05 Nov 2017, 21:44
ބާސެލޯނާއާ ގުޅުމަށް އެތުލެޓިކޯ މެޑްރިޑްގެ ފްރާންސް ފޯވަޑް އެންޓޮއިން ގްރީޒްމަންގެ ކިބައިން އެދޭނެ ކަމަށް ބާސާގެ ފްރާންސް ޑިފެންޑަރު ސެމުއެލް އުމްޓިޓީ ބުނެފި އެވެ.
މިދިޔަ ސީޒަނުގައި ބާސާއާ ގުޅުނު އުމްޓިޓީ ވަނީ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި އެ ޓީމުގެ ޑިފެންސް ލައިންގެ އެންމެ މުހިންމު ކުޅުންތެރިންގެ ތެރޭގައި ހިމެނިފަ އެވެ.
ވޯލްޑް ކަޕް 2018ގެ ޖާގައެއް ފްރާންސް އިން ކަށަވަރުކުރި އިރު، އެންމެ އިސް ދައުރެއް އަދާކުރި ކުޅުންތެރިންގެ ތެރޭގައި އުމްޓިޓީ އާއި ގްރީޒްމަން ހިމެނެ އެވެ.
ފާއިތުވެދިޔަ ސީޒަންތަކުގައި އެތުލެޓިކޯ އިން ދައްކަމުންދިޔަ މޮޅު ކުޅުން މިސީޒަނުގައި އެ ޓީމަށް ދެއްކޭގޮތް ވެފައި ނުވާ އިރު، އެތުލެޓިކޯގެ ތަރި ގްރީޒްމަން އަކީ ބާސާއަށް ވަރަށް ރަނގަޅު ކުޅުންތެރިއަކަށް ވާނެ ކަމަށް އުމްޓިޓީ ދެކެ އެވެ.
"އެތުލެޓިކޯއަށް ގްރީޒްމަން ދައްކާ ކުޅުން އަހަރެމެންނަށް ވަނީ ފެނިފައި. އޭނާ އަކީ ވަރަށް މޮޅު ކުޅުންތެރިއެއް. ގްރީޒްމަންގެ ހޯދުމަށް ފުރުސަތެއް ލިބިއްޖެ ނަމަ، އަހަރެން އޭނާ ކައިރިން އެދޭނަން ބާސާއާ ގުޅުމަށް،" އުމްޓިޓީ ބުންޏެވެ.
މިސީޒަނުގައި ބާސާ އިން ދަނީ ރަނގަޅު ނަތީޖާތަކެއް ހޯދަމުންނެވެ. މި ސީޒަނުގެ ސްޕެނިޝް ލަލީގާ އަދި ޗެމްޕިއަންސް ލީގު މެޗަކުން ވެސް ބާސާ ބަލިވެފައެއް ނުވެ އެވެ.