ސިޔާސީ ހުނަރު

ސިޔާސީ ދާއިރާގެ މީހަކު ޓީވީ ބަލަން އިނެވެ. ގާތުގައި އިނީ ދަރިވަރެކެވެ. އެއީ ސިޔާސީ ކަންކަން އޮޅުން ފިލުވާ ކުއްޖެކެވެ. އޭރު ޓީވީ ދައްކަނީ ފުޓްބޯޅަ މެޗެކެވެ. ކުޅެނީ ރާއްޖެއާއި ބިދޭސީ ޓީމެކެވެ. އިރުކޮޅަކުން އެތަނަށް މީހަކު އައިސް އިރުކޮޅަކު ހުރެލާފައި ބުންޏެވެ.
"މިއަދު މެޗުން މޮޅުވާނީ ދިވެހި ރާއްޖެ،"
ސިޔާސީ ބޭފުޅާ ވިދާޅުވި އެވެ: "ކަލޭ ތިޔަބުނީ ތެދުވާ ވާހަކައެއް،"
އިރުކޮޅަކުން އެހެން މީހަކު އަތުވެއްޖެ އެވެ. އޭނާ ވެސް އިރުކޮޅަކު ހުރެފައި ބުންޏެވެ.
"މެޗުން މޮޅުވާނީ ބިދޭސީ ޓީމް،"
ސިޔާސީ ބޭފުޅާ ވިދާޅުވި އެވެ: "ކަލޭ ތިޔަ ބުނީ ތެދެއް،"
އެ ދެ މީހުން މެޗު ބަލަން ތިބެފައި ހިނގައްޖެ އެވެ. އެވަގުތު ދަރިވަރު ސުވާލު ކުރި އެވެ: "ތިޔަ ވިދާޅުވި އެއްޗެއް އޮޅުމެއް ނުފިލި، ދެ މީހުން، މޮޅުވާނީ ދެ ޓީމް ކަމަށް ބުނީ. އެ ދެމީހުން ގާތުގައި ވެސް ތިޔަ ވިދާޅުވީ އެއީ ތެދުކަމަށް ދެ ޓީމް އެއްފަހަރާ މޮޅުވާނީ ކިހިނެއްތޯ؟ އެއީ ވާނޭ ކަމެއް ނޫން،"
ސިޔާސީ ބޭފުޅާ ވިދާޅުވި އެވެ: "ކަލޭ ތިޔަ ބުނީ ތެދުވާ ވާހަކައެއް،"