05 Nov 2017, 14:37
އިސްލާމިކް ސްޓޭޓް (އައިއެސް)އާ ގުޅިގެން ސީރިއާއާ އިރާގުގައި ހަނގުރާމަ ކުރަން ދިއުމަށް ފަހު، ރާއްޖެއަށް އަނބުރާ އަންނަ ދިވެހިން މޮނިޓާ ކުރުމާ ބެހޭ ގޮތުން އިންޑިއާ އާއި އެމެރިކާއިން މަޝްވަރާކޮށްފި ކަމަށް އިންޑިއާގެ މީޑިއާތަކުން ބުނެފި އެވެ.
"ދަ ހިންދޫ"ގައިވާ ގޮތުން އެބައްދަލުވުމުގައި ބައިވެރިވި އެމެރިކާގެ ޓީމުގައި އިސްކޮށް ހުންނެވީ އެމެރިކާއިން ރާއްޖެއާ ސްރީ ލަންކާއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު އަތުލް ކެޝަޕް އެވެ. އަދި އެޓީމުން ވަނީ އިންޑިއާގެ ފޮރިން ސެކްރެޓަރީ ޑރ. ސުބްރަމަންޔަމް ޖައިޝަންކަރުއާ މަޝްވަރާތައް ބާއްވައިފައެވެ.
ޓައިމްސް އޮފް އިންޑިއާގައިވާ ގޮތުން އެ ބައްދަލުވުމުގައި އެމެރިކާގެ ޑިޕްލޮމެޓަކު ވަނީ ރާއްޖޭގައި ދީނީ ގޮތުން ހައްދުފަހަނައަޅާފައިވާ ކަންތަކަށް ހިތްވަރުދޭ މީހުން އިތުރުވެފައިވާކަމަށާއި، ގިނަ އަދަދެއްގެ ދިވެހިން ވަނީ ހަނގުރާމައަށް ސީރިއާ އާއި އިރާގަށް ގޮސްފައި ކަމަށް ވިދާޅުވެފައެވެ.
އަދި އެމެރިކާގެ ޑިޕްލޮމެޓުން ވަނީ ރާއްޖޭގައި ޗައިނާގެ ނުފޫޒު އިތުރުވަމުންދާ ކަންވެސް ފާހަގަކޮށް، އެކަމާ ބެހޭ ގޮތުން ކަންބޮޑުވުން ފާޅުކޮށްފައެވެ. ނަމަވެސް އެއީ އިންޑިއާއިން ކަންބޮޑުވާ މައްސަލައެއްގެ ގޮތުގައި އެގައުމުގެ މިނިސްޓްރީ އޮފް އެކްސްޓާނަލް އެފެއާޒުން ބުނެފައި ނުވާ ކަމަށް ދި ހިންދޫގައިވެއެވެ.
މީގެ އިތުރުން އެދެ ގައުމުން ވަނީ ރާއްޖޭގެ ސިޔާސީ މަސްރަހާ ބެހޭ ގޮތުންވެސް މަޝްވަރާކޮށްފައެވެ. އެގޮތުން ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ މައްޗަށްކޮށްފައިވާ ޖަލު ހުކުމާއި، ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ދަރިކަލުން، ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިސް މައުމޫން ހައްޔަރު ކުރުމާ ބެހޭ ގޮތުން ދެ ގައުމުން ކަންބޮޑުވުން ފާޅު ކުރި އެވެ.
ނަމަވެސް ދި ހިންދޫއާ ވާހަކަ ދައްކަވަމުން ރާއްޖޭން އިންޑިއާއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު އަހުމަދު މުހައްމަދު ވަނީ ރާއްޖޭގައި އޮތީ ޑިމޮކްރަސީގެ އުސޫލުތަކާ ހިލާފު ވެރިކަމެއް ކަމަށް ބުނެ ކުރާ ތުހުމަތުތައް ދޮގު ކުރައްވައިފައެވެ. އަދި ބޭރުގެ ގައުމުތަކުން ރާއްޖޭގެ ދާހިލީ ކަންކަމަށް ނުފޫޒު ނުފޯރުވުމަށް ވިދާޅުވެފައި ވެއެވެ.