ބައެއް މީހުން ދެކޭ ގޮތުގައި ދެމަފިރިއެއްގެ ގުޅުން އެންމެ ފުރިހަމަވާނީ އެކަކު އަނެކަކުދެކެ ވާލޯބި ބަހާއި އަމަލުން އެއްވަރަށް ދެއްކުމުންނެވެ. ބައިވެރިޔާ ދެކެ ލޯބިވާ މިންވަރު ހާމަކޮށް ކޮންމެ ދުވަހަކު ވެސް އެވާހަކަ ބުނަންވާނެ އެވެ. އެކަމަކު އެނގޭހެއްޔެވެ. ލޯބިވާ ވާހަކަ އަނބިމީހާގެ ދުލުން ބުނުމުގެ ބަދަލުގައި ފިރިން ބޭނުން ވަނީ އެކަން އަމަލުން ދެއްކުމެވެ. މި ގޮތުން އެންމެ ފުރަތަމަ ވެސް ފިރިހެނުން ބޭނުންވާ އެންމެ ބޮޑު އަދި އެންމެ މުހިއްމު އެއްކަމަކީ އެމީހުން ދައްކާ ވާހަކަތައް އަޑުއެހުމެވެ.

ފިރިހެނުން ވެސް، އެމީހުންނާއި ދިމާވާ މައްސަލަތައް ހިއްސާކޮށް، އެކަމާއި މަޝްވަރާ ކޮށްލާނެ މީހެއްގެ އެހީތެރިކަމަށް ބޭނުންވެ އެވެ. ނުވަތަ އެކުގައި ވާހަކަ ދައްކާލާނެ މީހަކަށް ބޭނުންވެ އެވެ. އެމީހުން އެންމެ ބޮޑަށް ބޭނުންވާނީ އަނބިމީހާއާ އެކު ވާހަކަ ދައްކާލާ ހަދާލުމަށެވެ. ފިރިހެނުންނަށް މިފުރުސަތު ދޭށެވެ. އެމީހުންގެ ހިތްހަމަޖެހި، ބައިވެރިޔާ އަށް އޮންނަ ލޯބި އިތުރުވެގެންދާނެ އެވެ.

ފިރިމީހާ ކޮށްދޭ ކުދިކުދި ކަންތަކަށް ވެސް ޝުކުރުވެރިވާށެވެ. ކޮށްދޭ ކުދިކުދި ކަންތައްތައް ހެޔޮހިތުން ފާހަގަކޮށް އެކަންކަމަށް ޝުކުރުވެރި ވުމަކީ ފިރިހެނުންގެ ހިތްހަމަޖެހި، ބައިވެރިޔާގެ މައްޗަށް އޮންނަ އިތުބާރާއި ލޯބި އިތުރުވާނެ ކަމެކެވެ.

ބައިވެރިޔާގެ ފަރާތުން ކަންކަމުގައި ޚިޔާލާއި މަޝްވަރާ ހޯދާށެވެ. ތިމާގެ ދިރިއުޅުމުގައި އޭނާ އަކީ ކިހާ މުހިއްމު މީހެއްކަން މިކަމުގެ ސަބަބުން ބައިވެރިޔާ އަށް އިހުސާސްވާނެ އެވެ. އަދި ބައިވެރިޔާ އަށް ކުރާ އިތުބާރު ވެސް މިކަމުގެ ސަބަބުން ހާމަވެގެންދާނެ އެވެ. ސައިކޮލަޖިސްޓެއް ކަމަށްވާ ޑރ. އަންޑްރާ ބްރޯޝް ވިދާޅުވެފައިވާ ގޮތުގައި އަންހެނުން، އެމީހުންގެ ފިރިހެން ބައިވެރިޔާ ކައިރީ ކަންކަމުގައި ޚިޔާލާއި މަޝްވަރާ ހޯދާ ނަމަ، އަންހެން މީހާގެ ދިރިއުޅުމުގައި ފިރިހެންމީހާ އަކީ ކިހާ މުހިއްމު މީހެއްކަން އޭނާއަށް އިހުސާސްވެގެން ދާނެ އެވެ.

ފިރިމީހާއަށް ތިމާގެ ސަމާލުކަން ދޭށެވެ. އެކުގައި ހޭދަކުރަން ލިބޭ ވަގުތުތަކުގައި ތިމާގެ އަތުގައި އޮންނަ ފޯނަށް ސަމާލުކަން ދިނުމުގެ ބަދަލުގައި ކައިރީ ހުންނަ ފިރިމީހާއަށް ސަމާލުކަންދީ އޭނާ އާއެކު ކޮލެޓީ ވަގުތު ހޭދަކުރަން މަސައްކަތް ކުރާށެވެ. މިއީވެސް ލޯބިވާކަން ހާމަކޮށްދެވިދާނެ ގޮތެކެވެ.

މީހުން ބުނެއުޅެއެވެ. ފިރިހެނާގެ ހިތަށް ވާސިލް ވެވޭނީ އޭނާގެ ބަނޑުތެރެއިން ލައިފަ އެވެ. ރަނގަޅު މީރު ކާއެއްޗެހި ތައްޔާރުކުރަން އެނގޭ އަންހެނުންދެކެ ފިރިހެނުން ފިސާރި ލޯބިވާ ވާހަކަ ވެސް އަޑު އިވެ އެވެ. ކޮންމެއަކަސް ތިމާގެ ފިރިމީހާ އަށް ޚާއްސަ ކަމެއް ކޮށްދީގެން އޭނާ ދެކެ ލޯބިވާ މިންވަރު ބުނެދެން ބޭނުންވާ ނަމަ، އޭނާ އަށް އެންމެ މީރު ކާއެއްޗެހި ތައްޔާރުކޮށްދެވޭތޯ ބަލާށެވެ.

ދުލުން ލޯބިވެޔޭ ނުބުންޏަސް އަމަލުން މިފަދަ ކަންތައް ދައްކައިދޭނަމަ، ތިމާގެ ފިރިމީހާ ދެކެ ލޯބިވާ މިންވަރު އޭނާ އަށް އިހުސާސް ކުރެވޭނެ އެވެ. ދެމީހުންގެ ދެމެދުގައި އޮންނަ ގުޅުން އިތުރަށް ވަރުގަދަވެ، ބަދަހިވެގެން ދާނެ އެވެ.