ޑޮނަލްޑް ޓްރަމްޕް ރައީސްކަމަށް ވަޑައިގަންނަވާނެ ކަމަށް މާކުރިންވެސް ވިދާޅުވި އެމެރިކާގެ ޕްރޮފެސަރު އެލަން ލިޗްމަން، އަހަރެއްހާ ދުވަހުގެ ތެރޭގައި ޓްރަމްޕް ރައީސްކަމުގެ މަގާމުން ދުރުކުރާނެކަމަށް ބުނެފިއެވެ.

ޓައިމް މެގަޒިންގައި ޝާއިއުކުރި ލިޔުމެއްގައި އެލަން ވިދާޅުވީ، ޓްރަމްޕް މަގާމުން ދުރުކުރުމުގެ ވަގުތު ވަރަށް ބޮޑަށް ކައިރިވެއްޖެ ކަމަށެވެ.

އެލަން ވިދާޅުވީ، ޓްރަމްޕް މަގާމުން ދުރުކުރާނެ ކަމަށް ބެލެވެނީ ޓްރަމްޕް ކެމްޕޭންގެ ތެރޭގައި ރަޝިއާގެ އޮފިޝަލުންނާ ބައްދަލުކުރިކަމަށް ކުރެވިފައިވާ ތުހުމަތުތަކުގެ މައްސަލައިގައި ކަމަށެވެ.

ޓްރަމްޕްގެ ކެމްޕޭން އޮފިޝަލުން ރަޝިއާގެ އޮފިޝަލުންނާ ބައްދަލުކުރެއްވިކަން ޓްރަމްޕަށް އެނގިވަޑައިގަންނަވާކަމަށްވެސް ދާދި ފަހުން އެފްބީއައިއިން ކުރި ތަހުގީގުތަކުން ހާމަވާ ކަމަށްވެސް ލިޗްމަން ވިދާޅުވިއެވެ.

ޓްރަމްޕްގެ ރިޔާސީ ކެމްޕެއިނާއި ރަޝިއާއާ އޮތް ގުޅުމާ ބެހޭ ގޮތުން އެފްބީއައިއިން ކުރިއަށްގެންދާ ތަހުގީގަށް އިތުރުފުޅު ހެއްދެވި ކަމަށް ޓްރަމްޕްގެ ކެމްޕެއިން އެޑްވައިޒަރެއް ކަމަށްވާ ޖޯޖް ޕަޕަޑުޕޮލޮސް ވަނީ ދާދިފަހުން އިއުތިރާފް ވެފައެވެ.
އެމެރިކާގެ ބިލިއަނަރަކުވެސް ވަނީ ޓްރަމްޕް މަގާމުން ދުރުކުރުމަށްޓަކައި ބޮޑު ކެމްޕޭނެއް ފަށައިފައެވެ.

ޓްރަމްޕް ވަނީ އޭނާއާ މެދު ކުރެވިފައިވާ ތުހުމަތު ތަކުގައި އެއްވެސް ހަގީގަތެއް ނެތް ކަމަށް ވިދާޅުވެފައެވެ. ރަޝިއާއިން މިދިޔަ އަހަރު އެމެރިކާގައި ބޭއްވި ރިޔާސީ އިންތިހާބަށް ނުފޫޒު ފޯރުވިކަމަށް ވެސް އެމެރިކާއިން ތުހުމަތު ކުރެއެވެ.

އެމެރިކާގައި ކުރިން ރައީސްކަން ކުރެއްވި ރިޗަޑް ނިކްސަން "ވޯޓާ ގޭޓް" މައްސަލައިގައި ވެސް އެގައުމުން ބޮޑެތި ތަގުގީގުތަކެއް ކުރިއެވެ. ނަމަވެސް ސެނެޓުން އެމަނިކުފާނު މަގާމުން ދުކުރުރުމުގެ ކުރިން އެމަނިކުފާނު ވަނީ އަމިއްލަފުޅަށް އިސްތިއުފާދެއްވައިފައެވެ.