05 Nov 2017, 14:45
ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިސް މައުމޫންގެ މައްޗަށް އުފުލާފައިވާ ރިޝްވަތު ދިނުމުގެ ދައުވާ ސާބިތުކުރަން ހުށަހަޅާފައިވާ އޯޑިއޯ ރެކޯޑިން އަކީ ގާނޫނާ ޚިލާފަށް ހޯދާފައިވާ ހެއްކެއް ކަމަށް ފާރިސްގެ ވަކީލުން ވިދާޅުވެއްޖެއެވެ.
އެ ދައުވާ ސާބިތުކުރަން ހުށަހަޅާފައިވާ އޯޑިއޯ ރެކޯޑިން އަކީ ލ. ފޮނަދޫ ސްވީޓްފްލާވާ، އަހުމަދު ޝާފިއު އާއި އެހެން މީހަކާ ދެމެދު ދެކެވިފައިވާ ވާހަކައެއްގެ އޯޑިއޯ ރެކޯޑިންއެވެ. ޝާފިއު އަކީވެސް މެމްބަރުންނަށް ރިޝްވަތުދޭން އުޅުނު ކަމުގެ ތުހުމަތުގައި ހައްޔަރުކުރި މީހެކެވެ.
ޝާފިއު އާއި އެހެން މީހަކާ ދެމެދު ދެއްކި ވާހަކައެއްގެ އޯޑިއޯ ރެކޯޑިން އާއި އޭގެ ސްކްރިޕްޓާއި އެ އޯޑިއޯ އެނަލައިޒްކުރި ފުލުސް އޮފިސަރު ދައުލަތުން ވަނީ ހެއްކެއްގެ ގޮތުގައި ހުށަހަޅާފައެވެ.
ފާރިސްގެ ގާނޫނީ ވަކީލެއް ކަމަށްވާ އިބްރާހިމް ޝަމީލް ވިދާޅުވީ ޝާފިއުގެ ވާހަކަތައް އަޑުއަހައި ރެކޯޑުކޮށްފައި ވަނީ ކޮން އުސޫލަކުން ކަމެއް ދައުލަތަށް ބުނެދެވިފައިނުވާ ކަމަށެވެ. އެހެންކަމުން އެ ރެކޯޑިން އަކީ ގާނޫނާ ޚިލާފަށް ހޯދާފައިވާ ހެއްކެެއް ކަމަށް ކަނޑައަޅައި އެ ހެކި ބަލައިނުގަތުމަށް އޭނާ ވަނީ އެދިވަޑައިގެންފައެވެ.
ޝަމީލްގެ ވާހަކަތަކަށް ރައްދުދެއްވަމުން ދައުލަތުގެ ވަކީލާ އައިޝަތު މުހައްމަދު ވިދާޅުވީ ޝާފިއު އާއި އެހެން މީހަކާ ދެމެދު ދެކެވުނު ވާހަކައެއްގެ ރެކޯޑިން އަކީ ފުލުހުންގެ އިންޓެލިޖެންސަށް ލިބިފައިވާ އެއްޗެއް ކަމަށެވެ. އަދި އިންޓެލިޖެންސަށް މައުލޫމާތު ލިބޭގޮތަކީ އާންމުކޮށް ހާމަކުރާ މައުލޫމާތެއް ނޫން ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
މިއަދުގެ އަޑުއެހުމުގައި ވެސް އޮތީ ޝަރީއަތް ފެށުމުގެ ކުރިން އިޖުރާއީގޮތުން ހުށަހަޅާ ކަންކަން ހުށަހެޅުމެވެ. އެގޮތުން މިއަދު ވަނީ ހަ ނުކުތާއެއް ހުށަހަޅާފައެވެ. ޖުމްލަ 22 ކަމެއް ހުށަހެޅުމަށް ފާރިސްގެ ފަރާތުން ނިންމާފައިވާއިރު، ބާކީ ހުށަނޭޅި ވަނީ ހަތް ކަމެކެވެ.