06 Nov 2017, 08:16
ގޯލްޑަން ފުޓްސަލް އެސޯސިއޭޝަނުން އިންތިޒާމްކޮށްގެން ކުރިއަށްގެންދާ ގޯލްޑަން ފުޓްސަލް ޗެލެންޖްގެ ކުއާޓާ ފައިނަލަށް ދަތުރުކުރި ޓީމުތައް ކަށަވަރުވެއްޖެ އެވެ.
އެ މުބާރާތުގެ ކުއާޓާގެ ޖާގަތައް ހޯދި ޓީމުތައް ކަށަވަރުވީ މާފަންނު ސްޓޭޑިއަމް ވެލިދަނޑުގައި ރޭ ކުޅުނު ގަދަ 16ގެ މެޗުތަކަށްފަހު އެވެ. ޒޯން ހަތެއްގެ ރަނަރަޕެއް ނެތުމުން އެންމެ ފަހުގެ ޗެމްޕިއަން ތ. ތިމަރަފުއްޓަށް ވަނީ ކުއާޓާގެ އޮޓޮމެޓިކް ޖާގައެއް ލިބިފައެވެ.
ގަދަ 16ގައި ހދ. ކުމުންދޫ އަތުން ސ. ފޭދޫ މޮޅުވެފައި ވަނީ 3-2 ލަނޑުގެ ނަތިޖާ އަކުންނެވެ. އެ މެޗުގައި ފޭދޫން ކާމިޔާބުކުރި ތިން ލަނޑުގެ ތެރެއިން މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ހޮވުނު ހަސަން އަޒުވާން ދެ ލަނޑު ކާމިޔާބުކޮށްދިން އިރު، އެ ޓީމުގެ އަނެއް ލަނޑު ކާމިޔާބުކޮށްދިނީ ސިމާއު އެވެ. ކުމުންދޫގެ ލަނޑުތައް ކާމިޔާބުކޮށްދިނީ އާދަމް ޝަރީފާއި މުހައްމަދު އިރުޝާދެވެ.
ގަލޮޅު އަތުން ބ. ތުޅާދޫ މޮޅުވެފައި ވަނީ 10-1 ލަނޑުގެ ތަފާތު ބޮޑު ނަތީޖާ އަކުންނެވެ. އެ މެޗުގައި ތުޅާދޫން ކާމިޔާބުކުރި ދިހަ ލަނޑުގެ ތެރެއިން ފަސް ލަނޑު މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ހޮވުނު އާފިގް ރަޝީދު ކާމިޔާބުކޮށްދިން އިރު، މުހައްމަދު ތައުޝީން ތިން ލަނޑު ކާމިޔާބުކޮށްދިނެވެ. މެޗުގައި އިސްމާއިލް ދާއޫދާއި އަބޫބަކުރު ރުސްދާން ވެސް ތުޅާދުއަށް ލަނޑެއް ކާމިޔާބުކޮށްދިނެވެ. ގަލޮޅުގެ ހަމައެކަނި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ހާމިދެވެ.
ރޭގެ މެޗުގައި އއ. ފެރިދޫ އަތުން ފ. ނިލަންދޫ މޮޅުވެފައި ވަނީ 2-1 ލަނޑުގެ ނަތީޖާ އަކުންނެވެ. އެ މެޗުގައި ނިލަންދޫގެ ލަނޑުތައް ކާމިޔާބުކޮށްދިނީ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ހޮވުނު ސާޖިދާއި މުނީރެވެ. މެޗުގައި ފެރިދޫގެ ހަމައެކަނި ލަނޑު ކާމިޔާބުކޮށްދިނީ އަބްދުﷲ ނިޝާނެވެ.
ށ. ބިލެއްފަހި އަތުން މ. މަޑުއްވަރީ މޮޅުވީ 3-1 ލަނޑުގެ ނަތީޖާ އަކުންނެވެ. މަޑުއްވަރީން ކާމިޔާބުކުރި ތިން ލަނޑުގެ ތެރެއިން ދެ ލަނޑު އާޒިމް ކާމިޔާބުކޮށްދިން އިރު، އެ ޓީމުގެ އަނެއް ލަނޑު ކާމިޔާބުކޮށްދިނީ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ހޮވުނު ނާޝިދެވެ. ބިލެއްފަހީގެ ހަމައެކަނި ލަނޑު ކާމިޔާބުކޮށްދިނީ އާދަމް އަފްރާހު އެވެ.
