ކުރީގެ ޑިފެންސް މިނިސްޓަރު ކާނަލް ރިޓަޔާޑް މުހައްމަދު ނާޒިމް ޖަލަށްލާފައި ހުންނަތާ އިއްޔެ އަށް އެއްހާސް ދުވަސްވީއިރު، އެ ދުވަސްތައް ގުނަމުންދަނީ އަނިޔާ ލިބިފައިވާ ހިތްތަކުން ކުރާ ދުއާތަކަކާ އެކުގައި ކަމަށް ނާޒިމްގެ އާއިލާއިން ބުނެފި އެވެ.

ނާޒިމްގެ އާއިލާއިން އިއްޔެ ނެރުނު ނޫސްބަޔާނެއްގައި ބުނެފައި ވަނީ، އަދުލު އިންސާފުގެ ހައްގުން ދިވެހި އެއްވެސް ރައްޔިތަކު އަދި އެއްވެސް އިންސާނަކު މަހްރޫމުވުމަށް އެ އާއިލާއިން ނޭދޭ ކަމަށެވެ. އަދި ދިވެހިންގެ ކިބައިން އެދެނީ ހައްގުތަކާއި ވާޖިބުތަކެއްގެ ހުރުމަތަށް ޓަކައި މިނިވަންކަމުގެ ހައްގުގައި ކެނޑިނޭޅި މަސައްކަތް ކޮށްދިނުމަށް ކަމަށެވެ.

އެ ނޫސްބަޔާނުގައި ބުނެފައި ވަނީ، ނާޒިމް 11 އަހަރަށް ޖަލަށްލާފައި ވަނީ، ނާޒިމްގެ ގެއިން ފެނުނު ފިސްތޯލަ އެގޭގައި ބާއްވާފައި އޮތީ ނާޒިމްކަން އެނގޭނެ ހެއްކެއް ގަރީނާއެއް ނެތި ކަމަށެވެ. އަދި އެ މައްސަލާގައި ކުރީގެ ނައިބު ރައީސް އަހްމަދު އަދީބު އަބްދުލްޣަފޫރު ރާއްޖޭގެ އުއްތަމަ ފަނޑިޔާރަށް މިއަހަރުގެ ޖޫން މަހުގެ 20 ވަނަ ދުވަހު ސިޓީއެއް ފޮނުވާފައިވާ ކަމަށާއި އެ ސިޓީގައި، ނާޒިމް ދިރިއުޅެމުންދިޔަ އެޕާޓްމެންޓުން ފެނުނު ފިސްތޯލައާއި ތިން ވަޒަނަކީ ނާޒިމްގެ އެއްޗެއް ނޫން ކަމަށާއި އެކަން ހިނގައި ދިޔަ ގޮތް ރަނގަޅަށް އެނގިވަޑައިގަންނަވާ ކަމަށް ވިދާޅުވެފައިވާ ކަމަށް ނޫސްބަޔާނުގައި ބުނެފައިވެ އެވެ.

އެ ސިޓީގައި ފިސްތޯލައާއި ތިން ވަޒަނުގެ ހަގީގަތް ނާޒިމް އަށް އެއްވެސް މިންވަރަކަށް އެނގިފައިނުވާނެކަން ޝަރުޢީ ހަމަތަކުގެ މަތީން ސާބިތުކޮށްދޭނެކަމުގެ ޔަގީން ދީފައިވާ ކަމަށް ވެސް ނާޒިމްގެ އާއިލާއިން ނެރުނު ބަޔާނުގައިވެ އެވެ.

އެބަޔާނުގައި ސުޕްރީން ކޯޓުން އަލުން އެ މައްސަލަ ބައްލަވައިދެއްވުމަށް ނާޒިމްގެ ފަރާތުން އެދިފައިވާނެ ކަމަށާއި، އެހެން ނަމަވެސް މިއަދާ ހަމައަށް ވެސް އެކަމަށް އެއްވެސް ޖަވާބެއް ލިބިފައި ނުވާ ކަމަށް ބުނެފައިވެ އެވެ. އަދި އެކަމަކީ ރާއްޖޭގެ ޝަރުއީ ނިޒާމާ މެދު އެއާއިލާއިން ލަދުވެތިވާ ކަމެއް ކަމަށް ވެސް ބުނެފައިވެ އެވެ.

އާއިލާއިން ވަނީ، ނާޒިމްއަށް ފަރުވާއެއް ނުލިބި ހިނގާ ކޮންމެ ހިނދުކޮޅަކީ އާއިލާއަށާއި، ހުރިހާ ރައްޔިތުންނަށް ޝަރުއީ ނިޒާމުގެ ތެރެއިން ދެވެމުންދާ އަނިޔާއެއްކަމުގައި ދެކޭ ކަމަށާއި، އެކަމާ މެދު ހިތާމަ ކުރާކަމަށް ބުނެފައިވެ އެވެ.