05 Nov 2017, 14:07
ޗެންނާއީ(ނޮވެމްބަރު 5): އިންޑިއާގެ ޓަމިލް ނާޑޫއަށް ކުރަމުންދާ މޫސުމީ ވިއްސާރައިގައި ބޯކޮށް ވާރޭވެހުމުގެ ސަބަބުން ފެންބޮޑުވެ، މިހަފްތާ ތެރޭގައި 12 މީހަކު މަރުވެއްޖެ އެވެ.
ޓަމިލް ނާޑޫގެ ސަރުކާރުން ނެރުނު ބަޔާނެއްގައިވާ ގޮތުން އެސްޓޭޓުގެ ވެރިރަށް ޗެންނާއީއަށް ބޯކޮށް ވާރޭ ވެހޭނެ ކަމަށް މޫސުމާ ބެހޭ އިދާރާތަކުން ބުނުމާ ގުޅިގެން އެ ސިޓީގެ ގިނަ ސްކޫލުތައް މިހާރު ވަނީ ބަންދުކޮށްފައެވެ. އަދި ފާއިތުވި ދެ ދުވަސް ތެރޭގައި އެ ސްޓޭޓަށް ބޯކޮށް ވާރޭވެހި، ބިން ތިރި ސަރަހައްދުތަކުގައި ފެންބޮޑުމުގެ ސަބަބުން 10،000ށް ވުރެ ގިނަ މީހުން ވަނީ ވަގުތީ ހިޔާތަކަށް ބަދަލުކޮށްފައި ކަމަށް އެބަޔާނުގައިވެއެވެ.
ޓަމިލް ނާޑޫގެ މޫސުމާ ބެހޭ އިދާރާއިން ބުނާ ގޮތުގައި ފާއިތުވި ތިން ދުވަސް ތެރޭގައި ޗެންނާއީއަށް ވަނީ 300 މިލިމީޓަރުގެ ވާރޭ ވެހިފައެވެ. އޭގެ ސަބަބުން 2015 ވަނަ އަހަރުގެ ވިއްސާރަ މޫސުމުގައި އެސިޓީއަށް ދިމާވި ހާލަތު ފަދަ ހާލަތެއް އަނެއްކާވެސް ކުރިމަތިވެދާނެ ކަމުގެ ބިރު ވަނީ ހީވެފައެވެ. އެއަހަރު އެސިޓީގައި ފެންބޮޑުވުމާ ގުޅިގެން 150 މީހަކު މަރުވެފައިވެއެވެ. (އޭޕީ)