ޑިޕްރެޝަނަކީ ގިނަ މީހުނަށް އުމުރުގެ ކޮންމެ ވެސް ހިސާބަކުން ތަހައްމަލް ކުރަން ޖެހިފައިވާ ނުރައްކާ ބައްޔެކެވެ.

މީހާ ޑިޕްރެސް ވުމުން އެކަމުން އަވަހަށް ސަލާމަތްވާން ޖެހޭނެއެވެ. އެކަމުގެ ސަބަބުން މީހާ ސަލާމަތް ނުވެވިއްޖެނަމަ މީހާގެ ދިރިއުޅުން އަނދިރި ކަމެއްގެ ތެރެއަށް ވައްޓާލައި ދުނިޔެ މަތިން ފޫހިކޮށްލައި ނަފްސާނީ ބަލިމަޑުކަމެއްގެ ތެރެއަށް ވައްޓާލައެވެ.

ކަންމިހެންއޮތްއިރު މީހާ ޑިޕްރެޝަނުން އަރައިގަތުމަކީ ވަރަށް މުހިންމު ކަމެކެވެ. އެކަމުން ސަލާމަތަވުމަށް ކޮންމެވެސް ވަރަކަށް އަމިއްލަ ޒިންމާތަކެއް ހުންނާނެއެވެ. ޑިޕްރެޝަނުން މިހާ ސަލާމަތްވާނީ ކިހިނެއް ހެއްޔެވެ؟

ޑިޕްރެޝަނަކީ އެކަނިވެރިކަމަށް ލޯބިކުރުމުގެ އާދަ ތިމާގެ ގައިގައި އަށަގަންނުވައި އަމިއްލަ ނަފްސަށްކުރާ އިތުބާރު ގެއްލިގެންދާ ވަބާ އަކަށް ވީއިރު އެކަމުން އަރައިގަތުމަށް ޓަކައި ޑޮކްޓަރީ ބޭސް ބޭނުންކުރުމުގެ ބަދަލުގައި އަމިއްލަ ނަފްސަށް އިތުބާރު ކުރަން ފައްޓާށެވެ. ފުރަތަމަ ކޮޅު އުނދަގޫ ވެސް ވާނެއެވެ. ނަމަވެސް މަސައްކަތްކޮށްލާށެވެ. 'ނެގެޓިވް' ހިޔާލުތަކުން މީހާ ދުރުވާށެވެ. ކުރާ ކޮންމެ ކަމެއް ކާމިޔާބު ވާނޭ ހިތައި އެ އަޒުމުގައި މަސައްކަތް ކުރާށެވެ. 'ކޮންފިޑެންޓް' ވާށެވެ. ކަންކަމާ ކުރިމަތިލުމަށް އެއްވެސް ވަރަކަށް ފަސް ނުޖެހޭށެވެ. ހިތްވަރާއެކީ ކުރިމަތިލާށެވެ. ނަތީޖާ ފެންނާނެއެވެ.

އެކަހެރިވެގެން ކަނެއްގައި އަބަދު އިނުމުގެ ބަދަލުގައި މީހުންނާ އެކީ އުޅެވޭތޯ މަސައްކަތް ކުރާށެވެ. ދިމާވެފައިވާ މައްސަލަތައް އިތުބާރު ހިފޭ ފަދަ މީހަކާ ހިއްސާ ކުރާށެވެ.

ޑިޕްރެޝަން ދިމާވާ މައިގަނޑު އެއް ސަބަބަކީ މީހާއަށް ހަމަ ނިދި ނުލިބުމެވެ. ގަޑިން ގަޑިއަށް ނިދުމަކީ އެއިން އަރައިގަތުމަށް ކުރަން ޖެހޭ ވަރަށް މުހިއްމު ކަމެކެވެ. މަދުވެގެން ދުވާލަކު އަށް ގަޑިއިރުގެ ނިދި މީހާއަށް ބޭނުންވާނެއެވެ.

އާއިލާ އާ ރަހުމަތްތެރިންނާ މެދު ގާތް ގުޅުމެއް އުފައްދައި ތިމާ ފޫހިފިލާނެ ފަދަ ކަމެއްކޮށްލާށެވެ. ވާހަކައެއް ކިޔާލައި ފިލްމެއް ބަލައިލާށެވެ. އޭރުން ތިމާގެ ސިކުނޑީގައިވާ ބޭކާރު ހިޔާލުތައް ހަނދާންނައްތާލަން ފަސޭހަވެގެންދާނެއެވެ.

މި ހުރިހާ ކަމެއްގެވެސް އިތުރުން، ޚާއްސަކޮށް ތިމާ ހެއްދެވި ފަރާތުގެ މަތީން ގިނަގިނައިން ހަނދާންކުރާށެވެ. ފަރުޟު ފަސް ނަމާދަށް ފަރުވާތެރިވާށެވެ. އަދި ކުރިމަތިވެފައިވާ ކަންތައްތަކުން އަރައިގަތުމަށް މާތް ﷲގެ ޙަޟްރަތުން އެހީތެރިކަމަށް އެދި ގިނަގިނައިން ދުއާކުރާށެވެ.

މައުލޫމާތު: ވެބްއެމްޑީ