ދެމަފިރިންގެ ދެމެދުގައި ނުވަތަ ދެެ ލޯބިވެރިންގެ ދެމެދުގައި އޮންނަ ގުޅުން ދެމެހެއްޓުމަށް ބޭނުންވަނީ ހަމައެކަނި ލޯތްބެއް ނޫނެވެ. ލޯތްބަކީ ގުޅުންތައް ފެށުމަށް އެންމެ މުހިއްމު އެއް ކަންތައް ނަމަވެސް، ގުޅުން ދެމެއްހެއްޓުމަށް ދެމީހުންގެ ދޭތެރޭ އަޅާލުމާއި، އެހީތެރިކަން އަދި އެކަކު އަނެކާ ކަންތައް ހިއްސާކުރުމާއި، އެކަކަށް ދިމާވާ ދަތިތަކުގައި އަނެކާގެ ފަރާތުން އެހީތެރިކަން ފޯރުކޮށްދިނުމަކީ ކޮންމެހެން ކުރަންޖެހޭނެ ކަމެކެވެ.

ކިތަންމެ ލޯބިން އުޅޭ ޖޯޑެއް ނަމަވެސް، އެ ދެމީހުންގެ ގުޅުމުގައި ކޮންމެވެސް ވަރަކަށް ކުނި ޖެހޭނެއެވެ. މިގޮތަށް ޖެހޭ މައްސަލަތައް ހައްލުކުރުމަށް އެންމެ މުހިއްމީ ދެމީހުންގެ ދޭތެރޭ އޮންނަ އިތުބާރު ވަރުގަދަ ކުރުމެވެ. އަނެކާއަށް ދޭ އެއްބާރުލުން އިތުރުކުރުމެވެ. ދެމީހުން އެކަކު އަނެކަކާއެކު ވަގުތު ހޭދަކުރުމަށް ވެސް ސަމާލުކަން ދޭންޖެހެއެވެ.

ރައްޓެހިވެގެން އުޅޭއިރު އުޑުން ތަރި ބާލާދިން ލޯބިވެރިޔާ، ތިމާގެ އަނބިމީހާއަށް ނޫނީ ފިރިމީހާއަށްވުމުން އެކުގައި ހޭދަކުރާ ވަގުތު ގިނަވާނެއެވެ. ބައިވެރިޔާގެ އަސްލު ގޮތް އެނގޭނީ ކައިވެންޏަށްފަހު އެކީ އުޅެން ފެށުމުންނެވެ. އެކަކު ހިތްހަމަ ނުޖެހޭ ކަމެއް އަނެކާގެ ފަރާތުން ފެނުނު ނަމަވެސް، ދިރިއުޅުން ކުރިއަށް ގެންދެވޭނީ ދިމާވާ ކުދި ކުދި ކަންތައް އަމިއްލައަށް ހައްލު ކޮށްގެންނެވެ. ވާހަކަ ދައްކައިގެންނެވެ.

ދެމީހަކު އެކަކު އަނެކަކު ދެކެ އިންތިހާއަށް ލޯބިވި ނަމަވެސް، އަބަދު މައްސަލަ ޖެހޭނަމަ ދެމީހުންގެ މަސްްލަހަތަށް ވަކިވާންޖެހޭފަހަރު ދިމާވަނީ މަދެއްކޮށެއް ނޫނެވެ. އެހެންކަމުން ލޯބީގައި މައާފުކުރުމާއި ކެތްތެރިވާން ދަސްކުރުމާއި، ބައިވެރިޔާގެ އުފަލަށް ތިމާގެ ހުރި އުނި ސިފަތައް ނޫނީ ބައިވެރިޔާ ހިތްހަމަ ނުޖެހޭ ސިފަތަކުން ދުރުވުމަށް މަސައްކަތް ކުރަންވާނެއެވެ.

ބައިވެރިޔާއަށް ތިމާގެ ފަރާތުން ދޭންވާ ސަމާލުކަމާއި އެހީތެރިކަން އަދި އެއްބާރުލުން ދޭންވާނެއެވެ. ރައްޓެހިންނާއެކު ބޭރުގައި ވަގުތު ހޭދަކުރާފަދައިން ތިމާގެ އަނބިމީހާ ނުވަތަ ފިރިމީހާއާ އެކުވެސް ވަގުތު ހޭދަކުރުމަކީ ދެމަފިރިންގެ ދެމެދުގައި އޮންނަ ގުޅުންވަަރުގަދަ ވާނެކަމެކެވެ.