އިންޓަނޭޝަނަލް އޮލިމްޕިކް ކޮމިޓީ (އައިއޯސީ)ގެ އިސް އޮފިޝަލެއްގެ މައްޗަށް ކޮރަޕްޝަންގެ ކުށް ސާބިތުވެއްޖެއެވެ.

ފްރާންސްގެ ޕެރިހުގައި 2024 ވަނަ އަހަރު ބާއްވަން ނިންމާފައިވާ އޮލިމްޕިކް ގޭމްސްގެ ބިޑް އިވެލިއުއޭޝަން ކޮމިޓީގެ ޗެއާމަން ކަން ކުރަމުން ދިޔަ ނެމިބިއާގެ ފްރޭންކީ ފްރީޑްރިކްސްގެ މައްޗަށް ކޮރަޕްޝަންގެ ކުށް ސާބިތުވާ ކަމަށް ފްރާންސްގެ ކޯޓަކުން ވަނީ ނިންމާފައެވެ.

އުމުރުން 50 އަހަރުގެ ފްރީޑްރިކްސްގެ މައްޗަށް ވަނީ 230،000 ޕައުންޑްގެ ރިޝްވަތުގެ ޗެކެއް ގަބޫލް ކުރި ކަމުގެ ކުށް ސާބިތުވެފަ އެވެ. އޭނާ އެ ފައިސާގައި ހިފި ކަމަށް ތުހުމަތު ކުރެވުނު އިރު ހުރީ އެ ކޮމިޓީގެ ޗެއާމަންގެ ގޮތުގައި ކަމުގައި ވިޔަސް އެ ތުހުމަތުތަކާއެކު އޭނާ ވަނީ އިސްތިއުފާ ދީފައެވެ.

ރިޕޯޓުތައް ބުނާ ގޮތުގައި އޭނާ އެ ރިޝްވަތުގެ ފައިސާގައި ހިފާފައި ވަނީ 2016 ވަނަ އަހަރުގެ އޮލިމްޕިކް ގޭމްސް ބްރެޒިލްގެ ރިއޯ ޑެ ޖެނީރޯގައި ބޭއްވުމަށް އިއުލާނުކުރި ދުވަހު ކަމަށް ތަހުގީގަށް ވަނީ ސާބިތުވެފަ އެވެ. އޭނާއަށް އެ ފައިސާ ހުށަހަޅާފައި ވަނީ ކުރީގެ އިންޓަނޭޝަނަލް އެސޯސިއޭޝަން އޮފް އެތްލެޓިކްސް ފެޑެރޭޝަން (އައިއޭއޭފް)ގެ ރައީސްގެ ދަރިފުޅު ލަމިއޭން ޑިއަކް ކަމަށް ވެސް ތަހުގީގަށް ވަނީ ސާބިތުވެފައެވެ.

އެހެނަސް ފްރީޑްރިކްސް މި ތުހުމަތުތަކަކަށް އިންކާރުކޮށް ބުނެފައި ވަނީ އެ ފައިސާއަކީ އޮލިމްޕިކް ބިޑާ އެއްވެސް ގުޅުމެއް ހުރި ފައިސާ ނޫން ކަމަށާއި އެއީ އައިއޭއޭއެފަށް ކޮންސަލްޓަންސީ އަދި ޕްރޮމޯޝަނަލް ހަރަކާތްތަށް ހިންގުމަށް ދީފައިވާ ފައިސާ ކަމަށެވެ.

ބެލެވޭ ގޮތުގައި ފްރީޑްރިކްސް އުމުރު ދުވަހަށް ކުޅިވަރާ ގުޅޭ ހުރިހާ ކަމަކުން ސަސްޕެންޑް ކުރެވިގެން ދާނެއެވެ.