05 Nov 2017, 19:17
ދ. ކުޑަހުވަދޫ ބަލިކޮށް ނިއު ރޭޑިއަންޓް ސްޕޯޓްސް ކުލަބުން އުރީދޫ ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނާގައި، ފަރަގު ހަތަރު ޕޮއިންޓަށް އަނެއްކާ ވެސް ބޮޑު ކޮށްފިއެވެ.
ގައުމީ ފުޓްބޯޅަ ދަނޑުގައި މިރޭ ކުޅުނު ލީގުގެ ދެ ވަނަ ބުރުގެ މެޗުގައި ނިއު އިން ކުޑަހުވަދޫގެ މައްޗަށް ކުރި ހޯދީ 0-2ގެ ނަތީޖާއަކުންނެވެ.
އެ ނަތީޖާއާ އެކު ނިއު އަށް ތާވަލުގެ އެއްވަނަ މަގާމު ލިބެނީ ކުޅުނު 12 މެޗުން 33 ޕޮއިންޓް ލިބިގެންނެވެ. ހަ ޕޮއިންޓު ފަހަތުން ދެ ވަނާގައި އޮތް ޓީސީ ސްޕޯޓްސް ކުލަބަކަށް 12 މެޗުން ލިބިފައި ވަނީ 29 ޕޮއިންޓެވެ. މިއަދުގެ މެޗުން ބަލިވި ކުޑަހުވަދޫ އޮތީ ކުޅުނު 12 މެޗުން ލިބުނު ތިން ޕޮއިންޓާ އެކު ތާވަލުގެ އެންމެ ފުލުގައެވެ.
މެޗުގައި ނިއުގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެން ގޮސްފައިވާއިރު، ފުރަތަމަ ހާފު ފެށިގެން އެ ޓީމަށް ވަނީ ލީޑު ނަގާނެ ރަނގަޅު ފުރުސަތުތަކެއް ލިބިފައެވެ. ނަމަވެސް ފުރަތަމަ ހާފު ވަރުގަދަ ކޮށް ފެނުނު ކުޑަހުވަދޫގެ ޑިފެންސް ފޫއަޅުވާލެވޭ ގޮތް ނިއު އަށް ވަނީ ނުވެފައެވެ.
ދެވަނަ ހާފުގައި ނިއު އިން އަނެއްކާ ވެސްް ކުޑަހުވަދޫގެ ގޯލަށް ނުރައްކާ ކުރަން ފެށިއެވެ. ނަތީޖާއަކަށް ވީ މެޗުގެ 52 ވަނަަ މިނެޓުގައި ނިއު އަށް ލީޑު ނެގުމަށް ޕެނަލްޓީ އަށް ލިބުމެވެ. އެއްވެސް ހާސްކަމެއް ނެތި އަދްރިއަން ގަލާޑޯ ވަނީ ބޯޅު ގޯލުގެ ތެރެއަށް ފޮނުވާލައި ނިއުގެ ފުރަތަމަ ލަނޑު ކާމިޔާބު ކޮށްދީފައެވެ.
ލަނޑަށް ފަހު ވެސް ނިއު އިން މަސައްކަތް ކުރީ އިތުރު ލަނޑެއް ޖަހައި ތިން ޕޮއިންޓް ޔަގީން ކުރުމަށެވެ. އެގޮތުން މެޗުގެ 67 ވަނަ މިނެޓުގައި އަލީ ފާސިރު (ސެންޓޭ) ވަނީ ކުޑަހުވަދޫގެ ގޯލު ދެވަނަ ފަހަރަށް ފޫއަޅުވާލައި ލީޑު ފުޅާ ކޮށްފައެވެ. އޭގެ ހަތް މިނެޓު ފަހުން ސްޓީވެން މާކޮވިޗް ވަނީ ލަނޑެއް ޖަހައި ނިއުގެ ތިން ވަނަ ލަނޑު ކާމިޔާބު ކޮށްދީފައެވެ.
ލީގުގައި މިރޭ 9:00ގައި ކުޅޭ މެޗުގައި ބައްދަލުކުރާނީ ކްލަބު ގްރީން ސްޓްރީޓްސް އާއި ގދ.ތިނަދޫ އެވެ.