05 Nov 2017, 14:56
ދިވެހިރާއްޖޭގެ 209 ކައުންސިލުގެ ތެރެއިން 129 ކައުންސިލެއް އޮޑިޓްކުރުމަށް އަމިއްލަ އޮޑިޓްފާމް ތަކަކާ މިއަދު ހަވާލުކޮށްފިއެވެ.
މިއަދު ހެނދުނު އޮޑިޓަރ ޖެނެރަލް އޮފީހުގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި އެ އޮފީހުގެ ފަރާތުން ވަނީ ތިން އޮޑިޓްފާމަކާ ކައުންސިލްތައް އޮޑީޓް ކުރުމަށް ހަވާލުކޮށްފައެވެ.
ކައުންސިލްތައް އޮޑިޓް ކުރުމަށް މިއަދު ހަވާލުކޮށްފައިވަނީ އެފް ޖޭ އެސް އެސޯސިއޭޝަން، އެމްއެޗްޕީއޭ އަދި ކްރޯވް ހޯވަރތު މޯލްޑިވްސްއާއެވެ.
އޮޑިޓް އޮފީހުން މި ތިން އޮޑިޓްފާމާ މަސައްކަތް ހަވާލުކޮށްފައިވަނީ ކޮންމެ އޮޑިޓް ފާމަކަށްވެސް 292,955,000 ރުފިޔާ ލިބޭ އުސޫލުން ކޮންމެ އޮޑިޓް ފާމަކުންވެސް 43 ކައުންސިލް އޮޑިޓް ކުރާ ގޮތަށެވެ. އަދި އެ މަސައްކަތް ނިންމަން ހަވާލުކޮށްފައިވަނީ ތިން މަސް ދުވަހުގެ ނިޔަލަށެވެ.
އޮޑިޓް ޤާނޫނާއި ދައުލަތުގެ މާލިއްޔަތުގެ ޤާނޫނުގައި ކަނޑައަޅާފައިވާ ގޮތަށް، ދައުލަތުގެ މުއައްސަސާތައް އޮޑިޓް ކުރުމަކީ ޤާނޫނުއަސާސީން އޮޑިޓަރ ޖެނަރަލްއަށް މަތިކޮށްފައިވާ މަސްއޫލިއްޔަތެކެވެ. އެ ގާނޫނުގެ ދަށުން ދިވެހިރާއްޖޭގެ އިދާރީ ދާއިރާ ތަކުގައި ހިމެނޭ ކައުންސިލުތައް ވެސް އަހަރަކު އެއްފަހަރު އޮޑިޓް ކުރަން ޖެހެއެވެ.
މިއަދު ކުރިއަށް ދިޔަ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އެސިސްޓެންޓް އޮޑިޓަރ ޖެނެރަސް ހުސެއިން ނިޔާޒް ވިދާޅުވީ، މިގޮތަށް މިނިވަން އޮޑިޓް ފާމްތަކަށް ދީގެން ކައުންސިލްތައް އޮޑިޓް ކުރަން ނިންމީ އެކަމަކީ އޮޑިޓް އޮފީހުން ކުރަން އުޅެފިނަމަ ގިނަ އަދަދެއްގެ ފައިސާ ހަރަދުވާނެ ކަމަކަށްވާތީ ވީހާވެސް ލުއި ވާނެ ގޮތަކަށް އެކަން ކުރުމަށެވެ. އަދި ކައުންސިލުގެ އޮޑިޓުތައް ޤާނޫނުގައި ބަޔާންކުރާ މުއްދަތަށް ނިންމުމަށް މަސައްކަތް ކުރުމާއި ދިވެހި އޮޑިޓަރުންނަށް މިފަންނުން ފުރުޞަތު ތަނަވަސް ކޮށްދިނުން ކަމަށްވެސް ނިޔާޒް ވިދާޅުވިއެވެ.
އޮޑިޓަރ ޖެނަރަލްގެ އޮފިހުން 2016 ވަނަ އަހަރުގެ ނިޔަލަށް ކުރެވިފައިވަނީ 183 ކައުންސިލުގެ އޮޑިޓްއެވެ.