޮތުން ފުރަތަމަ ހާފެކޭ އެއްގޮތަށް ދެވަނަ ހާފްގައި ވެސް ރެއާލް އަށް ވަނީ ލަނޑު ޖެހުމަށް ގިނަ ފުރުސަތުތަކެއް ލިބި ބޭކާރުވެފަ އެވެ.

ރެއާލް އިން މެޗުގެ ލީޑު ނެގީ 56 ވަނަ މިނެޓުގައި މާކޯ އެސެންސިއޯ ކާމިޔާބުކުރި ހިތްގައިމު ލަނޑުންނެވެ. ރެއާލް އިން މެޗުގައި ޖެހި ތިން ވަނަ ލަނޑު 74 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ އިސްކޯއެވެ.

ރޭގެ މެޗުގައި ރޮނާލްޑޯ އަށް ގޯލެއް ކާމިޔާބު ނުކުރެވުނު ނަމަވެސް ގޯލްޖަހާނެ ރަނގަޅު ފުރުސަތުތަކެއް އޭނާ އަށް ވަނީ ލިބިގެން ގޮސްފަ އެވެ. މި ސީޒަނުގެ ސްޕެނިޝް ލީގުގައި ރޮނާލްޑޯ އަށް އަދި ކާމިޔާބުކުރެވުނީ އެންމެ ގޯލެކެވެ.