05 Nov 2017, 14:02
ކުޅުދުއްފުށި ކުޅި ހިއްކާ މައްސަލައާ ގުޅިގެން ހަތް ޖަމްއިއްޔާ އަކުން ކަންބޮޑުވުން ފާޅުކޮށް ކުޅުދުއްފުށި ކައުންސިލަށް "އޯޕަން ލެޓާ" އެއް ފޮނުވައިފިއެވެ.
ވޮއިސް އޮފް ވިމެން، އިކޯ ކެއާ މޯލްޑިވްސް، އުތެމަ، ބްލޫ ޕީސް މޯލްޑިވްސް، ބީ ލީފް، މޯލްޑިވްސް ޑިމޮކްރަސީ ނެޓްވޯކް އަދި ފްރެންޑްސް އެއިޑް ގުޅިގެން ކައުންސިލަށް ފޮނުވި ސިޓީގައި ބުނެފައިވަނީ ކުޅުދުއްފުށި ކުޅިއަކީ ރާއްޖޭގެ ގައުމީ ތަރިކައެއް ކަމަށާ، ކުޅި ހިއްކައިގެން އެއާޕޯޓެއް ތަރައްގީ ކުރުމަކީ ކުރު ރާސްތާގެ ތަރައްގީއެއް ކަމަށެވެ.
ރަށާ ރަށުގެ ރައްޔިތުން އޭގެ މަންފާއާއި ފައިސާއިން އަގު ނުކުރެވޭ ވަރުގެ މުހިއްމު ކުޅި ގުރުބާން ކުރުން ވަގުތުން ހުއްޓާލުމަށް އެ ސިޓީގައި ޖަމްއިއްޔާ ތަކުން ވަނީ ގޮވާލައިފައެެވެ.
ކުޅި ހިއްކަނީ ރާއްޖޭގެ ގާނޫނުތަކާ ގަވައިދު ތަކާ ހިލާފަށް ކަމަށާއި ކުޅި ހިއްކުމާ ގުޅޭގޮތުން ނެރެފައިވާ ތިމާވެށީގެ ރިޕޯޓާވެސް މުޅިން ހިލާފަށް ކަމަށް އެ ސިޓީގައި ވެއެވެ. މީގެ އިތުރުން ކުޅި ހިއްކަން ފެށުމުން އެސަރަހައްދުގެ ޑައިވް ޕޮއިންޓްތަކަށް އަސަރު ކުރާނެ ކަމަށްވެސް ސިޓީގައި ބުނެފައިވެއެވެ.
މީގެ އިތުރުން ގުދުރަތީ ތަރިކައެއް ގުރުބާން ކޮށްގެން އެއާޕޯޓެއް އަޅައިގެން ވަޒީފާގެ ފުރުސަތުތައް ތަނަވަސް ނުވާނެ ކަމަށް ޖަމިއްޔާ ތަކުގެ ސިޓީގައި ބުނެފައިވެއެވެ. އެވްރެޖްކޮށް އެއާޕޯޓެއްގައި އުފެއްދޭނީ 100 ވަޒީފާ ކަމަށާ ކުޅުދުއްފުސީ އެއާޕޯޓް އިންޓަނޭޝަނަލް ނުކުރެވޭއިރު، އުފެދޭ ވަޒީފާތައް މިއަށްވުރެ މަދުވާނެކަމަށް އެ ސިޓީގައި ވަނީ ބުނެފައެވެ.
ކުޅި ހިއްކާ މައްސަލައާ ގުޅިގެން ކުޅުދުއްފުށި ކައުންސިލުން "ގާނޫނާ ގަވައިދު ތަކުގެ އިމުން މަސައްކަތް ކުރުމަށް" އެ ސިޓީގައި ގޮވާލާފައިވެއެވެ.
ކުޅުދުއްފުށީގައި އެއާޕޯޓު އެޅުމަށް ބިން ހިއްކާއިރު، ހިއްކަން ހަމަޖެހިފައި ވަނީ އެރަށު ކުޅީގެ 30 ޕަސެންޓު ކަމަށް ބިން ހިއްކުމުގެ މަސައްކަތާ ހަވާލުވެފައިވާ އެމްޓީސީސީން ވަނީ ބުނެފައެވެ.
އެމްޓީސީސީގެ ސީއީއޯ އިބްރާހިމް ޒިޔަތު މީގެ ކުރީން "ސަން"އަށް ވިދާޅުވެފައި ވަނީ، ކުޅުދުއްފުށީގެ ކުޅި އެއްކޮށް ހިއްކާ ކަމަށް ވާހަކަތައް ދައްކަނީ ބައެއް ފަރާތްތަކަށް އޮޅުން އަރާފައިވާތީ ކަމަށެވެ. ބިން ހިއްކުމުގެ މަޝްރޫއުގެ ދަށުން ހިއްކަނީ ކުޅީގެ ބަޔަކާއި މޫދުގެ ބައެއް ކަމަށް އޭނާ ވިދާޅުވި އެވެ.