05 Nov 2017, 13:56
ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް) ގެ މުވައްޒަފުން ސަލާން ބުނެފި ނަމަ ސާވިސްއެލަވަންސުން ކަނޑާ ގޮތަށް ހާޒިރީގެ އުސޫލުތަކަށް ބަދަލުގެނެސްފި އެވެ.
"ސަން" އަށް އެނގިފައިވާ ގޮތުގައި ޕީއެސްއެމްގައި މަސައްކަތް ކުރާ މުވައްޒަފުން ސަލާން ބުނެފި ނަމަ ސާވިސް އެލަވަންސްއިން ސަލާން ބުނާ ކޮންމެ ދުވަހަކަށް 100 ރުފިޔާއަށް ވުރެ މަދު ނޫން އަދަދެއް ކަނޑާ ގޮތަށް ވަނީ ހަމަޖައްސާފައެވެ.
ހާޒިރީގެ އުސޫލުތަކަށް ބަދަލުގެނެސް އެކަން މެއިލް މެދުވެރިކޮށް ޕީއެސްއެމްގެ މުވައްޒަފުންނަށް އަންގާފައިވާކަންވެސް ވަނީ އެނގިފަ އެވެ.
ޕީއެސްއެމްގެ ޑެޕިއުޓީ މެނޭޖިންގް ޑިރެކްޓަރު އާމިނަތު ޝާޔާން ޝާހިދު "ސަން" އަށް ވިދާޅުވީ ހާޒިރީގެ އުސޫލުތަކަށް ބަދަލެއް ގެނެސްފައިވާނެ ކަމަށެވެ. ބަދަލުތަކުގެ ތަފްސީލެއް ޝާޔަން ނުދެއްވަ އެވެ.
އެގޮތަށް ކެނޑުމަށް ޕީއެސްއެމްއިން ނިންމާފައިވާއިރު ސިވިލް ސާވިސް މުވައްޒަފުންގެ ގަވާއިދުގައި އެގޮތަށް ކެނޑޭނެ ކަމަށް ބުނާ މާއްދާ ހައިކޯޓުން ވަނީ ބާތިލު ކޮށްފަ އެވެ. އެ މާއްދާ ބާތިލު ކުރީ ވަޒީފާއާ ބެހޭ ގާނޫނުގެ 42 ވަނަ މާއްދާއާ ޚިލާފު ކަމަށް ބުނެ އެވެ.
ވަޒީފާއާ ބެހޭ ގަނޫނުގެ 42 ވަނަ މާއްދާގެ (ހ) ގައި ބުނެފައި ވަނީ މުވައްޒަފަކު ޚިދުމަތް ކުރާ ކޮންމެ އަހަރަކު ސަލާމުގެ ޗުއްޓީގެ ގޮތުގައި މުސާރަ ލިބޭގޮތަށް ދިނުމަށް ވަޒީފާދޭ ފަރާތުގެ މައްޗަށް ލާޒިމް ވާނީ ގިނަ ވެގެން 30 ދުވަހުގެ ޗުއްޓީއެއް ކަމަށެވެ.
ގާނޫނުގައި އެހެން ބުނެފައި ވަނިކޮށް ސިވިލް ސާވިސް ކޮމިޝަނުން 2014 ވަނަ އަހަރު ވަނީ، ސަލާން ބުނެފިނަމަ ސާވިސް އެލަވަންސް އެދުވަހަށް ނުލިބޭނެ ކަމަށް ބުނެ ގަވާއިދެއް އެކުލަވާލާފަ އެވެ.
އެގަވައިދާ ގުޅިގެން އެޓާނީ ޖެނެރަލް މުހައްމަދު އަނިލް ވަނީ ސަލާން ބުންޏަސް ސާވިސް އެލަވަންސުން ނުކެނޑޭނެ ކަމަށް ބުނެ ލަފާ ދެއްވާފަ އެވެ.
އޭގެ ފަހުން 2015 ވަނަ އަހަރު އެ މައްސަލަ އަމިއްލަ މީހެއްގެ ފަރާތުން ހައިކޯޓަށް ހުށަހެޅުމުން ސަލާން ބުނާ ދުވަހަށް ސާވިސް އެލަވަންސުން ކެނޑޭނެ ކަމަށް ބުނެފައިވާ ސީއެސްސީގެ ގަވާއިދުގެ މާއްދާބާތިލު ކަމަށް ވަނީ ކަނޑައަޅާފައެވެ.