05 Nov 2017, 14:11
އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓް ރައްޔިތުންގެ މަޖިލީހަށް ފޮނުވައިފިއެވެ.
ފިނޭންސް މިނިސްޓްރީގެ އޮފިޝަލެއް މިއަދު 'ސަން؛ އަށް ވިދާޅުވީ، އަންނަ އަހަރުގެ ދައުލަތުގެ ބަޖެޓް މިދިޔަ ބުރާސްފަތި ދުވަހު މަޖިލީހަށް ފޮނުވާފައިވާނެ ކަމަށެވެ. ނަމަވެސް ބަޖެޓާ ގުޅޭ އިތުރު އެއްވެސް ތަފްސީލެއް އޮފިޝަލް ނުދެއްވައެވެ.
"ގާނޫނުގައިވާ މުއްދަތު ހަމަވުމުގެ ކުރިން ބަޖެޓް ވަނީ މަޖިލީހަށް ހުށަހަޅާފައި. ބަޖެޓްގެ ތަފްސީލް ދެއްވާނީ ފިނޭންސް މިނިސްޓަރު މަޖިލީހަށް ބަޖެޓް ހުށަހަޅުއްވަމުން،" އޮފިޝަލް ވިދާޅުވި އެވެ.
ރާއްޖޭގެ ތާރީހުގައި މިހާތަނަށް އެންމެ ބޮޑު ބަޖެޓެއް ފާސްކޮށްފައި ވަނީ މިދިޔަ އަހަރު އެވެ. އެ ބަޖެޓަކީ މި އަހަރަށް ލަފާކޮށް، ހުށަހެޅި 26.7 ބިލިއަން ރުފިޔާގެ ބަޖެޓެވެ. އަދި މިދިޔަ މަހު މަޖިލީހުން ފާސްކުރި 493 މިލިއަން ރުފިޔާގެ ސަޕްލިމެންޓްރީ ބަޖެޓާ އެކު ދައުލަތުން ހަރަދު ކުރި ފައިސާގެ ޖުމްލަ އަދަދު 27.1 ބިލިއަނަށް އަރާނެ އެވެ.
މާލިއްޔަތު ގާނޫނަށް 2012 ވަނަ އަހަރު މަޖިލީހުން ގެނެސްފައިވާ އިސްލާހެއްގައި ބުނެފައި ވަނީ ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށް ޓަކައި ކޮންމެ މާލީ އަހަރަކަށް އެކުލަވައިލެވޭ އެ އަހަރުގެ ދައުލަތުގެ ބަޖެޓު ފިނޭންސް މިނިސްޓަރު ތައްޔާރުކޮށް ބަޖެޓު އެކުލަވައިލެވޭ މާލީ އަހަރު ފެށުމުގެ އެންމެ ލަސްވެގެން ދެ މަސް ދުވަހުގެ ކުރިން މަޖިލީހަށް ހުށަހަޅަންވާނެ ކަމަށެވެ.