04 Aug 2011, 01:30
މާތް ﷲ އިންސާނާ އަށް ދެއްވާފައިވާ ނިޢުމަތްތަކަކީ، އެނިޢުމަތްތަކާ ބެހޭގޮތުން ޤިޔާމަތް ދުވަހުގައި ސުވާލު ކުރެއްވޭނެ ނިޢުމަތްތަކެވެ. އިންސާނާއަށް ނިޢުމަތްތައް ދެއްވުމަށްފަހު އެނިޢުމަތްތަކަށް ޝުކުރުވެރިވުމަށް އަމުރު ކުރެއްވިއެވެ. މާތް ﷲ ވަޙީ ކުރައްވާފައިވަނީ މިފަދައިންނެވެ. "ފަހެ ތިޔަބައިމީހުން ތިމަންރަސްކަލާނގެ ހަނދުމަކުރާށެވެ! އޭރުން ތިމަންރަސްކަލާނގެ ތިޔަބައިމީހުން ހަނދުމަކުރައްވާ ހުށީމެވެ. އަދި ތިމަންރަސްކަލާނގެއަށް ތިޔަބައިމީހުން ޝުކުރު ކުރާށެވެ! އަދި ތިމަންރަސްކަލާނގެއަށް ތިޔަބައިމީހުން ކާފިރު ނުވާށެވެ!"
ދުލަކީ އިންސާނާގެ ހަށިގަނޑުގައިވާ އެންމެ ނާޒުކު ގުނަވަނެވެ. ނަމަވެސް އެ ގުނަވަނެއްގެ ސަބަބުން އިންސާނާއަށް އެންމެ ބޮޑު މުޞީބާތެއް ޖެހޭ އެއް ގުނަވަނެވެ. ކީރިތިރަސޫލާގެ އަރިހުން ރިވާ ވެގެންވާ ބަސްފުޅެއްގެ މާނާގައިވެއެވެ. "އިންސާނާގެ ހަށިގަނޑުގައި ގުނަވަނެއްވެއެވެ. އެގުނަވަން ސީދާވެއްޖެނަމަ، މީހާ ސީދާ ވާނެއެވެ. އެގުނަވަން ފާސިދުވެއްޖެނަމަ، މީހާ ފާސިދުވެގެން ދާނެއެވެ. ދަންނާށެވެ. އެއީ ހިތެވެ." ދުލުން ދައްކާވާހައިގެ ސަބަބުން އިންސާނާ ބޯކޮޅުވަތަށް ނަރަކައަށް އެއްލެވެއެވެ. އެހެންކަމުން ދުލުން ދައްކާ ވާހަކަތާކައި މެދުވަރަށް ފަރުވާތެރިވާން ޖެހެއެވެ.
އަދިވެސް ކީރިތިރަސޫލާގެ އަރިހުން ވާރިދުވެފައިވާ ބަސްފުޅެއްގެ މާނާގައިވެއެވެ. "ދުނިޔެމަތީގައި ދެމޫނު ލިބިގެންވާ މީހުންނަށް ޤިޔާމަތް ދުވަހުގައި އަލިފާނުންވާ ދެދޫ ދެއްވާ ހުއްޓެވެ." މިބަސްފުޅުގައި ބަޔާން ކުރައްވާފައި މިވަނީ، ދުނިޔެމަތީގައި ދެފަހަރު ދެގޮތަށް ވާހަކަ ދައްކާ މީހުންގެ ޙާލު ހުރި ގޮތުގެވާހަކައެވެ.
އިންސާނާގެ ހުރިހާ ގުނަވަނަކުން ކުރާ ޢަމަލުތައް ދަނީ ލިޔުއްވަމުންނެވެ. ޤިޔާމަތް ދުވަހުގައި އޭނާގެ ކުރިމަތީގައި އެފަތް ހުށަހަޅުއްވާނެއެވެ. މާތް ﷲ ވަޙީ ކުރައްވާފައިވަނީ މިފަދައިންނެވެ. "އަދި ކޮންމެ އިންސާނަކުމެ، އޭނާ ކުޅަ ޢަމަލެއް އޭނާގެ ކަރުގައި ތިމަންރަސްކަލާނގެ އެޅުއްވީމެވެ. އަދި ޤިޔާމަތް ދުވަހުން، ތިމަންރަސްކަލާނގެ އެމީހަކަށް ފޮތެއް ނެރުއްވާހުށީމެވެ. އެ ފޮތް ނިއުޅާލެވިފައިވާ ޙާލުގައި އޭނާ ދެކޭނެތެވެ. އަދި ވެސް އަންގަވާނެތެވެ. ތިބާގެ ފޮތް ތިބާ ކިޔާށެވެ! މިއަދު ތިބާގެ މައްޗަށް ޙިސާބު ކުރާ މީހަކަށް، ތިބާގެ އަމިއްލަ ނަފުސް ފުދެއެވެ." )އިސްރާ 13-14(
ޚާއްޞަ ގޮތެއްގައި ރަމަޟާން މަހު ރޯދައަށް ހުންނައިރު ތިމާގެ ދުލުން ދައްކާ ވާހަކައާ މެދު ސަމާލުކަން ދޭން ޖެހެއެވެ. ރޯދައަށް ހުންނައިރު އަބަދުވެސް މާތް ﷲ އަށް ޛިކުރު ކޮށް ތެތްކޮށް ބާއްވާން ޖެހެއެވެ. މާތް ﷲ އަށް ޛިކުރުކުރުން މަތީ ދެމިހުންނަ މީހަކަށް އެކަލާނގެ ރަޙުމަތް ބާވައިލައްވައެވެ. މިފަދައިން ޢަމަލު ނުކުރާ މީހުން ހިފާ ރޯދައިން ކަރުހިއްކުމާއި، ބަނޑުހައިހޫނުކަން ފިޔަވާ އެހެންކަމެއް ނުވެއެވެ."
އެހެންކަމުން އެންމެ ފުރިހަމަ މުސްލިމަކީ، ތިމާއާއި ނުބެހޭކަންތައްތަކާ ދުރުހެލިވެގެން ހުންނަ މީހާއެވެ.