05 Nov 2017, 22:02
ޝަރޫ ލޯންޗް ސާވިސަސް ޕްރައިވެޓް ލިމިޓެޑުން މޮރީޝަސް ކޮމާޝަލް ބޭންކް (އެމްސީބީ)އަށް 29 މިލިއަނަށްވުރެ ގިނަ ރުފިޔާ ދެއްކުމަށް ސިވިލް ކޯޓުން ހުކުމް ކޮށްފި އެވެ.
އެމްސީބީން ޝަރޫގެ މައްޗަށް ދައުވާ ކުރީ، 2016 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ 27ވަނަ ދުވަހު ވެފައިވާ ލޯނު އެއްބަސްވުމެއްގެ ދަށުން ޝަރޫއިން އެ ބޭންކުން ނަގާފައިވާ 966،000 ޑޮލަރާއި 13.8 މިލިއަން ރުފިޔާ ދައްކާފައިނުވާ ކަމަށްބުނެ އެވެ.
އެ ބޭންކުން ދައުވާ ކޮށްފައި ވަނީ ޝަރޫއިން ނެގި ލޯނަށްވާ ފައިސާ އާއި މިއަހަރުގެ ފެބްރުއަރީ މަހުގެ 12 ވަނަ ދުވަހުގެ ނިޔަލަށް އަރާ އިންޓަރެސްޓާއި ޖޫރިމަނާގެ ފައިސާ އާއެކު ޖުމްލަ 14.1 މިލިއަން ރުފިޔާ އާއި 990،243 ޑޮލަރު (15 މިލިއަން ރުފިޔާ) ބަދަލުގެ ގޮތުގައި ނަގައިދިނުމަށް އެދި އެވެ.
އެ މައްސަލާގައި ސިވިލް ކޯޓުން ކުރި ހުކުމުގައި ބުނެފައި ވަނީ، އެ ފައިސާއަކީ، ޝަރޫއިން މޮރީޝަސް ބޭންކަށް ދައްކަން ޖެހި ނުދައްކާވާ ފައިސާއެއްކަން ހުށަހަޅާފައިވާ ލިޔުންތަކުން ޝަރީއަތަށް ސާބިތުވާ ކަމަށެވެ.
އެ ފައިސާ ހުކުމް ކުރި ތާރީހުން ފެށިގެން 10 މަސްދުވަހުގެ ތެރޭގައި ދައްކާ ހަލާސް ކުރުމަށް ސިވިލް ކޯޓުގެ ހުކުމުގައިވެ އެވެ. އަދި އެ މުއްދަތުގައި އެ ފައިސާ ނުދައްކައިފި ނަމަ އެ ލޯނާއި ގުޅިގެން ޝަރޫއިން ރަހުނުކޮށްފައިވާ ދެ ލޯންޗަކާއި ހުޅުމާލޭގައި ހުރި ގޯއްޗެއް ވިއްކާލައިގެން އެ ފައިސާ ހޯދުމުގެ ހައްގު އެ ބޭންކަށް ލިބިގެންވާ ކަމަށްވެސް އެ ހުކުމުގައި ވެ އެވެ.
އެމްސީބީއަށް 29 މިލިއަން ރުފިޔާ ދެއްކުމަށް ޝަރޫގެ މައްޗަށް ހުކުމް ކޮށްފައިވާއިރު، ޑޮލަރު ގަތުމަށް ޝަރޫއަށް ފެނަކައިންނާއި ސްޓެލްކޯއިން ނެގި 20 މިލިއަނަށްވުރެ ގިނަ ރުފިޔާ ދެއްކުމަށް ވެސް އެ ކުންފުނީގެ މައްޗަށް ވަނީ މީގެ ކުރިން ހުކުމް ކޮށްފަ އެވެ.
ޝަރޫއިން އެ ދެ ކުންފުންޏަށް ޑޮލަރު ވިއްކުމުގެ މުއާމަލާތުގައި ޝަރޫއަށް ގެއްލުމާއި ކުރިމަތިވީ އެމްސީބީގެ ސަބަބުން ކަމަށް ބުނެ ބަދަލުގެ ގޮތުގައި 150 މިލިއަން ރުފިޔާ ހޯދަން ދައުވާވެސް ކުރި އެވެ. އެހެން ނަމަވެސް މިދިޔަ ސެޕްޓެމްބަރު މަހުގެ ފަހުކޮޅު ވަނީ އެ ދައުވާ އަނބުރާ ގެންގޮސްފަ އެވެ.