އދ. ކުނބުރުދޫ އަތުން ކ. ގާފަރު މޮޅުވީ 4-2 ލަނޑުގެ ނަތީޖާ އަކުންނެވެ. އެ މެޗުގައި ގާފަރުން ކާމިޔާބުކުރި ހަތަރު ލަނޑުގެ ތެރެއިން ދެ ލަނޑު މާއިޝް ކާމިޔާބުކޮށްދިން އިރު، ރިމާހާއި ހަމީސް ވެސް ލަނޑެއް ކާމިޔާބުކޮށްދިނެވެ. މެޗުގައި ކުނބުރުދޫގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ޝަފްރާޒާއި ޝިފާޒެވެ.
ލ. ގަން އަތުން ހެންވޭރު މޮޅުވެފައި ވަނީ 2-1 ލަނޑުގެ ނަތީޖާ އަކުންނެވެ. އެ މެޗުގައި ހެންވޭރުން ކާމިޔާބުކުރި ދެ ލަނޑު ވެސް އެ ޓީމަށް ޖަހައިދިނީ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ހޮވުނު އިބްރާހިމް ރިޒުވާނެވެ. ގަމުން ކާމިޔާބުކުރި ހަމައެކަނި ލަނޑު އެ ޓީމަށް ޖަހައިދިނީ ހުސައިން ނާޝިދެވެ.
ގަދަ 16ގެ ފަހު މެޗުގައި ރ. އިނގުރައިދޫ އަތުން ގއ. ނިލަންދޫ މޮޅުވެފައި ވަނީ 5-3 ލަނޑުގެ ނަތީޖާ އަކުންނެވެ. އެ މެޗުގައި ނިލަންދޫން ކާމިޔާބުކުރި ފަސް ލަނޑުގެ ތެރެއިން ދެ ލަނޑު ހުސައިން މައުރޫފް ކާމިޔާބުކޮށްދިން އިރު، ޔޫނުސް އަންވަރާއި ހުސައިން އިބްރާހިމް އަދި ސޮފްވާން ރަމީޒު ވެސް އެ ޓީމަށް ލަނޑެއް ކާމިޔާބުކޮށްދިނެވެ. އިނގުރައިދޫން ކާމިޔާބުކުރި ތިން ލަނޑުގެ ތެރެއިން ދެ ލަނޑު އަހްމަދު އައިހަމް ކާމިޔާބުކޮށްދިން އިރު، އަނެއް ލަނޑު ކާމިޔާބުކޮށްދިނީ އަލީ ހާފިޒެވެ.
މިއަހަރު އެ މުބާރާތުގެ ޗެމްޕިއަން އަދި ރަނަރަޕް ޓީމަށް ދޭ ފައިސާގެ އިނާމަށް ވަނީ ބޮޑެތި ބަދަލުތަކެއް ގެނެސްފައެވެ. މިދިޔަ އަހަރު ޗެމްޕިއަން ޓީމަށް 50،000 ރުފިޔާގެ ފައިސާގެ އިނާމެއް ދިން ނަމަވެސް، މިއަހަރު ޗެމްޕިއަން ޓީމަށް ހުށަހަޅާފައި ވަނީ 65،000 ރުފިޔާގެ ފައިސާގެ އިނާމެކެވެ. މިދިޔަ އަހަރު ރަނަރަޕް ޓީމަށް 15،000 ރުފިޔާގެ ފައިސާގެ އިނާމެއް ދިން ނަމަވެސް، މިއަހަރު ރަނަރަޕް ޓީމަށް ހުށަހަޅާފައި ވަނީ 25،000 ރުފިޔާގެ ފައިސާގެ އިނާމެކެވެ.
މިއަހަރުގެ ގޯލްޑަން ފުޓްސަލް ޗެލެންޖްގެ ޓައިޓަލް ސްޕޮންސަރަކީ ސޮނީ ސްޕޯޓްސް އެވެ. އަދި އޮންލައިން މީޑިއާ ޕާޓްނަރަކީ ސަން އޮންލައިނެވެ. މިދިޔަ އަހަރެކޭ އެއްގޮތަށް މިއަހަރު ވެސް އެ މުބާރާތުގައި 50 ޓީމެއް ވާދަކުރެ އެވެ.
އެ މުބާރާތުގެ ކުއާޓާގެ މެޗުތައް ކުޅުމަށް ހަމަޖެހިފައި ވަނީ މާދަމާ ރޭ އެވެ.
(7 ނޮވެމްބަރު 2017، 20:00) ސ. ފޭދޫ – ބ. ތުޅާދޫ
- (7 ނޮވެމްބަރު 2017، 21:00) ފ. ނިލަންދޫ – މ. މަޑުއްވަރީ
- (7 ނޮވެމްބަރު 2017، 22:00) ތ. ތިމަރަފުށި – ކ. ގާފަރު
- (7 ނޮވެމްބަރު 2017، 23:00) ހެންވޭރު – ގއ. ނިލަންދޫ